ރައީސް ނަޝީދުގެ އަޤީދާ އާއިމެދު ސުވާލު އުފެއްދެވެމުން ދިޔާނާ ކޯފާވެއްޖެ

ރައީސް ނަޝީދުގެ އަޤީދާ އާއިމެދު ސުވާލު އުފެއްދެވެމުން ދިޔާނާ ކޯފާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
17 ނޮވެމްބަރ 2020 10:15
0

އިސްލާމް ދީނުގެ މަތިވެރި ހަމަތަކަށް ރާއްޖޭގެ ރައްޔިތުން ބޯލަނބަންފެށީ ސޫފީ ދަންނަ ބޭކަލުންގެ މަޑުމައިތިރި ސުލްޙަވެރި މަސައްކަތްޕުޅުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް  މުޙައްމަދު ނަޝީދު ދެއްކެވި ވާހަތަކާއި ގުޅިގެން މިސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ޝައިޚުންގެ ނުރުހުން އަމާޒުވުމުން ދިޔާނާ އެކަމަށް ރައްދު ދެއްވައިފިއެވެ.

ކުރީގެ ބަންޑާރަ ނައިބް އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަނބިކަބަލުން ދިޔާނާ ސައީދު ވިދާޅުވީ ފާޅުގައި ނިކުމެ މީހުންގެ ދަރީން ގަތުލުކޮށް އިސްލާމީ ޝަރީއަތުގައި ގަދަ އަޅާ މަނާކޮށްފައިވާ މިބޮޑު ހުކުމް ކުރީމާ އެއަމަލު ކުށްވެރިކުތަން ފަސްޖެހިވަޑައިގެން ތިއްބެވި ދަންނަ ބޭކަލުން، އެބޭކަލުންގެ މުސްލިމު އަޚާގެ އަޤީދާއާއިމެދު ސުވާލު އުފެއްދުމުގައި މިއަދު ފެންނަނީ އަވަދި ދެތި އުޅުއްވާތަން ކަމަށެވެ.

ދިޔާނާ މިފަދަ ރައްދެއް ދެއްވާފައިވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި އިސްލާމްދީނުގެ މަތިވެތި ހަމަތަކަށް ދިވެހިން ބޯލަނބަން ފާށާފައިވަނީ ސޫފި ދަންނަބޭކަލުންގެ ސުލްހަވެރި މަޑުމައިތިރި މަސައްކަތްޕުޅުންކަމަށް ވީނަމަވެސް ދިވެހިންގެ އަޤީދާ ބަދަލުކުރަން ތަފާތު ދަންނަބޭކަލުންގެ ނަމުގައި މީހުން މަސައްކަތްކުރާކަމަށް ވިދާޅުވުމުން އެކަމަށް ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ފާޑުވިދާޅުވެ ރައްދު ދެއްވަމުން ދަނިކޮށެވެ.

އެގޮތުން ޝާއިޚު އިލްޔާސް ހުސެއިން ވިދާޅުވެފައިވަނީޞައްޚަ ސީދާ އަޤީދާއަކީ ތިމާއަށް ކޮބައިކަން ނޭގޭހާލު ދިވެހިންގެ އަޤީދާ ނުގުޑާނެކަމަށްބުނެ ބާތިލް އަޤީދާތަކަށް ގޮވާލައި ދިވެހިން މަގުފުރައްދަން އުޅޭ މީހުންނާއި، މެދު ދިވެހި ރައްޔިތުން ސަމާލުވާންޖެހޭކަމަށެވެ. ޝާއިޚް ވިދާޅުވީ ދިވެހި މުސްލިމު އުއްމަތުގެ އަޤީދާއަކީ އަހުލު ސުއްނަތު ޖަމާއަތުގެ އަޤީދާކަމަށެވެ. އެއަޤީދާއާއި ކުޅެން ނޫޅުމަށް ޝައިހުވަނީ ގޮވާލާފައެވެ.

ދިވެހިން އިސްލާމްދީނަށް ބޯލަނބަން ފަށާފައިވަނީ ސޫފި ދަންނަ ބޭކަލުންގެ މަސައްްކަތުންކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، ސޫފީން ޤަބޫލުކުރާ ގޮތުގައި ޢަޤީދާ ސާބިތުކުރަނީ ރޫޙާނިއްޔަތުންނެވެ. އެއީ އެމީހުންގެ ވަލީވެރިންނަށް ލިބޭ ކަމަށްބުނާ ވަޙީއާއި އިލްހާމުންނާއި އެމީހުންނާއި ގުޅިފައިވާ ޖިންނީންގެނެސްދޭ ވަހަކައިންނެވެ. ސޫފީން ޤަބޫލުކުރާ ގޮތުގައި ކީރިތި ޤުރުއާނާއި ސުންނަތަކީ އޭގައި ފޮރުވިފައިވާ މާނަތައް ތަފުސީރުކަރަންޖެހޭ އެއްޗެކެވެ.

އެމީހުން ޤަބޫލުކުރާ ގޮތުގައި ޤުރުއާނުގެ ކޮންމެ އަކުރެއްގައިވެސް، ޞޫފީންވަލީވެރިން، ތަރުޖަމާކޮށްދިނުމުން މެނުވީ ނޭނގޭ މާނައެއް ފޮރުވިފައި ވެއެވެ. އެމާނަ ކަޝްފުވަނީ އެމީހުންގެ ހިތަށެވެ. ނަމަވެސް އިސްލާމްދީނުގައި ޢަޤީދާގެ އެއްވެސް ކަމެއް ކީރިތި ޤުރުއާނާއި ސުންނަތުން މެނުވީ ދެނެއެއް ނުގަނެވޭނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.