ފެން ނުވަރާ ކިހާ ދުވަހަކު އުޅެންތަ؟ ވާ ގެއްލުން އެނގޭތަ؟

ފެން ނުވަރާ ކިހާ ދުވަހަކު އުޅެންތަ؟ ވާ ގެއްލުން އެނގޭތަ؟

ގިނަ މީހުންނަކީ މަދުވެގެން ދުވާލަކު އެއް ފަހަރު ފެންވަރާ މީހުންނެވެ. އެންމެ ދުވަހަކު ނަމަވެސް ފެން ނުވަރާ ހުރެއްޖެ އަމިއްލަ މީހާއަށްވެސް ކޮންމެވެސް ކަހަލަ އުނދަގޫތަކެއް އިހުސާސް ވާނެއެވެ. އަދި ބައެއްފަހަރު އެހެންމީހުންވެސް އެ މީހަކާ މެދު ދެކޭ ގޮތް ބަދަލުވެދާނެއެވެ.

ދިރާސާ ތަކުން ދައްކާގޮތުގައި ޖެހިޖެހިގެން ދެ ދުވަހު ފެން ނުވަރާ ހުރެއްޖެ ނަމަ އެމީހެއްގެ ހަށިގަނޑުގެ ބޭރުފުށުން ފެންނަން ބޭނުންނުވާ ބައެއް ކަންކަން ތަހަންމަލު ކުރެވޭނެއެވެ. މީގެ މައިގަނޑު ސަބަބަކީ ޖަރާސީމުގެ ހަމަލާތަކެވެ.

އިންސާނުންގެ ހަށިގަނޑުގައި އަބަދުވެސް 1،000 ވައްތަރެއްގެ ޖަރާސީމު ހުންނާނެއެވެ. މީގެ ތެރޭގައި 40 ވައްތަރެއްގެ ފަންގަސް ހިމެނެއެވެ. މީގެ ތެރެއިން ގިނަ އެއްޗިއްސަކީ ހަށިގަނޑުގެ ދިފާއުގައި ހުންނަ ރަނގަޅު ބެކްޓީރިއާ ނަމަވެސް ގޯސް ބެކްޓީރިއާތައްވެސް ހަށިގަނޑުގައި އާލާވެއެވެ. މި ޖަރާސީމު ނައްތާލުމަށް އެންމެ ބޮޑު އެހީތެރިކަމެއް ވަނީ ސައިބޯނިލައިގެން ރަނގަޅަށް ފެންވެރުމެވެ.

ރަނގަޅަށް ފެން ނުވަރާ ނަމަ ހަށިގަނޑުގެ ބޭރުގައި ހުންނަ ނުރަނގަޅު ބެކްޓީރިއާތަކެއް ނުދާނެއެވެ. މިގޮތަށް ހަށިގަނޑުގެ ބޭރުގައި ޖަރާސީމު އިތުރު ވާނަމަ ލޮލަށާއި އަނގައާއި ނޭފަތަށް އެ ތަކެތި ވަދެ އެމީހަކު ބަލިވުމުގެ ފުރުސަތު ބޮޑެވެ.

ގައިން ނުބައިވަސް ދުވަނީ ވެސް ބެކްޓީރިއާގެ ސަބަބުންނެވެ. ބެކްޓީރިއާތަކުން ދޫކުރާ ގޭސްތަކުން ތަފާތު 30 ވައްތަރެއްގެ ނުބައި ވަސް ނުކުމެއެވެ. ފެންނުވަރާ ގިނައިރު ވާނަމަ ހަށިގަނޑުން އެކިއެކި ވަސް ދުވައި، ކައިރީގައި އުޅޭ މީހުނަށްވެސް އެކަމުގެ އުނދަގޫ ފޯރައެވެ.

މީގެ އިތުރުންވެސް ހަށިގަނޑުން ނުކުންނަ ތެޔޮތައް ހަންގަނޑުގެ އެކި ތަންތަނަށް ޖަމާވެ ހަންގަނޑަށް ދިމާވާ ތަފާތު މައްސަލަތަކުން ދުރުހެލިވުމަށް ފެންވެރުން މުހިންމެވެ. ހާއްސަކޮށް ކަސްރަތުކުރާ މީހުން ނުވަތަ ދާހިއްލާފަދަ ބުރަ މަސައްކަތްކުރާ މީހުން ކޮންމެހެން ވެސް ފެންވަރަން ޖެހޭނެ އެވެ.

ދަލުން ތަތްވެފައިވާ އެއްޗެއް ލައިގެން ގިނަ ވަގުތު ހުރެއްޖެ ނަމަ ހަންގަނޑު ހިރުވުމާއި ހަންގަނޑު ހަލާކުވުން ފަދަ މައްސަލަތައް ދިމާވެއެވެ. މިއީ ބެކްޓީރިއާ އާއި ފަންގަލް އިންފެކްޝަންތައް ފަސޭހައިން ޖެހުމަށް މެދުވެރިވާނެ ކަމެކެވެ.

ފެންވަރަން އުޒުރުވެރިވާ ހާލަތެއް އައިނަމަ ނުވަތަ އެވަގުތަކު ފެން ވެރޭނެ ގޮތެއް ނެތް ނަމަ ކިހިލިފަތްދަށާއި ގައިގެ ދާހިތްލާ ހިސާބުތައް އަދި މޫނު ދޮވެ ސާފު ކޮށްލުމަށް ފަހު އަވަހަށް ހެދުން ބަދަލުކޮށްލުން ރަނގަޅެވެ.

ފެންވެރުމުގެ ފައިދާތަށް މިހާ ގިނަ ނަމަވެސް ގިނައިރުތަކެއް ވަންދެން ފެންވެރުމުގައި ހޭދަކުރުން ނުވަތަ މާގިނައިން ފެންވެރުންވެސް ރަނގަޅެއް ނޫނެވެ. މާގިނަ ވަގުތު ފެންވެރުމުގައި ހޭދަކޮށް މާގިނައިން ސައިބޯނި ފަދަ ތަކެތި ބޭނުންކުރާ ނަމަ ހަމުގައިވާ ތެޔޮކަން ކެނޑި ހަންގަނޑު ކުރަކިވެ ހަން ފޮޅޭގޮތް ދިމާވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *