ސާކިއުލާގައިވާ ގޮތުން އެންމެ ދުރަށްވެސް ދެވެނީ ކޮޅުނބާއި ހަމައަށް: ނަޝީދު

ސާކިއުލާގައިވާ ގޮތުން އެންމެ ދުރަށްވެސް ދެވެނީ ކޮޅުނބާއި ހަމައަށް: ނަޝީދު

ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގާއި، ތަކެތީގެ އަގު ބޮޑުވުމާއި ގުޅިގެން ދައުލަތުގެ ހިންގުމުގެ ގިނަ ޚަރަދުތަކެއް ކުޑަކުރުމަށްޓަކައި ފިނޭންސުން އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

މަޖިލީހުގެ ރައީސް މިއަދު ވިދާޅުވީ، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކުރައްވައި ފޮނުވި ސާކިއުލާއެއް މަޖިލީހަށް ލިބިފައިވާކަމަށެވެ. ސާކިއުލާގައިވާ ގޮތަށް އަމަލު ކުރުމަށްޓަކައި މަޖިލިސް ރައީސް ވަނީ އެމަނިކުފާނު ކުރަން އޮތް ދެ ދަތުރެއްވެސް ނުކުރުމަށް ނިންމާފައެވެ. އެގޮތުން ކޮމަންވެލްތަށާއި، އަޒްޕަކިސްތަނަށް ކުރަން އޮތް ދަތުރު ނުކުރުމަށް މަޖިލިސް ރައީސް ވަނީ ނިންމާފައެވެ.

މަޖިލިސް ރައީސް ވިދާޅުވީ ޚަރަދު ކުޑަކުރުމަށްޓަކައި އަމީރު ފޮނުވާފައިވާ ސާކިއުލާއާއި އެއްގޮތަށް 5،000 ރުފިޔާއަށް ވުރެ ބޮޑު ޚަރަދެއް މަޖިލީހުން ކުރާނީ ފިނޭންސްގެ އެންގުމާއި އެއްގޮތަށް ކަމަށެވެ. އަދި މިހާރު އޮތް ގޮތުން ދެވެނީ، އެންމެ ދުރަށްވެސް ކޮޅުބާއި ހަމަޔަށްކަމަށް މަޒާޖީ ގޮތެއްގައި މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.

އޮފީސްތަކުން މިހާރު ކުރަމުންދާ ޚަރަދުތަކުގެ ތެރެއިން 5،000 ރުފިޔާއަށްވުރެ ބޮޑު ޚަރަދެއް ކުރާނަމަ ފިނޭންސްގެ ހުއްދަ ހޯދުމަށް ފަހު ނޫނީ ނުކުރުމަށްވެސް ވަނީ އަންގަވާފައެވެ. ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައި ވަނީ ދައުލަތުގެ ހުރިހާ އޮފީސްތަކުން މާދަމާއިން ފެށިގެން އެސާކިއުލާއަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އަދި ކައުންސިލްތަކުން ވެސް ބްލޮކް ގްރާންޓު އަދި އަމިއްލަ އާމްދަނީ ޚަރަދު ކުރުމުގައި ވެސް އެ ފިޔަވަޅުތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

ޚަރަދުތައް ކުޑަކުރަން އަޅާފައިވާ ފިޔަވަޅުތައް:

* ދައުލަތުގެ ބަޖެޓުން ޚަރަދުވާ ގޮތަށް އެއްވެސް މަޤާމެއް ނުއުފެއްދުން
* ޕޭކޮމިޝަންގެ ހުއްދަނެތި މުސާރައިގެ އޮނިގަނޑުތަކަށް ބަދަލު ނުގެނައުން
* މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމާއި، މުސާރައިގެ ކުރިއެރުން އަންނަފަދަ އެއްވެސް ކަމެއް ނުކުރުން
* ބޭރުގެ ފަރާތްތަކުން ދެއްވާ ދަތުރުތައް ފިޔަވައި ރާއްޖެއިން ބޭރަށް ކުރާ ޚަރަދުތައް މަޑުޖައްސާލުން
* އޮފީސް ތަކުން 5،000 ރުފިޔާއަށް ވުރެ އިތުރަށް ކުރާ ޚަރަދުތަކަށް ފިނޭންސްގެ ހުއްދަ ހޯދުން

ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގާއި، ތަކެތީގެ އަގު ބޮޑުވުމާއި ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމުގެ އުސޫލެއް އާންމުކޮށްފައިމިވަނީ މިފަދަ ފިޔަވަޅެއް އަޅާނެކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައި ވަނިކޮށެވެ. އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރު ލޯނުތައް ނަގައިގެން އައު ބޮޑު މަޝްރޫއެއް މިވަގުތު ނުފައްޓަވާނެ ކަމަށާއި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ ނުލިބިއްޖެނަމަ ބައެއް މަޝްރޫއުތައް ހުއްޓާލާ ލިބޭ އެއްޗަކުން ދެކޮޅު ޖައްސާ ގައުމު ކުރިއަށް ގެންދަވާނެ ކަމަށް ރައީސްވްނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *