އެމްއެންޑީއެފްގެ ސްޓާފް ސާރޖަންޓަކު އޮޓޮމެޓިކް ސެނިޓައިޒަރ މެޝިނެއް އުފައްދައިފި

އެމްއެންޑީއެފްގެ ސްޓާފް ސާރޖަންޓަކު އޮޓޮމެޓިކް ސެނިޓައިޒަރ މެޝިނެއް އުފައްދައިފި

Author
މުޙައްމަދު ޝަޒައިމް
19 ނޮވެމްބަރ 2020 07:47
0

އެމްއެންޑީއެފްގެ ސެނަހިޔާ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ސްޓާފް ސާރޖަންޓް ޝަރީފް އުފެއްދި އޮޓޮމެޓިކް ސެނިޓައިޒަރ މެޝިނެއް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ ދީދީއަށް ހަދިޔާ ކުރައްވައިފިއެވެ.

ސެނަހިޔާ ހޮސްޕިޓަލުގެ މެއިންޓެނަންސް އިންޗާޖެއްގެ އިތުރުން ޑެންޓަލް ޑިޕާޓްމަންޓުވެސް ބެލެހެއްޓުމުގައި އިސްދައުރެއް އަދާ ކުރައްވާ ޝަރީފް މިސެނިޓައިޒަރ މެޝިން އުފެެއްދީ މިލޮކްޑައުންގެ ތެރޭގައި ލިބުނު ޗުއްޓީތެރޭގައެވެ. 1.5 ލީޓަރުގެ ސެނެޓައިޒަރ އެޅޭ މި އޮޓޮމެޓިކް މެޝިން ކުރިއަށް އޮތްތަނުގައި ސެނަހިޔާ ހޮސްޕިޓަލްގައި ވެސް ބެހެެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

މިމެޝިނަކީ އަތް ދިއްކޮށްލުމުން، އެމީހަކު ބޭނުން ވާ ވަރަށް ދެއަތްތިލަ ސެނިޓައިޒް ކުރެވޭ މެޝިނެކެވެ. މިނިސްޓަރު މާރިޔާ ވަނީ ޝަރީފްގެ މިއުފެއްދުންތެރި މަސައްކަތަށްޓަކައި ޝަރީފަށް ހިތްވަރު ދެއްވައިފައެއެވެ. ދިވެހިރާއްޖެއަށް ޞިއްޙީ އާލާތްތައް ބޭނުންވެފައިވާ މި ދަނޑިވަޅުގައި ދިވެހި ސިފައިންގެ ޓެކްނިކަލް ޓީމުން މީގެ ކުރިންވެސް ވަނީ ވެންޓިލޭޓަރެއް އުފައްދާފައެވެ.

ޝަރީފް އުފެއްދި ސެނިޓައިޒަރ މެޝިން މިނިސްޓަރު މާރިޔާއަށް ހަދިޔާ ކުރެއްވުމަށް ބުދަދުވަހު ބަނޑޭރި ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުއްލަތީފްގެ އިތުރުން ސެނަހިޔާ ހޮސްޕިޓަލްގެ ސަރޖަން ޖެނަރަލް ކާނަލް ޑޮކްޓަރު އަލީ ޝަހިދު މުހައްމަދު ވެސް ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.