އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ކޮމިޓީ މަރުހަލާ ނިންމައި މާދަމާ ރިޕޯޓް ތަޅުމަށް ފޮނުވާނެ ކަމުގައި ބަޖެޓް ދިރާސާކުރައްވާ ކޮމިޓީން އަމާޒު ހިފައިފިއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ގޮތުގައި 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ)ގެ ބަޖެޓކެވެ. ބަޖެޓްގެ ބަހުސް މަރުހަލާގައި 69 މެމްބަރަކު ބަހުސް ކުރައްވާފައިވާއިރު، ގިނަ މެމްބަރުންގެ ކަންބޮޑުވުންހުރީ ބަޖެޓްގައި ދަރަނި ބޮޑުވުމުމުގެ މައްޗަށެވެ.
ބަޖެޓް ދިރާސާކުރެއްވުމަށް ކުރައްވަމުންދަ މަސައްކަތާއި ގުޅޭގޮތުން ކޮމެޓީގެ މެމްބަރަކު ވިދާޅުވީ ކޮމިޓީގެ އަމާޒު ހުރީ މިއަދާއި މިރޭ މަސައްކަތްކޮށް ރިޕޯޓް މާދަމާ ތަޅުމަށް ފޮނުވުމަށްކަމަށެވެ. މިހާރު ކޮމިޓީގައި ކުރިއަށްދަނީ މަޖިލިސްގެ ތަޅުމުގައި މެމްބަރުން ފާޅުކުރެއްވި ޚިޔާލްތަކާއި، ހުށަހެޅުއްވި ކަންކަން ބަޖެޓުގައި ހިމެނުމާއިމެދު ކުރެވޭ މަޝްވަރާތައްކަމަށާއި، މިކަންކަން ހިމެނުމުން ބަޖެޓް ބޮދުވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށެވެ.
ބަޖެޓު ބަހުސް ފެށި ދުވަހު މެމްބަރުންގެ ޝައުގުވެރިކަން ބަޖެޓަށް ނުލިބި، ބަހުސްގެ މަރުހަލާއަށް ލިބެމުންދިޔަ ސަމާލުކަން ކުޑަވުމުން ރައީސް ނަޝީދު ގެންދެވީ މަޖިލިސް ރިޔާސަތުގައި އިންނަވައިގެން ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބަޖެޓަށް އެމްޑީޕީގެ މެމްބަރުން ވޯޓުދެއްވަން ޖެހޭ ސަބަބެއް ނެތްކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވީ"ޅޮހޭ ރަނގަޅީ. ޅޮހޭ ރަނގަޅީ،" މިޅެންބައިތެވެ. "ޅޮހޭ ރަނގަޅީ، ޅޮހޭ ރަނގަޅީ" މިއީ ބޮޑުފެންވަޅުގޭ ސީދީގެ ޅެމެއްގެ ތަންކޮޅެކެވެ.
އެމްޑީޕީގެ ސުޕަމެޖޯރިޓީން ބަޖެޓަށް ދިން ރައްދަކީ މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުންވެސް މިފަހަރުގެ ބަޖެޓަށް ދީފައި ނުވާވަރުގެ ހޫނު ރައްދުތަކެވެ. އެ ވާހަކަތައް ވެގެން ގޮސްފައިވަނީ ސަރުކާރަށް ހަޖަމް ކުރަން ދަތިވި ވާހަކަ ތަކަކަށެވެ. އިދިކޮޅު މެމްބަރުންނަށް މިފަހަރުގެ ބެޖެޓަށް ވާހަކަ ދައްކަވަން ޖެހުނުއިރު، މިނިސްޓަރ އަމީރު އިންނެވީ މަޖިލީހުގައި އިސް ޖަހައިގެންނެވެ.
ބަޖެޓްގައި ގުޅޭގޮތުން މެމްބަރުން ދެއްކެވި ވާހަކަތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ 34.6 ބިލިިޔަން ރުފިޔާގެ ބަޖެޓަކީ މިއަދުގެ ހާލަތަށްބަލައި ހުށައެޅޭނެ އެންމެ ރަނގަޅު ބަޖެޓްކަމަށެވެ. އަދި ބަޖެޓް އޮތް ގޮތަށް ފާސްކުރުމަކީ އެމަނިކުފާނުގެ ވަރަށްބޮޑު އެދުމެއްކަމަށެވެ.
ކޮމެންޓު ފޮނުވާ