ދުނިޔޭގެ 3 ވަނައަށް އެންމެ މުއްސަދި މީހަކަށް އިންޑިއާގެ މަހުޖަނު ގޯޓަމް އަދަނި

ދުނިޔޭގެ 3 ވަނައަށް އެންމެ މުއްސަދި މީހަކަށް އިންޑިއާގެ މަހުޖަނު ގޯޓަމް އަދަނި

Author
ހުސެއިން
30 އޮގަސްޓް 2022 07:42
0

އޭޝިއާގައި ހުރި އެންމެ މުއްސަދި މީހާކަމުގައިވާ، އިންޑިއާގެ މަހުޖަނު ގޯޓަމް އަދަނި ދުނިޔޭގެ ތިންވަނައަށް އެންމެ މުއްސަދި މީހާގެ މަގާމަށް އަތުވެއްޖެއެވެ. ދުނިޔޭގެ ތިންވަނައަށް އެންމެ މުއްސަދި މަހުޖަނުގެ މަގާމަށް އަދަނި އައިސްފައިވަނީ އެ މަގާމުގައި ހުރި ލަގްޒަރީ ކުންފުނި (LVMH) ކުންފުނީގެ ޗެއަރމަން ބާނާރޑް އާނޯލްޓް ފަހަތަށް ޖައްސާލާފައެވެ.

ބުލޫމްބާރގްގެ ބިލިއަނަރސް އިންޑެކްސްއިން 3 ވަނަ އަދަނިއަށް ލިބިގެން ދިއުމާއެކު އޭނާ ވެގެން ގޮސްފައިވަނީ، މި މަގާމަށް އެރި އޭޝިއާގެ ފުރަތަމަ މަހުޖަނު ކަމުގައެވެ.

ޓެރްކަރއިން ދައްކާ ގޮތުގައި، އިންޑިއާގެ އެންމެ ބޮޑު ވިޔަފާރި ގުރޫޕްގެ ވެރިޔާ އަދަނިގެ މިލްކިޔާތުގައި 137 ބިލިއަން އެމެރިކާ ޑޮލަރު ހުންނާނެކަމަށް ބެލެވެއެވެ.

އަދަނިގެ މިލްކިއްޔާތަށް މި ފަހްތާގައި ލިބިގެންދިޔަ ކުރިއެރުމާއެކު އޭނާއަށްވުރެ ކުރީގައި މިހާރު ތިބި ދެ މަހުޖަނުންނަނަކީ، މަޝްހޫރު ޓެސްލާ ކުންފުނީގެ ސީއީއޯ އެލޮން މަސްކްއާއި، އެމޭޒަންގެ ބާނީ ޖެފް ބެޒޮސްއެވެ. އެލޮން މަސްކްގެ މިލްކިއްޔާތުގައި 251 ބިލިއަން ޑޮލަރު ހުރިއިރު، ޖެފް ބެޒޮސްގެ މިލްކިއްޔާތުގައި 153 ބިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ.

ދުނިޔޭގެ އެހެން މަހުޖަނުންނެކޭ އެއްފަދައިން، އަދަނިގެ މިލްކިއްޔާތަށްވެސް އާދަޔާ ޚިލާފު ބޮޑު ކުރިއެރުމެއް އައިސްފައިވަނީ ކޯވިޑް ޕެންޑަމިކްގެ ތެރޭގައެވެ.

އަދަނި ވިޔަފާރި ގުރޫޕްގެ ބާނީ ގޯޓަމް އަދަނިއަކީ ގިނަ ދާއިރާތަކާއި ގުޅުންހުރި ވިޔަފާރިތައް ކޮންޓްރޯލްކުރާ ވިޔަފާރި ވެރިއެކެވެ. މި ވިޔަފާރިތަކުގެ ތެރޭގައި ޕޯޓުތަކާއި، އެރޯސްޕޭސް، ސޯލާ ހަކަތައިގެ އިތުރުން ކޯލްވެސް ހިމެނެއެވެ.

އަދަނިގެ މުއްސަދިކަން އާދަޔާއި ޚިލާފަށް މައްޗަށް ޖެހިގެން ދިޔައީ، ފާއިތުވެދިޔަ ސިއްޙީ ކާރިސާގެ ތެރޭގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީގެ ސަރުކާރުން އިސްކަންދީފައިވާ ތަރައްގީއާއި ގުޅުންހުރި ދާއިތާތަކުގައި އޭނާގެ ވިޔަފާރިތައް ކުރިއަރުވަން އޭނާ ކުރި މަސައްކަތަކަށް އިންވެސްޓަރުން ދިން ސަމާލުކަމާއެކުއެވެ.

އަދި އޭގެ އިތުރުން، ކޯލް ބޭނުންކުރުން ފާއިތުވެދިޔަ މަސްތަކުގައި އިތުރުވެގެން ދިއުމުގެ ސަބަބުންވެސް އޭނާއަށް ބޮޑެތި ފައިދާތަކެއް ކޮށްފައިވާ ކަމަށްވެސް ބުލޫމްބާގުން ހާމަ ކޮށްފައި ވެއެވެ.

މިއަހަރުގެ ފެބްރުއަރީމަހު، އޭޝިއާ ސަރަހައްދުގެ އެންމެ މުއްސަދި މަހުޖަނުގެ މަގާމަށް އަދަނި އައިސްފައިވަނީ، އިންޑިއާގެ މަހުޖަނު މުކެޝް އަމްބަނި ފަހަތައް ޖައްސާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.