ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރަސްމީ ދަތުރުފުޅެއްގައި އަންނަ މަހު އިންޑިއާއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ރައީސް ސޯލިހު އެގައުމަށް ވަޑައިގަންނަވާނީ އޮގަސްޓު 2 ނުވަތަ 3 ގަ އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ހަމައެކަނި ވަޑައިގަންނަވާނީ ވެރިރަށް ދިއްލީއަކަށް ނޫނެވެ. އޭގެ އިތުރުން، އިންޑިއާގެ ވިޔަފާރީގެ ހަބު ކަމަށްވާ މުމްބާއީއަށް ވެސް ރައީސް ސޯލިހު ވަޑައިގަންނަވާނެއެވެ. އެއީ، ދެ ގައުމުގެ މެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިސް ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެއެވެ.
ރައީސް ނޮވެމްބަރު 2018 ގައި ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ރަސްމީ ދަތުރުފުޅުގައި ވަޑައިގެންނެވި ފުރަތަމަ ގައުމަކީ އިންޑިއާއެވެ. ރާއްޖެ އަށް 1.4 ބިލިއަން ޑޮލަރާއި 1،000 ސްކޮލަޝިޕް އެހީގެ ޕެކޭޖް ދޭނެ ކަމަށް އެ ދަތުރުފުޅުގައި އެ ގައުމުން އިއުލާންކުރިއެވެ.
ބޮޑުވަޒީރުގެ މަގާމަށް ނަރެންދްރަ މޯދީ ދެ ވަނަ ދައުރަކަށް 2019 ވަނަ އަހަރު އިންތިހާބު ވުމަށް ފަހު، އެންމެ ފުރަތަމަ ވަޑައިގެންނެވި ގައުމަކީ ވެސް ރާއްޖެއެވެ. އިންޑިއާގެ 260 މިލިއަން ރުފިޔާގެ އެހީގައި ރާއްޖޭގެ އެކި ހިސާބުތަކުގައި 45 މަޝްރޫއެއް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި އިޖުތިމާއީ އަދި ވިޔަފާރިއާ ޓޫރިޒަމް ތައުލީމު އަދި ސިއްހަތާ ގުޅޭ އެކި ކަންކަން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ