ނޭޝަންސް ލީގުގައި އެންމެފަހުގެ ޗެމްޕިއަން ފަހަތަށް ޖައްސާލައި މުބާރާތުގެ ފައިނަލު ބުރުން ފްރާންސް ޖާގައިހޯދައިފިއެވެ.
ފްރާންސްއިން މުބާރާތުގެ ފައިނަލު ބުރުގެ ޖާގަ ޔަގީން ކުރީ އެންގޯލޯ ކާންޓާ ކާމިޔާބު ކޮށްދިން ހަމައެކަނި ލަނޑުންނެވެ. މިއީ އޭނާ ފްރާންސް އަށް ކުޅުނު 44 މެޗުގައި ޖެހި ދެވަނަ ލަނޑެވެ. މެޗުގައި ފްރާންސްގެ އެންޓީނީ މާޝިއަލް ވަނީ ހަތަރު ޝޮޓް ޕޯޗުގަލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. 2016 ވަނަ އަހަރު ފްރާންސްއަށް ލަނޑުޖެހިފަހުން އަދި މާޝިއަލްއަކަށް ގައުމީ ޓީމަކަށް ލަނޑެއް ކާމިޔާބު ކުރިވެފައެއް ނުވެއެވެ.
އެންމެ ފަހުން ފްރާންސާއި ދެކޮޅަށް ކުޅުނު ފަސްމެޗުގައި ވެސް ރޮނާލްޑޯއަށް ވަނީ ލަނޑެއް ކާމިޔާބު ނުކުރެވިފައެވެ. އޭނާ ވަނީ ރޭގެ މެޗުގައި ފްރާންސްގެ ގޯލަށް 6 ހަމަލާ ފޮނުވާލާފައެވެ. މި ނަތީޖާ އެކު ބާކީ އެއްމެޗު އޮއްވާ ފްރާންސުންވަނީ މުބާރާތުގެ ފައިނަލު ބުރުން ޖާގަހޯދާފައެވެ. މިގުރޫޕްގައި ރޭ ސްވިޑެން ވަނީ 2-1 ލަނޑުން ކޮރޭޝިޔާގެ މައްޗަށް ކުރިހޯދާ ރެލިގޭޝަނުން ސަލާމަތް ވުމުގެ އުންމީދުއާ ކޮށްފައެވެ.
މިނަތީޖާ އެކު ފްރާންސް ގުރޫޕްގެ އެއްވަނައިގަ އޮތީ ފަސްމެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ޕޯޗުގަލްއަށް ފަސްމަޗުން ލިބެނީ 10 ޕޮއިންޓެވެ. ސްވިޑެންނާއި ކޮރޭޝިޔާ ފަސްމެޗުން ތިން ޕޮއިންޓް ހޯދައިފަވާއިރު ކޮރޭޝިޔާއަށް ކުރި ލިބޭނީ ލަނޑުގެ ތަފާތުންނެވެ. ގުރޫޕްގެ ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ އެންމެ މެޗެކެވެ.