މިއަދު ފާހަގަކުރަމުންދާ ނަސްރުގެ ދުވަހަކީ ބިރުވެރި "ސިއްކަގެ" ދުވަހުގެ ގޮތުގައި ކުރީގެ ރައީސް ޔާމީން ސިފަ ކުރައްވައިފިއެވެ.
ނަސްރުގެ ދުވަހާއި ގުޅިގެން ކުރީގެ ރައީސް ޔާމީން ކުރެއްވި ޓުވީޓެއްގައި ވަނީ މިއަދަކީ "ބިރުވެރި ސިއްކަގެ" ދުވަހުގެ ގޮތުގައި ސިފަކުރައްވާފައެވެ. ބެލެވޭ ގޮތުގައި ރައީސް ޔާމީން އެ އިޝާރާތް ކުރެއްވީ 3 ނޮވެމްބަރު ގެ އުދުވާނީ ހަމަލާގައި ބައިވެރިވުން އޮވެގެން ޝަރީއަތަށް ސާބިތުވެ އަދަބު ލިބުނު ސިއްކަ އަހުމަދު އިސްމާއިލް މަނިކަށެވެ.
ރައީސް ޔާމީނުގެ ޓުވީޓުގައި އިތުރަށް ވަނީ ތަމަޅައިން ރާއްޖެއަށް ހަމަލާދިން ގޮތް ސިފަކޮށް ސިފައިންގެ ތެރެއަށް ގްރެނޭޑު އުކި ވާހަކަވެސް ގެންނަވާފައެވެ. އަދި ޤައުމުގެ ދިފާއުގައި ލަޝްކަރެއް ނިކުމެ ހަނގުރާމަ ކުރިކަން ފާހަގަކުރެއްވިއިރު އޭގެ ތެރެއިން 19 ދިވެހިން ޝަހީދުވެ ދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.\
The dreaded Sikka day is back again Four n 3decades in pain Four n more grenades were tossed to their gain A saviour force scorned for its gain A score less one couldn’t say Amen
— Abdulla Yameen (@prz_ymn) November 3, 2022
ރައީސް އޮފީހުން މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ނެރެފައިވަނީ ރައީސް ސޯލިހުގެ ހިތޯބެކެވެ. ސިފައިން ޝަހީދުންގެ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓުކުރުމުގެ ހަރަކާތެއް ބޭއްވި އެވެ. އޭގެ އިތުރަށް އެހެން ހަރަކާތެއް ސަރުކާރުން ރާވާފައެއް ނުވެއެވެ.
ނަސްރުގެ ދުވަސް ފާހަގަކުރުމަށް ރަސްމީ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން ވޭތުވެދިޔަ ދެ އަހަރު އަދި މި އަހަރު ވެސް ރަސްމީ ޖަލްސާއެއް ނުބާއްވައެވެ. ރައީސް ގައުމާ މުހާތަބު ކުރައްވާފައެއް ނުވެއެވެ. އާންމު އުސޫލުގެ ދަށުން ދުވަސްތަކުގެ ތަހުނިޔާ ކިޔުއްވުމަށް ރައީސް ސޯލިހު ކުރައްވާ ޓުވީޓުވެސް މިދިޔަ އަހަރު ނުކުރައްވައެވެ. ނަމަވެސް, މި އަހަރު ރައީސް ސޯލިހު ވަނީ ދުވަހާ ގުޅިގެން ޓްވީޓެއް ކުރައްވާފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދަށް ނަސްރުގެ ދުވަހާ ގުޅިގެން އިއްޔެ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ މިއީ "އޭ ކެޓަގަރީ" ގެ ދުވަހެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ