ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަކީ ރާއްޖޭގައި ހަރަކާތްތެރިވާ ދެވަނަޔަށް އެންމެ ދޮށީ ޕާޓީ ކަމުގައި އެޕާޓީގެ ތަރުޖަމާން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ކުރިއަށް އޮޔް ރިޔާސީއިންތިޚާބު ކާމިޔާބު ކުރާނީވެސް މިހާރުވެސް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނަކުން ކަމުގައި އެޕާޓީގެ ރައީސް އިމްރާން ކުރެއްވި ޓުވީޓާއި ގުޅިގެން ބައެއް ފަރާތްތަކުން ކުރެއްވި ކޮމެންޓްތަކަށް އަމާޒުކޮށް ކަމަށް ބެލެވެއެވެ.
އަލީ ނަޒީރު ވިދާޅުވީ ހަގީގަތީ ރާއްޖޭގެ ދެވަނަ އަށް އެންމެ ދޮށީ ޕާޓީއަކީ އަދާލަތު ޕާޓީ ކަމަށެވެ. އެޕާޓީން އަބަދުވެސް މަސައްކަތް ކުރަނީ ހިކުމަތްތެރި ކަމާއިއެކުގައި ކަމަށާއި، އެކި މީހުންނަށް އެޕާޓީ ތަސައްވަރު ކުރެވެނީ އެކި ފަހަރު އެކި ގޮތަކަށް ކަމަށެވެ.
އަދާލަތު ޕާޓީއަކީ ރާއްޖޭގައި ހަރަކާތްތެރިވާ ދެވަނަޔަށް އެންމެ ދޮށީ ޕާޓީ. ސިޔާސީ މަސްރަހުގައި އަދާލަތު ކުރަހާ ފުރިހަމަ ތަސްވީރަކީ ބުއްދިވެރިއަކަށް އެއިން ފިލާވަޅު ލިބޭނެ ރީތި މަންޒަރެއް. އެއްބަޔަކަށް އެމަންޒަރު ފެންނަނީ އެކިފަހަރު އެކިގޮތަށް، އެއިރަކު ބަލަން ބޭނުންވާ ގޮތަކަށް.
– އަލީ ނަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ ތާރީޚުގައި އެއްވެސް ކޯލިޝަނެއް ސަރުކާރު ނިމުމާއި ހަމައަށް ދެމިގެން ގޮސްފައެއްނުވެއެވެ. ނަމަވެސް މި ސަރުކާރަކީ މިހާ ދިގުމުއްދަތަކަށް ކޯލިޝަން ދެމި އޮތް ހަމައެކަނި ވެރިކަމެވެ.
ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި އެކިކަހަލަ ރައްދުތައް ދެއްވައި ބަހުގެ ހަމަލާ ބަދަކުރެއްވި ނަމަވެސް ރައީސް ޞާލިހު މިކަންކަން ހައްލުކުރައްވައި އެއްބައެއްގެ ގޮތުގައި ކޯލިޝަން ދެމެހެއްޓުމަށް ކުރައްވާ މަސައްކަތާއި، ގެންގުޅުއްވާ ވިސްނުންފުޅަކީ އެމަނިކުފާނުގެ ކެތްތެރިކަމާއި، ދުރުވިސްނުންފުޅުގެ މިސާލެއްގެ ގޮތުގައި ކޯލިޝަންގެ ލީޑަރުންވެސް ދެކެވަޑައިގަންނަވައެވެ.
ކުރިއަށް އޮތް އިންތިޚާބުގައިވެސް ރައީސް ޞާލިހުގެ ވިސްނުން ފުޅަކީ މިހާރު އޮތް ކޯލިޝަނަކާއިއެކު އެއްބައިވަންތަ ސަރުކާރެއް ޤާއިމް ކުރުމެވެ. ކެތްތެރިކަމާއި، ހިކުމަތްތެރިކަމާއެކު ކޯލިޝަންގެ ވެރިކަމެއް ދަމަހައްޓައި، އެޔަގީންކަން އޮތް ހަމައެކަނި ލީޑަރަކީ ރައީސް ޞާލިހުކަން އެމަނިކުފާނު ވަނީ ސިޔާސީ ލީޑަރުންނަސް ކަށަވަރު ކޮށްދެއްވާފައެވެ.
ކޮމެންޓު ފޮނުވާ