ފަތުވާ ދިނުމުގެ ހުއްދަނެތި ޢާއްމުންގެ ތެރޭގައި ދީނުގެ ޙުކުމެއް އޮޅޭގޮތަށް އަދި މުޖްތަމަޢުގައި ފިތުނަ ފަސާދައުފެދި ބައިބައިވުން އުފެދިދާނެފަދަ ގޮތަކަށް ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ޒަކަރިއްޔާ މަންޞޫރު އަމަލުކޮށްފައިވާ ކަމަށާއި އެހެންކަމުން އޭނާގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
މިއުޒިކު ހަރާމް ކަމަށް ބުނާ މައްސަލާގައި ފަންސާސް ސުކޫލުގައި އެސެމްބްލީ ނުބޭއްވޭ ކަމަށް ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ ޑިރެކްޓަރު ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވަނީ ވިދާޅުވެފައެވެ. ސިފައިންގޭގައި 37 އަހަރުގެ ހިދުމަތް ކުރެއްވުމަށްފަހު ޑިސެންބަރު 9، 2021 ގައި ރިޓަޔާ ކުރައްވާފައިވާ ޒަކަރިއްޔާ ވިދާޅުވި ގޮތުގައި މަދުވެގެން 50 ސުކޫލުގައި މިހާރުވެސް ހެނދުނުގެ އެސެމްބްލީ ނުބޭއްވެއެވެ. އެ ސުކޫލުތަކުގައި ގައުމީ ސަލާމާއި ސުކޫލު ލަވަ ނުޖެހޭ ކަމަށެވެ. އެކަން އެހެން ވަނީ މިއުޒިކު ހަރާމް ކަމަށް ބަޔަކު ބުނާ މައްސަލާގައި ކަމަށް ވިދާޅުވިއެވެ.
އޭނާގެ ވާހަކަތައް ދީނީ ގިނަ އިލްމުވެރިން ކުށްވެރި ކުރަމުންދާއިރު، މިސަރުކާރު ކޯލިޝަންގައި ހިމެނޭއަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޑރ.ޒައިދު ވިދާޅުވީ މުޖުތަމައުގައި ބައިބައިވުން އުފެދޭ ގޮތަށް ޒަކަރިއްޔާ ދައްކަވާފައިވާ ވާހަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭކަމަށެވެ.
ފަތުވާ ދިނުމުގެ ހުއްދަނެތި ޢާއްމުންގެ ތެރޭގައި ދީނުގެ ޙުކުމެއް އޮޅޭގޮތަށް އަދި މުޖްތަމަޢުގައި ފިތުނަ ފަސާދައުފެދި ބައިބައިވުން އުފެދިދާނެފަދަ ގޮތަކަށް ޒަކަރިއްޔާ މަންޞޫރު ޢަމަލުކުރައްވާފައިވާތީ އެމައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭ.
– ޑރ.ޒައިދު ވިދާޅުވިއެވެ.
ޒައިދުގެ އިތުރުން ޝައިޚު ޝައުދޫންވެސް ވަނީ ޒަކަރިއްޔާގެ ވާހަތަކާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޝައިޚު ވިދާޅުވީ ނޭގޭ ކަމެއްގައި ފަތުވާދޭއިރު އެކަމުގެ ސައްޚަ މައުލޫމާތު ހޯދަންޖެހޭކަމަށެވެ. ނުބައި މައުލޫމާތު ދިނުމުން އެކަމުގެ ނޭދެވޭ އަސަރު މުޅި މުޖުތަމައުއަށް ކުރާކަމަށް ޝައިޚު ޝައުދާން ވިދާޅުވިއެވެ.
ޒަކަރިއްޔާ އެވެ! ތިބާ ރުހުނަސް ނުރުހިނަސް ޙަރާމް އެއްޗެއް ޙަރާމް ވާނެއެވެ. އެކަން ހުއްދަކަމަށްބުނެ، އެއީ ޚިލާފީ މައްސަލައެއްކަމަށްބުނެ، ތިބާ މީހުން ގާތު ފަތުވާ ތިދެއްވަނީ ކޮން ތާކުން އުނގެނިގެންހެއްޔެވެ؟ ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި މިއުޒިކް މަނާ ކުރަންޖެހޭ!
– ޝައިޚު ޝައުދާން ވިދާޅުވިއެވެ.
މިއުޒިކު ހަރާމް ކަމަށް ބުނާ މައްސަލާގައި ފަންސާސް ސުކޫލުގައި އެސެމްބްލީ ނުބޭއްވޭ ކަމަށް ޒަކަރިއްޔާ މަންސޫރު ވިދާޅުވެފައިވުމާއި އަދި އެކި ސެޝަންތަކުގައި ޒަކަރިއްޔާ ދައްކަވަމުން ގެންދަވާ ވާހަކަތައް ތަހުގީގު ކުރުމަށް އެތައް ބަޔަކު ދަނީ ގޮވާލަމުންނެވެ. އެފަދަ ސެޝަންތަކުގައި މަސައްކަތް ކުރަނީ ކުއްޖާ ދީނާ ދުރުކުރުވާ ދީނާ ހިލާފު ކަންކަން ފެތުރުމަށް ކަމަށްވެސް ބައެއް މީހުން ދެކެއެވެ.
މިފަދަ މައްސަލައެއް ފެންމަތިވެފައި މިވަނީ ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ރ. އުނގޫފާރުގައި ކުރިއަށް ގެންދިޔަ "ހަފްތާ ރެސް" ޕްރޮގްރާމުގައި ސުކޫލު ވަގުތުގައި ވަގުތަށް ނަމާދު ކުރުމަށް ދަރިވަރަކު އުޅޭނަމަ އެއީ ހަރުކަށި ފިކުރަށް ކުއްޖަކު ތަބާވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށް ދޭހަވާ ގޮތަށް މައުލޫމާތު ދީފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ނަމަވެސް ޔޫތު މިނިސްޓްރީން އެކަން ދޮގުކުރެއެވެ.
ކޮމެންޓު ފޮނުވާ