ރައީސް އިބްރާހިމް މުހައްމަދުޞާލިގެ ވެރިކަމުގެ ކޯލިޝަންގައި މިވަގުތު ތިއްބެވި ހިކުމްތެރި ލީޑަރުން ފަހަތަށް ޖެހި ކޯލިޝަން ރޫޅިއްޖެނަމަ ސަރުކާރުގެ ތެރޭގައި ރައީސް ނަޝީދު އަތްގަދަ ކުރުމުގެ ފުރުސަތު ބޮޑުކަމަށް މާލެސިޓީ މޭޔަރުކަމަށް ވާދަ ކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތާޢީދުކޮށް ކޯލިޝަން ސަރުކާރު ދެމެހެއްޓުމުގައި ދެމިއޮންނާނެކަމަށް ސަރުކާރު ކޯލިޝަންގެ އެއްބައިވެރިޔާ އެމްއާރުއެމް އިން މިއަދު ހާމަކޮށް ނެރުނު ބަޔާނަށް ވަރަށްބޮޑަށް ތާއީދުކޮށް އަލްހާން ވިދާޅުވީ ރައީސް މައުމޫނަކީ ސިޔާސީ ގޮތުން ޚިދުމަތްތެރި ލީޑަރެއްކަމަށެވެ. ރައީސް މައުމޫނާއި، މިވަގުތު ކޯލިޝަންގެ ލީޑަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން އެކީގައި ތިބި ތިބުމަކީ ރައީސް މުހައްމަދު ނަޝީދަށް ސަރުކާރުގެ ތެރޭގައި ބޭނުން ގޮތަކަށް ކަންކަން ކުރުމުގެ ފުރުސަތު ނުލިބިގެން އުޅޭ އެއްސަބަބުކަމަށް އަލްހާން ވިދާޅުވިއެވެ.
ކޯލިޝަން ރޫޅާލައި، ރައީސް ނަޝީދަށް ސަރުކާރުގެ ތެރޭގައި އަތްގަދަ ކުރުމުމުގެ ފުރުސަތު ކިިރިޔާވެސް ލިބިއްޖެނަމަ މުޅި ދައުލަތް އެކީ ރީދޫ ހައްދުފަހަނަ އެޅުމަކަށް ދާނެކަމުގެ ނުރައްކާ ބޮޑުކަމަށް އަލްހާން ވިދާޅުވިއެވެ.
ރައީސް މައުމޫނަކީ ޙިކުމަތްތެރި ލީޑަރެއް! ސަރުކާރު ކޯލިޝަން ރޫޅިއްޖެނަމަ، ރައީސް ރައީސް މުހައްމަދު ނަޝީދުގެ ނުފޫޒު ރައީސް ޞާލިހުގެ މައްޗަށް ބޮޑުވެ، ދައުލަތުގެ ވެރިކަން ރީނދޫ ހައްދުފަހަނައެޅުމަކަށް ދިއުމަކީ ދުރުގައިވާ ކަމެއް ނޫން!
– އަލްހާން ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިސްވެ އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ފުރަތަމަ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން އެޕާޓީގެ މެންބަރުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވާ ނެރުނު ބަޔާނުގައި ވަނީ އެޕާޓީ އުފެދިގެން އައީ ޤައުމީ މުހިއްމު އިޞްލާޙީ ހަރަކާތްތަކެއްގެ ތެރެއިންކަމަށެވެ. އެ ޕާޓީގެ އެންމެ މުހިއްމު އަޞާސަކީ ދިވެހިރާއްޖެއަކީ މާތްވެގެންވާ އިސްލާމްދީނުގެ އަޤީދާގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމާއެކު، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އެކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭގޮތަށް، ދިވެހީންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުންކަމަށް ބުނެފައިވެއެވެ.
އެމްއާރުއެމްއަކީ މިއަދުގެ ކޯލިޝަން ސަރުކާރުގެ މުހިއްމު ބައިވެރިއެއްކަމަށާއި، ސަރުކާރަށް ތާޢީދުކޮށް ކޯލިޝަން ސަރުކާރު ދެމެހެއްޓުމުގައި ޤައުމީ މަސްލަޙަތު އިސްކޮށް ރައްޔިތުންނަށް ޚިދުމަށްކޮށްދިނުމަށް އެމްއާރުއެމްއިން މި ސަރުކާރާއެކު ދެމި އޮންނާނެކަމުގެ ޔަޤީންކަން ދޭކަމަށްވެސް އެމްއާރުއެމް އިން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ