ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ނެދަލެންޑްސް އާއި އިކުއެޑޯ ވާދަކުރި މެޗު އެއްވަރުވުމުގެ ސަބަބުން، މި އަހަރުގެ މުބާރާތުން ކެޓި ފުރަތަމަ ޓީމަކަށް ގަތަރު ވެއްޖެއެވެ.
އަލް ރައްޔާންގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗުން ނެދަލޭންޑްސް އާއި އިކުއެޑޯ 1-1 އިން އެއްވަރުވުމާއިއެކު މި ދެ ޓީމް އޮތީ ގްރޫޕުގެ ކުރީގައެވެ. ތިން ވަނައިގައި އޮތީ 3 ޕޮއިންޓާއިއެކު ސެނެގާލްއެވެ. ކުޅުނު ދެ މެޗުންވެސް ބަލިވެ އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުން ކެޓި ފުރަތަމަ ޓީމަކަށްވީ ގަތަރެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ނެދަލަންޑްސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މެޗުގެ ހަވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ޖަހާދިނީ ކޯޑީ ގަކްޕޯއެވެ.
މި ލަނޑަށްފަހު ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ފުރަތަމަ ހާފު ނިމެން ދަނިކޮށް އެކުއެޑޯގެ ޕާވިސް އެސްޓޫޕިނަން ވަނީ ލަނޑު ޖަހާފައެވެ. އެކަމަކު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. އެކުއެޑޯއިން ލީޑު ނެގީ މެޗުގެ ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ އެން ރަމްބާޓޯ ވެލެންސިއާއެވެ.
މި ނަތީޖާއާއެކު މި ގްރޫޕުން ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ގްރޫޕްގެ އެއްވަނައިގައި އޮތް ނެދަލަންޑްސް އަށާއި، ދެވަނައިގައި އޮތް އެކުއެޑޯއަށް އެބައޮތެވެ. އަދި ހުކުރު ދުވަހު ގަތަރާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ގްރޫޕުގެ ތިންވަނައިގައި އޮތް ސެނެގާލަށްވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު މި ނަތީޖާއާއެކު މި އަހަރުގެ ވޯލްޑް ކަޕުން ކެޓި ފުރަތަމަ ޓީމަކަށް މުބާރާތް ބާއްވާ ގައުމު ގަތަރު ވަނީ ވެފައެވެ.
ކޮމެންޓު ފޮނުވާ