ތިލަމާލެ ބްރިޖްގެ މާލެއާއި ވިލިމާލެއާއި ގުޅުވާލާބައި އެޅުމަށް ހަދާފައޮތް ޕްލެޓްފޯމް އޮޔާ ގޮސް ވިލިމާލޭ ފަރަށް އެރުމާއި ގުޅިގެން ވިލިމާލޭ ފަރަށް ލިބުނު ގެއްލުންތައް އޭޕީއޭއިން ބަލަން ފަށައިފިއެވެ.
އެމްވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވެފައުވަނީ، އިއްޔެގެ މި ހާދިސާގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތައް ވަޒަންކުރަން ފަށާފައި ވާކަމަށާއި، މި މި ދިސާގެ ސަބަބުން ކުރާންޖެހޭ ޖޫރިމާނާ ކުރަން ޖެހޭތޯ ނުވަތަ ކުރަންޏާ ކުރާނޭ މިންވަރެެއްވެސް އިގޭނީ ލިބުނު ގެއްލުންތައް ވަޒަން ކުރުމަށް ފަހު ކަމަށެވެ.
ބްރިޖް އެޅުމަށް އަޅާފައި އޮތް ޕްލެޓްފޯރު އޮޔާގޮސް ވިލިމާލޭ ފަރަށް އެރި ހާދިސާގައި 3 މީހަކަށް އަނިޔާވެ ވިލިމާލޭ ހޮސްޕިޓަލުގައި ފަރުވާ ދީފައި ވެއެވެ.
ވިލިމާލެ ބްރިޖް އެޅުމަށް ބޭނުން ކުރަމުންދިޔަ ޕްލެޓްފޯމު މިއަދު ފަރަށް އަރާފައި ވާއިރު، ބްރިޖްގެ މަސައްކަތަށް، ވިލިމާލެ ކަނޑިއޮޅި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ ބަންދު ކޮށްފައެވެ.
ތިލަމާލެ ބުރިޖްގެ ބިޔަ މަޝްރޫޢަށް އެފްކޮންސް ކުންފުންޏާއެކު އެއްބަސްވެފައި ވަނީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށެވެ. މީގެތެރޭގައި ބްރިޖް އަދި ލިންކިން ރޯޑްތައް ހިމެނެއެވެ. ޕްލޭނިން މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި އެފްކޮންސް ކުންފުންޏާ ހަވާލުކޮށްފައިވަނީ އަންނަ އަހަރު ނިމޭއިރު، ގުޅީފަޅާއި ހަމައަށް އަޅަންޖެހޭ ބްރިޖް ކަނެކްޓިވީޓީގެ މަސައްކަތްތައް ނިންމަންޖެހޭ ގޮތަށްކަމަށެވެ. އަދި 2024 ވަނަ އަހަރުގެ މޭމަހަށް މުޅި ބްރިޖްގެ ހުރިހާ މަސައްކަތްތައް ނިންމާގޮތަށްކަމަށެވެ.
އިންޑިއާގެ އެފްކޮންސްއިން ހާމަ ކޮށްފައިވާ ގޮތުގައި، މި އޮގަސްޓުމަހު ބިންގާ އެޅިގެންދިޔަ ތިލަމާލެ ބުރިޖްގެ މާލެއާއި ކައިރީގައި އޮތް ވިލިގިލި ގުޅުވާލާ ސެގްމެޓް އަންނަ އަހަރުގެ ޖުލައި 23 އަށް ނިންމައި، މާލެ އާއި ވިލިމާލެއާ ދެމެދުގައި އާންމު ދަތުރުތައް ކުރަން އަންނަ އަހަރު އޮގަސްޓް 15 ގައި ފެށިގެން ދާނެއެވެ.
ތިލަމާލެ ބްރިޖަކީ 6.7 ކިލޯ މީޓަރުގެ ބްރިޖެކެވެ. މިއީ 500 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ތިލަމާލެ ބްރިޖް ޕްލެޓްފޯމު މިއަދު ފަރަށް އަރާފައިވާއިރު، ފަރަށް އުޅަދު ތަކުގެ ސަބަބުން ރާއްޖޭގެ ފަރުތަކަށް ލިބޭ ގެއްލުންތަކަކީ ބޮޑެތި ޖޫރިމާނާތައް ކުރެވޭ ކަމެވެ. މި ޕްލެޓްފޯމް ފަރަށް އެރުމާއި ގުޅޭގޮތުން އީޕީއޭއިން އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ