ކުރެއްވި ތުހުމަތުތައް ސާބިތުކޮށްދެއްވުމަށް ރައީސަށް އިދިކޮޅުން ޗެލެންޖް ކޮށްފި

ކުރެއްވި ތުހުމަތުތައް ސާބިތުކޮށްދެއްވުމަށް ރައީސަށް އިދިކޮޅުން ޗެލެންޖް ކޮށްފި

Author
މުޙައްމަދު ޝަޒައިމް
20 ނޮވެމްބަރ 2020 10:10
0

ރައީސް ޔާމީންގެ ތަޞައްވުރުގެ ތެރެއިން އެމަނިކުފާނުގެ ޒަޢާމަތުގައި ފެއްޓެވި ހއ. ހޯރަފުށީ އެއަރޕޯޓު ހުޅުވުމަށްޓަކައި ބޭއްވި އަގުބޮޑު ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅަކީ، އެމް.ޑީ.ޕީ. ގެ ފެންވަރުންވެސް ވަރަށް ދަށު ދަރަޖައިގެ، ހުތުރު އަދި ނާތަހުޒީބު ވާހަކަފުޅުތަކެއް ކަމަށާއި، އެދުވަހު ރައީސް ޔާމީނާމެދު ކުރެއްވި ތުހުމަތުތައް ސާބިތުކޮށްދެއްވުމަށް ރައީސް ޞާލިޙަށް އިދިކޮޅު ކޯލިޝަނުން ޗެލެންޖް ކުރައްވައިފިއެވެ.

ރައީސް ޔާމީނާމެދު ކުރެއްވި ތުހުމަތުތައް ސާބިތުކޮށްދެއްވުމަށް ރައީސް ޞާލިޙަށް މިޕާޓީން ޗެލެންޖުކޮށް އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސާބިތުކޮށްދެއްވަން ނުކުރެއްވޭނަމަ، ރައްޔިތުން އެމަނިކުފާނުގެ ވެރިކަމުން ބާލާދުވަހު، ޤާނޫނީ އިމުގެ ތެރެއިން މިއަދު ދައްކަވަމުންގެންދަވާ ވާހަކަތަކާއި، ހިންގަވަމުންގެންދަވާ ޖަރީމާތަކަށް ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެކަން ރައީސް ޞާލިޙަށް ހަނދުމަފުޅުކޮށް އަރުވާކަމަށެވެ.

އެދުވަހަކުން، ކޯޓުގައި ހުންނަވައިގެންވެސް ސާބިތުނުކޮށްދެއްވޭނަމަ، ދިގު މުއްދަތަށް ޖަލުގެ ގޮޅީގައި މަނިކުފާނުވެސް އޮންނަވަންޖެހިވަޑައިގަންނަވާނެ ދުވަސް ގާތްވަމުން އަންނަކަން ދަންނަވާލަން. ނުހައްޤުން އަނިޔާވެރިގޮތަކަށް ޖަލަށްލައިގެން މިޕާޓީގެ ރައީސް ގެންގުޅުއްވާތާ އެއް އަހަރު ފުރެމުންދާކަން މިޕާޓީގެ އެއްވެސް މެންބަރެއްގެ ހަނދާނުން ދުވަހަކުވެސް ފިލައިގެން ނުދާނެކަން ވިސްނާވަޑައިގަތުން ބުއްދިވެރި. ބޭރުގެ އިސްތިޢުމާރީ ބާރެއްގެ މަދަދާއި ފައިސާއިން، އަދި ޤާނޫނު އަސާސީއާއި ޤާނޫނުތައް މުގުރުގެ މަތީ ތާއަބަދު ވެރިކަމުގައި ހުންނެވޭނެކަމަށް ހީފުޅުކުރެއްވުމަކީ ބޮޑު ކުށެއް.

– އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ބަޔާނުގައި ވެއެވެ.

ރައްޔިތުން ބިކަވެ، ހާސްކަންމަތީ ތިބި ދަނޑިވަޅެއްގައި، އެތައް މިލިއަން ރުފިޔާއެއް އިސްރާފުކުރައްވައިގެން، ކެމްޕޭނުކުރެއްވުމަށް ރައީސް ޞާލިޙު ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަކީ، ޢާންމު އުޞޫލުން، އެމް.ޑީ.ޕީ. ގެ އެންމެ ދަށު ދަރަޖައިގެ އެކްޓިވިސްޓުން ދައްކާފަދަ ދެކޮޅުނުޖެހޭ، ދެއުޅިއެއްނެތް، ސާބިތުނުހިފޭ އަދި ރޯ ބުހުތާނު ދޮގު ވާހަކަތަކެއްކަމަށް މި ބަޔާނުގައިވެއެވެ.

ޤައުމީ އިޤްތިޞާދާއި ވޭތުވެދިޔަ ފަނަރަ ވަރަކަށް އަހަރުގެ ދަރަނީގެ ހިސާބުތައް ވިދާޅުވުމުގައި، އެމަނިކުފާނު ޚުލާސާކޮށް ބަޔާންކުރެއްވި އެއްޗަކާ، އެ ހިސާބުތަކުން އެންމެނަށް ފެންނަންހުރި ހަޤީޤަތާ ދިމާ އިދިކޮޅެވެ. އިޤްތިޞާދީ ޢިލްމު ލިބިވަޑައިގެންފައި ނެތަސް، ދައްކަވާ ވާހަކަފުޅުތަކުގައި އަރިހުގައި ގެންގުޅޭ ބަޔަކު ލިޔެފައި ދޭ އެއްޗެއް ވިދާޅުވުމުގައިވެސް، އޭގައި ހުރި މަޢުލޫމާތާއި ޚުލާސާތައް ޞައްޙަތޯ ބެއްލެވުމަކީ ރައީސެއްގެ ޒިންމާއެކެވެ. އަދި، ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ސަރުކާރަށް އިނގިލި ދިއްކުރައްވާ، ރޯ ބުހުތާނު ދޮގުތަކެއް ހައްދަވާފައިވާއިރު، އެކަންކަން މިއަދުވެސް އަދި ފަހުންވެސް ސާބިތުކޮށްނުދެއްވޭނެކަން އަމިއްލަފުޅަށްވެސް އެނގިވަޑައިގަންނަވާނެއެވެ. މީހަކަށް އިނގިލި ދިއްކުރާއިރު، އަތުގެ ބާކީ ހުރި އިނގިލިތައް ހުންނާނީ އަމިއްލަ ނަފްސާދިމާއަށްކަން އެމަނިކުފާނަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

– އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ބަޔާނުގައި ވެއެވެ.

މިބަޔާނުގައި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ނީލަންކިޔާ، ދީނީ ވަޙުދަތު ނަގާލަން ރާއްވަވާ، އިޖްތިމާއީ އަދާލަތު ގެއްލުވާލާ، އިޤްތިޞާދު އިނދަ ޖައްސާލުމަށްފަހު، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ލިބިދާނެ ލަދުވެތި ނާކާމިޔާބު ނަތީޖާއާމެދު ބިރުވެތިވެ، ދޮގު ތުހުމަތުތަކެއްގެ އަލީގައި ސިޔާސީ ހަޔާތް އިތުރަށް އާބާދުކުރެއްވިދާނެކަމަށް ހީފުޅުވުމަކީ ބޮޑު ކުށެއްކަމަށެވެ. ވެރިކަމަށް ވަޑައިގަތީ ދިވެހި ރައްޔިތުންނަށް މިފަދަ ގިނަ ދޮގުތަކެއް ހައްދަވާ، މިހާތަނަށް އެއްވެސް ފިޔަވަޅެއް ފުއްދުމަށް އެޅިފައިނުވާ ގިނަގުނަ ވަޢުދުތަކެއް ވެވަޑައިގެން، ރައީސް ޔާމީނާއި ޕީޕީއެމް މެންބަރުންގެ އަބުރު ކަތިލައްވައިގެންކަމަށްވިއަސް، މިއަދު ދިވެހިން ތިބީ އެއަށްވުރެ ހުޝިޔާރުވެ، ސަމާލުވެގެންކަމަށް މިބަޔާނުގައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.