ޓިއުނީޝިއާ އިން ފްރާންސް ބަލިކޮށްފި، އޮސްޓްރޭލިއާ ދެވަނަ ބުރަށް

ޓިއުނީޝިއާ އިން ފްރާންސް ބަލިކޮށްފި، އޮސްޓްރޭލިއާ ދެވަނަ ބުރަށް

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޑީގެ ފަހު މެޗުގައި ޓިއުނީޝިއާ އަތުން ބަލިވި ނަމަވެސް ފްރާންސްއިން އެއްވަނަ ކަށަވަރުކުރިއިރު، ޑެންމާކް ބަލިކޮށް އޮސްޓްރޭލިއާއިން ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޓިއުނީޝިއާ އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ފްރާންސްގެ ފުރަތަމަ އެގާރައިން ބޮޑެތި ބަދަލުތަކެއް ފެނުނު މި މެޗު ފަށައިގެން ޓިއުނީޝިއާއިން ވަނީ ފްރާންސްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

އެކަމަކު މެޗުގެ ފުރަތަމަ ހާފު ޓިއުނީޝިއާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ވަނީ ނުހިފިފައެވެ. މެޗުގެ ފަހު ހާފުގައި ޓިއުނީޝިއާއިން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 58 ވަނަ މިނެޓުގައި ޓިއުނީޝިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވަހްބީ ޚަރްޒީއެވެ. މި މެޗުގެ އިތުރު ވަގުތުގައި ފްރާންސްގެ އެންޓޮއިން ގްރީޒްމަން ލަނޑު ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

މީގެ އިތުރުން ބުދަ ދުވަހުގެރޭ އޮސްޓްރޭލިއާއިން ޑެންމާކު ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ އޮސްޓްރޭލިއާގެ ތާރީޚުގައިވެސް އެ ޓީމުން މި މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި ދެވަނަ ފަހަރެވެ. މީގެ ކުރިން 2006 ވަނަ އަހަރު އެ ޓީމުން ވަނީ ދެވަނަ ބުރުގައި ކުޅެފައެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި އޮސްޓްރޭލިއާއަށް ކާމިޔާބު ކޮށްދިނީ މެތިއު ލެކީއެވެ. އޮސްޓްރޭލިއާ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާދިން ކުޅުންތެރިއާއަކީ ވެސް ލެކީއެވެ.

މި ގްރޫޕްގެ އެއްވަނަ ފްރާންސްއިން ހޯދީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އޮސްޓްރޭލިއާއަށްވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ފްރާންސްއަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. ތިންވަނައިގައި އޮތް ޓިއުނީޝިއާއަށް ތިން މެޗުން ހަތަރު ޕޮއިންޓް ވަނީ ލިބިފައެވެ. ގްރޫޕްގެ ފުލުގައި އޮތް ޑެންމާކަށް ތިން މެޗުން ލިބުނީ އެއް ޕޮއިންޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *