އިންޑިއާގެ އެހީގައި ހިންގި ގިނަ މަޝްރޫއެއް ނިމިއްޖެ

އިންޑިއާގެ އެހީގައި ހިންގި ގިނަ މަޝްރޫއެއް ނިމިއްޖެ

Author
މުޙައްމަދު ޝަޒައިމް
04 މާރޗް 2023 12:55
0

ރާއްްޖޭގެ އެކިކަންކޮޅުތަކުގައި އިންޑިއާ ސަރުކާރުން ހިންގާފައިވާ ގިނަ މަޝްރޫއުތަކެއް މިހާރު ނިމިފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެފިއެވެ.

މި މަޝްރޫއުތަކަކީ އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖު މާޗް، 2019 ގައި ރާއްޖެ އަށް ކުރެއްވި ދަތުރުގައި ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ދާއިރާ އަށް އެހީވުމުގެ ގޮތުން ހިންގި މަޝްރޫއުތަކެވެ. މި މަޝްރޫއުތަކަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވިއެވެ.

އިންޑިއާ އެމްބަސީން ހިއްސާ ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ހިންގި 18 މަޝްރޫއެއް ވަނީ ނިމިފައެވެ. އިންޑިއާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 61 ރަށެއްގައި އައުޓް ޑޯ ޖިމް ގާއިމުކުރުމާއި ދ. ވާނީގައި ހުންނަ ޕޮލިސް އެކަޑަމީ ތަރައްގީކުރުމާއި އއ. އުކުޅަހުގައި އެޅި ބައިނަލްއަގުވާމީ ކޮންފަރެންސް ހޯލާއި 67 ރަށުގައި ކުޑަކުދިންގެ ޕާކް އެޅުމާއި ހުޅުމާލެ ސެންޓްރަލް ޕާކާއި ޖެޓީ ތަރައްގީކުރުމާއި މާލޭގެ އެކުވެނި ޓްރެކް ތަރައްގީކުރުމާއި ފޯކައިދޫގައި ކޮމިއުނިޓީ ސެންޓަރެއް އެޅުމެވެ.

އިންޑިއާގެ ހިލޭ އެހީގައި ނިންމި އެހެން މަޝްރޫއުތައް:

– ބ. ފެހެންދޫ އާއި ބ. ގޮއިދޫއާ ދެމެދު ދުއްވާ ފެރީ
– ޅ. ޅޮއްސާއި ރ. ކިނޮޅަހުގައި ހަ ކްލާސް ރޫމް އެޅުން
– ގދ. ފަރެސްމާތޮޑާގައި ވެޓްލޭންޑް ޕާކް އޭރިއާއެއް ގާއިމު ކުރުން
– ފިޔަވަތި ތަރައްގީ ކުރުން
– ބ. ދަރަވަންދޫ ސިއްހީ މަރުކަޒުގައި އަވަސްފަރުވާދޭ ޔުނިޓެއް ގާއިމުކުރުން
– މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ވެހިކަލް ހަދިޔާ ކުރުން
– ހާފިޒު އަހުމަދު ސްކޫލާއި އަފީފުއްދީން ސްކޫލްގައި އެޑިއުކޭޝަން ސަޕޯޓު ޔުނިޓް ހެދުން
– އއ. ރަސްދޫ ގޮނޑުދޮށް ހިމާޔަތް ކުރުން
– މާލެ ސިޓީ ކައުންސިލަށް ހަދިޔާ ކުރި 16 ވެހިކަލް
– މ. ކޮޅުފުށީގައި މަގުބައްތި ހަރު ކުރުން

މީގެއިތުރުން އިންޑިއާ ސަރުކާރުގެ އެހީގައި ހައި އިމްޕެކްޓް ޑިވެލޮޕްމަންޓް މަޝްރޫއުގެ ގޮތުގައި ހިންގަން ނިންމި 28 މަޝްރޫއުގެ ތެރެއިން ހަތަރު މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމައިފައެވެ. އަދި ކުރިއަށް އޮތް ދެ މަސް ތެރޭގައި އިތުރު ހަތަރެއް ނޫނީ ފަސް މަޝްރޫއު ނިންމުމަށް ރާވާފައިވެއެވެ.

މިހާތަނަށް ނިންމި ހަތަރު މަޝްރޫއަކީ އައްޑޫ ސިޓީ މީދޫގެ މުލިމަތި ސަރަހައްދުގައި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމާއި ސ. ހުޅުދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރެއް ގާއިމު ކުރުމާއި ޑިފެންސް މިނިސްޓްރީ އަށް ސީ އެމްބިއުލާންސް ފޯރުކޮށްދިނުމާއި އޮލިމްޕަސް ހޯލް މަރާމާތު ކުރުމުގެ މަސައްކަތެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަނީ ވަރުގަދަވެފައެވެ. އެގޮތުން އިންޑިއާ އިން މާލީ ގޮތުން ވަމުން އަންނަ އެހީ އާއި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވި އެހީ އާއި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ނިންމަމުން އެ ގައުމުން ކުރަމުން އަންނަ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެވެ. މީގެ އިތުރުން ކުރިއަށް އޮތް ދެ މަސް ތެރޭގައި އިތުރު ހަތަރު ނޫނީ ފަސް މަޝްރޫއެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.