ލިވަޕޫލްގެ ޑިފެންޑަރުންގެ ތެރެއިން ހަތަރު ކުޅުންތެރިއަކު އަނިޔާވެފައިވަނިކޮށް، އެ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން ވެސް އަނިޔާވެ އެކުލަބަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ އެވެ.
ޔޫއެފާ ނޭޝަންސް ލީގުގައި ބެލްޖިއަމް އަތުން އިންގްލޭންޑް 0-2 އިން ބަލިވި މެޗުގައި ހެންޑަސަން ވަނީ ހާފް ޓައިމްގައި ބަދަލުކޮށްފަ އެވެ. މެޗަށްފަހު އިންގްލޭންޑުގެ ކޯޗު ގެރެތު ސައުތުގޭޓް ވަނީ ހެންޑަސަން ބަދަލު ކުރީ އަނިޔާއެއް ވެގެން ކަމަށް ބުނެފަ އެވެ. ހެންޑަސަންގެ ފިޓްނަސް މައްސަލައެއް ކުރިމަތިވިކަން ސައުތުގޭޓް ޔަގީންކޮށްދިން ނަމަވެސް އޭނާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއްކަން އަދި ޓީމުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ހެންޑަސަންގެ އަނިޔާއާ ސީރިއަސް ވެއްޖެ ނަމަ މިހާރުވެސް ހަތަރު ކުޅުންތެރިއަކު އަނިޔާވެފައި އޮތް ލިވަޕޫލަށް ފޫނުބެއްދޭނެވަރުގެ ގެއްލުމަކަށްވެގެންދާނެއެވެ.
އެ ޓީމުގެ ފަހަތަށް ކުޅުމުން އަންނަ ވާޖިލް ވެންޑައިކްގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއާ ގުޅިގެން އޭނާ ކުޅުމާ ދުރަށް ދާންޖެހިފައިވާ އިރު، އެލެކްސަންޑްރާ އާނޯލްޑާއި، ރޮބާޓްސަން ވެސް އަނިޔާއެއްގައި މިވަގުތު ހުރީ ކުޅުމާ ދުރުގަ އެވެ. އަދި އެ ޓީމުގެ ފަހަތަށް ކުޅެމުން އަންނަ ޖޯ ގޮމޭޒް ވެސް އަނިޔާގައި ހުރި އިރު، މިވަގުތު ފަހަތަށް ކުޅެން ތިބީ ޖޮއެލް މަޓިޕް އެކަންޏެވެ.
މީގެ އިތުރުން އެ ޓީމުގެ މިޑްފީލްޑަަށް ކުޅެމުން އަންނަ ބްރެޒިލްގެ ފަބީނިއޯ ވެސް މިފަހުން ވަނީ ކަކުލު މިނިސްކަސްއަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރަށް ދާންޖެހިފަ އެވެ. އަދި ކޮވިޑަށް ޕޮޒެޓިވްވެ މުހައްމަދު ސަލާހް ވެސް ދެ ހަފުތާއަށް ކުޅުމާ ދުރުގައި މަޑުކުރަން ޖެހޭނެ އެވެ.