އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް، 43 ބިލިއަން ފުރިޔާގެ ބަޖެޓް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވައިފިއެވެ.
އަންނަ އަހަރަށް ލަފާކުޜާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު ވިދާޅުވި ގޮތުގައި، ސަރުކާރުން ހުށަހެޅުއްވި ބަޖެޓްގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިގާނެކަމަށް ލަފާކުރެވެނީ 40.6 ބިލިއަން ރުފިޔާ ކަމުގައެވެ.
އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިގާ 28.6 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 14.1 ބިލިއަން ރުފިޔާއެވެ. މ އަދި ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.1 ބިލިއަން ރުފިޔާ ކަމަށްވެސް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރުގެ ބަޖެޓުން މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް 12.9 ބިލިއަން ރުފިޔާ ޚަރަދުކުރާއިރު، ތަކެއްޗާއި ޚިދުމަތް ހޯދުމާއި، ދަތުރުފަތުރާއި މަރާމާތު ފަދަ ރިކަރަންޓް ޚަރަދުތަކަށް 5.6 ބިލިއަން ރުފިޔާ ހޭދަވާނެ ކަމުގައެވެ. އަދި ސަބްސިޑީ އާއި އެހީ ދިނުމަށް 6.6 ބިލިއަން ރުފިޔާ ޚަރަދުކުރެވޭއިރު، ކެޕިޓަލް ޚަރަދުތަކަގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރާނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމަށް ކަމަށާއި، އެއީ ތަރައްޤީގެ މަޝްރޫޢުތަކަށް ހިނގާ 8.4 ބިލިއަން ރުފިޔާ ކަމަށްވެސް ބަޖެޓް ބަޔާނުގައި ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
ސަރުކާރުން މިއަދު މަޖިލީހަށް ހުށަހެޅެއްވި ބަޖެޓުގައި ހިމެނޭ މުހިންމު ބައިތައް:
- އާރު.ޓީ.އެލުން އީކުއޭޓަރ ހުރަސްކޮށް ފުވައްމުލަކާއި އައްޑޫ އަދި ހުވަދޫ އެކުގައި ގުޅައިލުން. އަދި މުޅި ރާއްޖެ އެކުގައި ދަތުރުފަތުރުގެ ބޮޑު ވިއުގައަކުން ލާމަހާލުން
- މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށިފައިވާ އެއްގަމު ދަތުރުފަތުރުގެ ވަސީލަތް އަތްފޯރާ އަގެއްގައި ރައްޔިތުންނާ ހަމައަށް ގެންގޮސްދިނުމަށްޓަކައި މި އަހަރުގެ ބަޖެޓުގައި 300.6 މިލިއަން ރުފިޔާ ޓްރާންސްޕޯޓް ސަބްސިޑީގެ ގޮތުގައި ހިމެނިފައިވުން.
- 2023 ވަނަ އަހަރުގެ ބަޖެޓުގައި 141 ރަށެއްގެ ބަނދަރު ހެދުމާއި އަޕްގްރޭޑްކުރުމުގެ މަޝްރޫއުތައް ހިމަނާފައިވުން
- 50 އަށް ވުރެ ގިނަ ރަށެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވޭ.
- ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އިތުރުން، ހަނިމާދޫ އަދި އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން.
- އަތޮޅުތެރޭގެ އެކިރަށްތަކުގައި ވައިގެ ބަނދަރުތައް ތަރައްގީކުރުމަށް ކުރިޔަށްދާ މަޝްރޫއުތަކަށް 235.6 މިލިއަން ރުފިޔާ ބަޖެޓްގައި ކަނޑައަޅާފައިވޭ.
- ގުޅީފަޅު ހިއްކުމަށާއި ރާއްޖޭގެ މައި ސީޕޯޓު ތަރައްޤީކުރުމަށް ބަޖެޓުގައި 959.2 މިލިއަން ރުފިޔާ ކަނޑައަޅާފައިވޭ.
- މަސްކިރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް، އިތުރު ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް ގާއިމުކުރުމުގެ އިތުރުން، މިފްކޯއިން މަސްގަންނަ އަގު ހިފެހެއްޓުމަށް ދޭ ސަބްސިޑީއަށް 250 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވޭ.
- ރާއްޖޭގެ 158 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިންގުމަށް ބަޖެޓުގައި 643.8 މިލިއަން ރުފިޔާ ހިމެނިފައިވޭ.
މީީގެ އިތުރުންވެސް މިއަދު ބަޖެތް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވި ގޮތުގައި ސިއްޙީ ދާއިރާއަށް އަންނަ އަހަރަށް ވަނީ 5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި 5 ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލުތައް ތަރައްގީކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދިއުމާއި، 132 ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމަށްވެސް 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.
އޭގެ އިތުރުންވެސް ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ ތެރެއިން ދެން އެންމެ އަވަހަށް މުސާރަތައް އެއްހަމަ ކުރެވިގެންދާނީ ސިއްހީ ހިދުމަތްތެރިންނަށް ކަމަށްވެސް ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތަށް، ސިއްހީ ދާއިރާގެ މުސާރަތައް އެއްހަމަ ކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށް އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ވަނީ ހިމަނާފައެވެ.
އަދި އަތޮޅުތެރޭގައި 24 ގަޑިއިރު ޚިދުމަތްދޭ ސިއްހީ މަރުކަޒުތަކަށް ބަޖެޓު އިތުރުކޮށް، ސިއްހީ ޚިދުމަތްތެރިންގެ އަދަދު އިތުރުކުރުމަށް 40.3 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައި ވެއެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓްގައި ތައުލީމީ ދާއިރާއަށް ހިމަނާފައިވަނީ 4.6 ބިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް 2023 ވަނަ އަހަރުގެ ބަޖެޓުގައި ޖުމްލަ 3.9 ބިލިއަން ރުފިޔާ ހިމަނާފައި ވާއިރު، ތެލިގެ ސަބްސިޑީ ނިޒާމް ދެމެހެއްޓެނިވި ނިޒާމަކަށް ބަދަލުކޮށް، ތެލުގެ ސަބްސިޑީގެ ގޮތުގައި ދޭން ބަޖެޓުގައި ވަނީ 588.2 މިލިއަން ރުފިޔާ ހިމަނާފައެވެ.