އިންޑިއާއަށް 1،800 ގްރާމްގެ، 100،000 ޑޮލަރުގެ އަގުހުރި ރަން އެތެރެ ކުރަން އުޅުނު މީހަކު އެގައުމުގެ ކަސްޓަމުން ހިފަހައްޓަރައިފިއެވެ.
ކަސްޓަމަށް ޑިކެލެއަރ ނުކޮށް، އިންޑިއާއަށް އެތެރެކުރަން އުޅުން މި ރަން ފެނިފައިވަނީ ސައުދީ އަރަބިއާއިން ދަތުރުކުރި މިމީހާގެ ޖަނގިޔަލުގެ ތެރެއިން ކަމުގައި، ދިއްލީ ކަސްޓަމްގެ ޓުވިޓާގައި ރިޕޯޓު ކޮށްފައި ވެއެވެ.
އިންޑިއާގެ ރައްޔިތެއް ކަމުގައިވާ މިމީހާ ދަތުރު ކޮށްފައިވަނީ ސައުދީ އަރަބިއާގެ ރިޔާދުން އިންޑިއާގެ އިންދިރާ ގާނދީ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. "މިމީހާ ދެ ބްލޮކްގެ ރަށް ރައްކާ ކޮށްފައިވަނީ އޭނާ ލައިގެން ހުރި ޖަނގިޔަލުގެ ތެރޭގައި. ފެނިފައިވަނީ 1،760 ގްރާމްގެ ރަން،" އިންޑިއާގެ އޮފިޝަލް ބުނެފައި ވެއެވެ.
މިރަން އިންޑިއާގެ ކަސްޓަމުން ހިފެހެއްޓުމަށްފަހު މިހާރު ތަހުގީގު ކުރަމުން ދާކަމުގައި އެގައުމުގެ ރަސްމީ ފަރާތްތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
އިންޑިއާގެ އޮފިޝަކުން ހާމަ ކޮށްފައިވާ ގޮތުގައި އެގައުމަށް ރަން އެތެރެ ކުރަން އުޅޭ ގިނަބަޔަކު އަބަދުވެސް އިންޑިއާގެ ކަސްޓަމުން ހިފަހައްޓައެވެ.
ފާއިތުވި ނޮވެމްބަރުމަހު އިންޑިއާގެ ކަސްޓަމުންވަނީ، ކެމިކަލް ޕޭސްޓުގެ ގޮތުގައި، ކުދި ކޮތަޅުތަކަށް ލައި، އަތް ދަބަހުގައި ރައްކާކޮށްގެން އެގައުމަށް އެތެރެކުރަން އުޅުނު 358,000 ޑޮލަރުގެ ރަންވެސް އަތުލައިގެންފައެވެ. މި ރަން ފެނިފައިވަނީ ދިއްލީއަށް ޖެއްސި ބޯޓަކުން އައި 3 ފަސެންޖަރެއްގެ އަތުންނެވެ.
އަދި ފާއިތުވި އަހަރުގެ ޖުލައިމަހު، އަބޫ ދާބީން ދިއްލިއަށް ދަތުރުކުރި މަތިންދާ ބޯޓުގެ އިށީންނަ ގޮނޑިގެ ހޮޅިތަކުގެ އެތެރޭގައި ރައްކާކޮށްގެން އެތެރެކުރަން އުޅުނު 1،000 ގްރާމްގެ ރަންވެސް އަތުލައިގެންފައެވެ.
ކޮމެންޓު ފޮނުވާ