ރީތިވުމަށް ތަފާތު ކަންކަން ކުރުމަކި މާ އިހު ޒަމާނުންސުރެ ވެސް ކުރަމުން އަންނަ ކަމެކެވެ. އެގޮތުން މޫނާއި ހަށިގަނޑު ރީތިކުރުމަށް ދުނިޔޭގެ އެކި ހިސާބުތަކުގައި މީހުން ތަފާތު ކަންކަން ކުރެއެވެ.
މި ޒަމާނަކީ ގުދުރަތީ މާއްދާ ތަކުން ރީތިކަން ހޯދުމަށް ގިނަ ބަޔަކު މަސައްކަތް ކުރާ ޒަމާނެކެވެ. އެގޮތުން ތަފާތު ގުދުރަތީ އެއްޗެހި ބޭނުން ކޮށްގެން ރީތިވުމަށް މަސައްކަތް ކުރެއެވެ.
ތުންފަތަކީ ވެސް ގިނަ ބަޔަކު ވަރަށް ލޯބިކުރާ ގުނަވަނެކެވެ. އެންމެ ރީތި ތުންފަތުގެ ގޮތުގައި މަގުބޫލު ވެފައި ވަނީ އަދި ގިނަ ބަޔަކަށް ކަމުދަނީ މަޑު ފިޔާތޮށި ކުލައަރާ ތުންފަތެވެ.
ނަމަަވެސް އެންމެނަށް ފިޔާތޮށި ކުލައިގެ ތުންފަތެއް ނުލިބެއެވެ. ތަފާތު ސަބަބު ތަކާހުރެ ތުންފަތުގެ ކުލަ ތަންކޮޅެއް ކަޅުވެއެވެ. އޭގެ އެންމެ ބޮޑު ސަބަބެއް ކަމަށް މާހިރުން ބުނަނީ އިރުގެ އަލި ނުވަތަ އަވީގެ ސަބަބުންނާއި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުންނެވެ.
ތުންފަތް އަލިކޮށް ފިޔާތޮށި ކުލަ އަރުވާލައި ތުންފަތް މަޑު ކޮށްލުމަށް ގޭގައި ދެވިދާނެ ބައެއް ފަރުވާ އެބަހުއްޓެވެ. އެގޮތުން ގުދުރަތީ މާއްދާތައް ބޭނުން ކޮށްގެން ކޮންމެ ދުވަހަކުވެސް ތުންފަތަށް ބޭނުން ކުރެވިދާނެ ހޯމް ރެމެޑި ތަކެއް ކިޔާލަ ދޭނަމެވެ.
ކާށި ތެޔޮ: ކާށި ތެލަކީ ތުންފަތް މަޑުކޮށް އަދި ކުލަ އަލިކޮށްދޭ އެއްޗެކެވެ. ކޮންމެ ދުވަހަކު ވެސް ދެ ފަހަރު ނުވަތަ ތިން ފަހަރު ތުންފަތުގައި ކާށި ތެޔޮ އުނގުޅާށެވެ.
ރީނދޫ: ރީނދުލަކީ ވެސް ތުންފަތަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ރީނދުލަކީ ހަންގަނޑުގެ ކުލަ އަލި ކުރުމަށް ބޭނު ކުރާ އެއްޗެކެވެ. ރީނދޫ ކޮޅަކާއި ރޯސް ވޯޓާ ފޮދެއް އެއްކޮށްލުމަށް ފަހު ކޮންމެ ދުވަހަކުވެސް ތުންފަތުގައި އުނގުޅާލާށެވެ. 15 މިނިޓް ވުމުން ދޮވެލާށެވެ. މި ލިޕް މާސްކު ބޭނުން ކުރުމަށް ވަކި ވަގުތެއް ނެތެވެ.
އެލޯވެރާ: އެލޯވެރާ އަކީ ވެސް ތުންފަތް މަޑުކުރުމަށާއި ކުލަ އަލިކުރުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ނިދުމުގެ 10 މިނިޓް ކުރިން އެލޯވެރާ ކޮޅެއް އުނގުޅާލާށެވެ. ދެން ނިދުމުނުގެ ކުރިން ދޮވެލުމަށް ފަހު ވެސްލިން ކޮޅެއް އުނގުޅާލާށެވެ.
ކިއުކަމްބާ: ކިއުކަަމްބާ ޖޫހަކީވެސް މިކަމަށް އޮތް ފަރުވާ އެކެވެ. ކިއުކަމްބާގެ ދިޔަކޮޅެއް ކޮންމެ ދުވަހަކުވެސް ތުންފަތުގައި އުނގުޅާލާށެވެ. ފަސޭހަ ވަގުތެއްގައި މިކަން ކޮށްލާށެވެ.
އަންނާރު: އަންނާރަކީވެސް ތުންފަތުގެ ކުލަ އަލިކުރުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ދެ ފަހަރު އަންނާރު ދިޔަ ކޮޅެއް ތުންފަތުގައި އުނގުޅާލާށެވެ.
ލުނބޯ އަދި މާމުއި: ލުނބޯ މަޝްހޫރު ވެފައިވަނީ ނެޗުރަލް ބްލީޗެއްގެ ގޮތުގައެވެ. އަދި ހަމަ އެފަދައިން މާމުޔަކީ ވެސް ގިނަ އަދެދެއްގެ ބިއުޓީ ޕްރޮޑަކްޓް ތަކުގައި ބޭނުން ކުރާ އެއްޗެކެވެ. މި ދޭތި އެއްކޮލުމަށް ފަހު ކޮންމެ ދުވަހަކުވެސް ތުންފަތުގައި އުނގުޅާލާށެވެ. 20 މިނިޓް ވަންދެން ކޮންމެ ދުވަހަކުވެސް މި މާސްކް ބޭނުން ކުރާށެވެ. އަސަރު ފެންނާނެވެ.
މީގެ ތެރެއިން ކޮންމެވެސް މާސްކެއް ކޮންމެ ދުވަހަކުވެސް ބޭނުން ކޮށްލުން ރަނގަޅެވެ. އެގޮތުން ތިބާއާ އެންމެ ގުޅޭ މާސްކެއް ބޭނުން ކުރުމުން ރަނގަޅުވާނެއެވެ. މިއީ ތަޖުރިބާކޮށް، މާހިރުން ލަފާ ދީފައިވާ ފަރުވާ ތަކެކެވެ.