މޯދީގެ ދަޢުވަތަކަށް ރައީސް އިންޑިއާއަށް ވަޑައިގެންފި

މޯދީގެ ދަޢުވަތަކަށް ރައީސް އިންޑިއާއަށް ވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
01 އޮގަސްޓް 2022 03:20
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރު އެ ޤައުމަށް ވަޑައިގެންފިއެވެ.

އެ މަނިކުފާނުގެ މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ އަދި އެ މަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދަށް ނިއު ދިއްލީގެ ޕާލަމްގައި ހުންނަ ރިސެޕްޓޯރިއަމް އެއަރފޯސް ސްޓޭޝަންގެ ވައިގެ ބަނދަރުން މަރުޙަބާ ވިދާޅުވީ އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝެރީޒް، އެނިމަލް ހަޒްބަންޑަރީ އެންޑް ޑެއިރީއިންގ، ޑރ. ސަންޖީވް ކުމާރު ބަލްޔާން އަދި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ އިސް އޮފިޝަލުންނެވެ. ދިވެހި ވަފުދަށް މަރުޙަބާ ދެންނެވުމުގެ ގޮތުން އިންޑިއާގެ ސަގާފީ ހަރަކާތެއް ހުށަހަޅާފައިވެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އެ މަނިކުފާނުގެ ދަތުރުފުޅު ނިންމަވާލައްވާ އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 4 ވާ ބުރާސްފަތި ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުން ދެ ޤައުމުގެ މެދުގައި އޮތް ގާތްގުޅުން ރަމްޒު ކޮށްދެއެވެ. އިންޑިއާއަކީ ދިވެހިރާއްޖޭގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގެވެސް މުހިންމު ބައިވެރިއެކެވެ. ދިވެހިރާއްޖެއާއެކު އޮތް މި ގުޅުމުގެ ތެރެއިން ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއްގައި އިންޑިއާގެ އެހީތެރިކަން ލިބެމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.