ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް އޭގައި އިޓަލީގެ ނާޕޮލީ އަތުން ބޮޑު ތަފާތަކުން އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލް ބަލިވެއްޖެއެވެ.
ނާޕޮލީގެ ދަނޑުގައި ރޭ ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ލިވަޕޫލުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ނާޕޮލީން ވަނީ ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕިއޮޓްރޭ ޒިއެލިންސްކީއެވެ. މިއީ އޭރިއާ ތެރެއިން ލިވަޕޫލުގެ ޖޭމްސް މިލްނާގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ދިން ޕެނަލްޓީއެކެވެ.
އޭގެ ފަހުން މެޗުގެ 18 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ލިވަޕޫލުގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ކުރި ފައުލާ ގުޅިގެން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ނާޕޮލީއަށް ވަނީ އިތުރު ޕެނަލްޓީއެއް ދީފައެވެ. އެކަމަކު އެ ޓީމުގެ ވިކްޓަ އޮސީމެއިން ފޮނުވާލި ޕެނަލްޓީ ލިވަޕޫލުގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ ދިފާއުކޮށްފައެވެ.
މި މެޗުގައި ނާޕޮލީން ލީޑު ފުޅާކުރީ މެޗުގެ 31 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންޑްރޭ ފްރޭންކް އަންގުއިސާއެވެ. އަދި މެޗުގެ 44 ވަނަ މިނެޓުގައި ޖިއޮވާނީ ސިމިއޯނީ ވަނީ ނާޕޮލީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިގެން ދެވަނަ މިނެޓުގައި ނާޕޮލީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ޒިއެލިންސްކީއެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ލުއިސް ޑިއާޒް ވަނީ ލިވަޕޫލަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ.
މި މެޗުން ލިވަޕޫލް ބަލިވިއިރު، ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ލިވަޕޫލް ކޮޅަށް ފުރަތަމަ ހާފުގައި ތިން ލަނޑު ވަދެފައިވަނީ 2014 ވަނަ އަހަރުގެ ސީޒަނުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައެވެ.