އިންޑިއާގެ މަޝްހޫރު ޓާޓާ ގުރޫޕްގެ ކުރީގެ ޗެއަރމަން ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ

އިންޑިއާގެ މަޝްހޫރު ޓާޓާ ގުރޫޕްގެ ކުރީގެ ޗެއަރމަން ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ

Author
ހުސެއިން
04 ސެޕްޓެމްބަރ 2022 06:09
0

އިންޑިއާގެ މަޝްހޫރު ޓާޓާ ގުރޫޕްގެ ކުރީގެ ޗެއަރމަން ސައިރަސް މިސްޓްރީ، ކާރު އެކްސިޑެންޓެއްގައި މިއަދު މަރު ވެއްޖެއެވެ.

އުމުރުން 54 އަހަރުގެ މިސްޓްރީ ދަތުރު ކުރަމުންދިޔަ ކާރު އެކްސިޑެންޓް ވެފައިވަނީ އިންޑިއާގެ މުމްބާއިގެ ކައިރީގައި އޮންނަ ޕަލްގްހާރުގެ ހައިވޭގައެވެ.

އެކްސިޑެންޓްވިއިރު މިސްޓްރީ ދަތުރު ކުރަމުން ދިޔައީ އަހުމަދުއާބާދުން މުމްބާއީއަށް، އޭނާ މާސިޑީސް ކާރުގައެވެ.

"އެކްސިޑެންޓް ހިނގާފައިވަނީ ހަވީރު 3:15 ހާއިރު، މިސްޓްރީ އަހުމަދުއާބާދުން މުމްބާއީއަށް ދަތުރު ކުރަމުން ދަނިކޮށް. އެކްސިޑެންޓް ހިނގާފައިވަނީ ސުރިޔާ ކޯރުގެ މަތިން އޮތް ބުރިޖް މަތީގައި. ބެލެވެނީ މިއީ އެކްސިޑެންޓެއް ކަމަށް." ފުލުހުން ވިދާޅުވެފައި ވެއެވެ.

ކާރުގައި މިސްޓްރީއާއެކު ދަތުރު ކުރަމުންދިޔަ އަނެއް ދެމީހުންނަށް ވަނީ އަނިޔާވެފައެވެ. އޭގެތެރެއިން އެކަކީ ކާރުގެ ޑްރައިވަރެވެ. މިސްޓްރީގެ ހަށިގަޑު މިހާރުވަނީ ގުޖުރާތުގެ ކަސަ ރޫރަލް ހޮސްޕިޓަކަށް ޕޯސްޓްމޯޓަމް ހެދުމަށް ގެންގޮސްފައެވެ.

މިސްޓްރީގެ ދެ ކުދިންނާއި އަންބަކު ދުނިޔޭގައި އެބަ ތިއްބެވެ.

މިސްޓްރީ މަރުވުމާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ ވިދާޅުވެފައިވަނީ، އޭނާގެ ވަކިވުމަކީ ދުނިޔޭގެ ވިޔަފާރީގެ އިންޑަސްޓްރީއަށް ލިބިގެން ފޫ ނުބެއްދޭވަރުގެ ގެއްލުމެއް ކަމުގައެވެ.

"މިސްޓްރީ ކުއްލި ވަކިވެ ދިއުމަކީ ލިބުނު ކުއްލި ހައިރާންކަމެއް. އޭނާއަކީ އިންޑިއާގެ އިގްތިސާދީ ކުރިއެރުން ތަމްސީލު ކޮށްދޭ، އުއްމީދީ ވިޔަފާރި ވެރިއެއް." މޯޑީ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ސައިރަސް މިސްޓްރީ އެންމެ ފުރަތަމަ އާންމުންގެ ތެރެއަށް މަޝްހުރުވެގެން ދިޔައީ، 2012 ވަނަ އަހަރު ރަޓަން ޓާޓާ "ޓާޓާ ސަންސް" ގްރޫޕުގެ އެންމެ އިސް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އޭނާ އެގުރޫޕްގެ ހިންގުމާއި ހަވާލުވި ހިސާބުންނެވެ.

މިސްޓްރީއަށް ޓާޓާ ގުރޫޕްގެ ޗެއަރމަންކަމުގެ މަގާމު ލިބިގެން ދިޔައީ، ޓާޓާ ގުރޫޕްގެ އެންމެ ބޮޑު ޝެއަރހޯލްޑިން ކުންފުނި ކަމުގައިވާ ޝަޕޫރުޖީ ޕަލޮންޖީ ގުރޫޕްގައި އޭނާ އަދާކުރަމުންދިޔަ ދައުރުގެ ސަބަބުންނެވެ. ޓާޓާ ގްރޫޕުގައި ޝަޕޫރުޖީ ޕަލޮންޖީގެ %18.5 ހިއްސާ އޮވެއެވެ.

މިސްޓްރީ ހިންގަމުންދާ ޝަޕޫރުޖީ ޕަލޮންޖީ ގުރޫޕްއަކީ އިންޑިއާގެ އެންމެ ވަރުގަދަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ. މި ކުންފުނީގައި 23،000 މުވައްޒަފުން ވަޒީފާ އަދާކުރަމުންދާއިރު މެދުއިރުމަތީގައާއި އެފްރިކާގެ ގައުމުތަކުގައިވެސް މި ކުންފިން ޕްރޮޖެކްޓްތައް ހިންގަމުން ދެއެވެ.

މިސްޓްރީ ޓާޓާ ގްރޫޕްގެ ޗެއަރމަންކަމުން ވަކިވެފައިވަނީ 2016ވަނަ އަހަރުގެ އޮކްޓޯބަރުމަހު، ގާނޫނީ މަރުހަލާތަކުގައި ހިގައިދިޔަ "ހަނގުރާމަ"އަކަށް ފަހުއެވެ.

މިސްޓްރީ 2012ވަނަ އަހަރު ޓާޓާ ގުރޫޕްގެ ޗެއަރމަންކަމާއި ހަވާކުވި އިއުރ އޭނާއަކީ އެގްރޫޕްގެ 6 ވަނަ އަދި އެންމެ ހަނގު ޗެއަރމަންއެވެ.

އޭނާ ޓާޓާ ސަންސް ގުރޫޕްގެ ބޯޑާއި ގުޅިވަޑައިގަތީ، 2006 ވަނަ އަހަރު، ކޮންސްޓްރަކްޝަން ދާއިރާގެ މަހުޖަނެއް ކަމުގައިވާ، އޭނާގެ ބައްޕަ ޕަލޮންޖީ މިސްޓްރީ ޝަޕޫރުޖީ ޕަލޮންޖީ ގުރޫޕްގެ ޗެއަރމަންކަމުން ރިޓަޔަރ ކުރެއްވުމާއި ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.