ސަލްޓަން ޕާކް މާދަމާ އާންމުންނަށް ހުޅުވާލަނީ

ސަލްޓަން ޕާކް މާދަމާ އާންމުންނަށް ހުޅުވާލަނީ

Author
މުޙައްމަދު ޖިމީ
20 ނޮވެމްބަރ 2020 02:16
0

ކޯވިޑް-19 އާ ގުޅިގެން ބަންދުކުރުމަށްފަހު މާދަމާ ސަލްޓަން ޕާކް ހުޅުވަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭގެ މޭޔަރު ސިފާ މުޙައްމަދު ވިދާޅުވީ، ސަލްޓަން ޕާކް ހުޅުވިފައި ހުންނާނީ މާދަމާއިން ފެށިގެން ކޮންމެ ދުވަހަކު ފަތިހު 04:30 އިން ހެނދުނު 09:00 އަކަށް ކަމަށާއި، ހަވީރު -04:30 އިން ރޭގަނޑު 09:00 އަކަށް ކަމަށެވެ. އަދި ޕާކް ބޭނުންކުރާމީހުން މާސް އެޅުމަށާއި، ގައިދުރުކަން ބެހެއްޓުމަށްވެސް މާލޭގެ މޭޔަރު ސިފާ އެދިވަޑައިގަތެވެ.

މޭޔަރު ވިދާޅުވީ ސަލްޓަން ޕާކާއި ލޮނިޒިޔާރަތް ޕާކަށް ހެނދުނު ވަނުމަށް އިސްކަންދެއްވާނީ ދޮށީ ޢުމުރުގެ މީހުންނަށާއި، ކަސްރަތުކުރާ މީހުންނަށްކަމަށެވެ. ލޮނިޒިޔާރަތް ޕާކަކަކީ މިމަހުގެ 11 ވަނަ ދުވަހު މިސަރުކާރުން ހުޅުވި ޕާކެކެވެ.

ރާއްޖޭގައި އާންމު ސިއްޙަތުގެ ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި ގުޅިގެން ޖުމްހޫރީ މައިދާން ހިމެނޭ ގޮތަށް މާލެ ސަރަހައްދުގެ ހުރިހާ ޕާކްތަކާއި މައިޒާންތައް އާންމުންނަށް ބަންދުކޮށްފައި ވަނީ މާރޗްމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ކޯވިޑް-19 ގެ ހާލަތަށް ބެލުމަށްފަހު ޕާކްތައް އަލުން ހުޅުވާއިރު އެތަންތަނަށް މާސްކުއަޅައިގެން ދިއުމާއި، ކޮންމެ ދުވަހަކު އެއްފަހަރު ސާފުކުރަންޖެހޭގޮތަށްވަނީ ކަނޑައަޅާފައެވެ.

ޕާކްތަކާއި މައިޒާންތައް ހުޅުވާއިރު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭ އުސޫލުގައިވާގޮތުން ކޯވިޑް-19 އިން ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތާއި ޢަމަލުތައް ބަހައްޓަންވީގޮތުގެ އިރުޝާދު (މާސްކް އެޅުން، މަދުވެގެން 3 ފޫޓު ގައިދުރުމިން ބެހެއްޓުން، ޢަތުގެ ސާފުތާހިރުކަން) ފަދަ ކަންކަން ޕާކު ނުވަތު މައިޒާނަށް ވަންނަ ދޮރު ކައިރީގައާއި އަދި ތަނުގެ އެތެރޭގައި ފެންނަގޮތަށް ބެހެއްޓުމަށް ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.