ބަޖެޓް ޑިޒައިން ކޮށްފައިވަނީ ލަފާދެއްވި ފަރާތްތަކަށް ގޮންޖައްސަވާފަ: ސައީދު

ބަޖެޓް ޑިޒައިން ކޮށްފައިވަނީ ލަފާދެއްވި ފަރާތްތަކަށް ގޮންޖައްސަވާފަ: ސައީދު

Author
މުޙައްމަދު ޝަޒައިމް
15 ނޮވެމްބަރ 2020 09:13
0

އަންނަ އަހަރަށް ދައުލަތުން ލަފާކޮށް އެކުލަވާލާފައިވާ ބަޖެޓަކީ ދުނިޔޭގެ މާލީ އިދާރާތަކުން ދެއްވި ލަފައާއި އިރުޝާދުތަކަށް ގޮންޖައްސެވުމަށްފަހު އެކުލަވާލާފައިވާ ބަޖެޓެއް ކަމުގައި ޕީއެންސީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އިގެ ހާލަތާ ގުޅިގެން މުޅި ދުނިޔެއާއެކު ރާއްޖޭގެ އިގުތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް، ސަރުކާރު މެދުވެރިވެގެން ވީހާވެސް ބޮޑަކަށް އިގުތިސޯދީ ހަރަކާތްތައް އިތުރު ކުރަންޖެހޭ ކަމަށް ބޭރުގެ މާލީ އިދާރާތަކާ ހަވާލާދީ ފިނޭންސް މިނިސްޓަރު އިބްރާހިމް ވިދާޅުވެފައި ވަނީ، އެ ލަފާގެ "އެއް ބައި" އަޑު އައްސަވައިގެން ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމްވަނީ މިއަދު ވަނީ ވިދާޅުވެފައެވެ.

ޤަވަރުނަރު މިފަދަ ގޮތަކަށް ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވައި ކުރީގެ އިކޮނޮމިކް މިނިސްޓަރުގެ މަޤާމުވެސް ފުރުއްވާފައިވާ ސައީދު ވިދާޅުވި ބަޖެޓް އެކުލަވާލެއްވިއިރު މާލީ އިދާރާތަކުން ކެޑިނޭޅި ރާއްޖޭގެ ހާލަތަށް ބަލައި ތަފާތު ހިސާބުތައް ޖައްސަވައި، ލަފާ ދެއްވާފައިވާކަމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓަރާއި ސަރުކާރުން ބަޖެޓް އެކުލަވާލައި މަޖިލީހަށް ފޮނުވާފައިވަނީ ދުނިޔޭގެ މާލީ އިދާރާތަކުން ހުއްޓުމެއްނެތި ދެއްވި ލަފާތަކުގައި ކޮޅުފައިންޖަހައި، އެ ލަފާތަކަށް ގޮންޖައްސަވާފައިކަމަށް ސައީދު ވިދާޅުވިއެވެ.

އަޑު ނޭއްސެވީކީ ނޫން. ލަފާދެއްވި ފަރާތްތަކަށް ގޮންޖައްސަވައި 2021 ވަނަ އަހަރުގެ ބަޖެޓް ޑިޒައިން ކުރީ، އަހަރު ނިމޭއިރު 80.7 ބިލިޔަން ރުފިޔާއިން ދަރާގޮތަށް.

– މުހައްމަދު ސައީދު ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަނި އަދާނުކުރެވިދާނެ ކަމުގެ ބިރު ހީވާ ހިސާބަށް އިގްތިސާދީ ހާލަތު މިހާރު ގޮސްފައިވާކަމަށް ބުނެ ފިޗުން އާންމުކުރި ކްރެޑިޓް ރޭޓިންގައި ރާއްޖެވަނީ "ބީ މައިނަސް" އިން "ސީސީސީ"އަށް ރޭޓިން ދަށްކޮށްފައެވެ. ސީސީސީ ރޭޓިން އަކީ ދަރަނި ނުދެއްކޭ ދަރަޖަ އަށް މާލީ ހާލަތު ގޯސްވުމެވެ. އަދި ފާއިތުވި މަސްތަކުގައި ރާއްޖޭގެ އިގްތިޞާދުއެތައް ގުނައެއް ދަށަށް ގޮސް، ދުނިޔޭގެ ނިސްބަތުންވެސް އިގްތިޞާދަށް އެންމެ ބޮޑު އަސަރެއް ކުރާނެކަމަށް ބެލެވޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ފިޗުން ބުނެފައިވެއެވެ.

ބައިނަލް އަގުވާމީ މާލީ އިދާރާތަކުންނާއި، ރާއްޖެއަށް އެހީތެރިކަން ދޭ ދުނިޔޭގެ މާލީ އެކި އިދާރާތަކުން ދަނީ ޚަރަދު ކުޑަކޮށް، ދަރަނި އަދާކުރެވޭނެ މިންވަރެއްގެ މައްޗަށް ރިޢާޔަތްކޮށް ޚަރަދު ކުރުމަށް ތަކުރާރުކޮށް ލަފާދީފައެވެ. ނަމަވެސް ސަރުކާރުން އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓްގައިވެސް ބޮޑެތި ގިނަ މަޝްރޫޢުތަކާއި، ސިޔާސީ ގިނަ މަޤާމުތަކަކަށް ޚަރަދު ކުރުމަށް ވަނީ ބަޖެޓްކޮށްފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.