އިންޑިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފިއެވެ.
ފޮރިންގ މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި ލޯނު ރާއްޖެއާއި ރަމްޒީކޮށް ހަވާލު ކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފިރު މުނޫ މަހާވަރެވެ. ދިވެހި ސަރުކާރުގެ ފަރާތުން ރަމްޒީ ޗެކާއި ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.
ރަމްޒީ ޗެކް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ފޮރިންގ މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވީ އިންޑިއާއިން މިދިން ލޯން އެހީގެ ސަބަބުން ރާއްޖޭގެ އިޖުތިމާއީ އަދި އުމްރާނީ ތަރައްގީއަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދާނެ ކަމަށެވެ.
މިގޮތުން މި ސަރުކާރު ވެރިކަމަށް އައުމަށްފަހު މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 2.5 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވާތީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާއަކީ ނަމޫނާ ގައުމެއްގެ ގޮތުގައި ޝާހިދު ފާހަގަ ކުރެއްވިއެވެ.
ލޯއެހީ އާއި ރަމްޒީކޮށް ހަވާލުވުމަށް ބޭއްވުނު މި ރަސްމިއްޔާތުގައި ވާޗުއަލްކޮށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރުވެސް ބައިވެރިވެވަޑައިގަތެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް މިހާތަނަށް ފޯރުކޮށްދީގައި މާލީ އެހީތަކަކީ ދެގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ރަމްޒު ކޮށްދޭ ކަންކަން ކަމުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދަކަވަމުން ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު ވިދާޅުވީ ސްޓޭޓް ބޭންކު އޮފް އިންޑިއާ މެދުވެރިކޮށް އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން މިއެހީ ވެގެންދާނީ ރާއްޖޭގައި ކުރެވެމުންދާ އިންވެސްޓްމަންޓްތަކަށް އޮތް ވަރަށް ބޮޑު ސެކިއުރިޓީއަކަށް ކަމުގައެވެ. އަދި އޭނާވަނީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކޮށްފައެވެ. އަދި އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު އެއް ހިއްސާދާރު ކަމަށާއި، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިޔަށް އޮތްތަނުގައިވެސް އިތުރަށް ބަދަހިވެގެން ދާނެކަމުގެ އުއްމީދު އޮތްކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ރައީސް އިބުރާހިމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އިންޑިއާއިން ދަނީ ރާއްޖެއަށް އެކި ދާއިރާތަކުގައި މާލީ ގިނަ އެހީތަކެއް ފޮރުކޮށް ދެމުންނެވެ.