ދިވެހި ސިފައިންގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމެރިކާގެ ސެކިޔުރިޓީ ފޯސް އެސިސްޓެންސް ބްރިގޭޑް (އެސްއެފްއޭބީ) އާ ގުޅިގެން އެމްއެންޑީއެފުން ހިންގި "އެކްސަސައިޒް ބްލެކް މަރލިން 2022″ ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.
މި އެކްސަސައިޒް ނިންމުމުގެ ގޮތުން ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ޖޫން 16 ވަނަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. މި ރަސްމިއްޔާތުގައި އެ ތަމްރީނުތަކުގައި ބައިވެރިވި ދިވެހި ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޔޫއެސް ޕެސިވިކްގެ ޑެޕިއުޓީ ކޮމާންޑިންގ، މޭޖަރ ޖެނެރަލް ކްރިސް ސްމިތުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވި ގޮތުގައި އެކްސަސައިޒް ބްލެކް މަރލިންއަކީ ޔޫއެސް – މޯލްޑިވްސް ޑިފެންސް އެންޑް ސެކިޔުރިޓީ ކޯޕަރޭޝަން ގުޅުމުގެ ފެށުމެވެ. މީގެ އެއް އަހަރު ކުރިން ފެށިގެން ދިޔަ މި އެކްސަސައިޒް އެމްއެންޑީއެފްގެ މެރީންސްއަށް ޚާއްޞަ ކުރެވިފައިވީނަމަވެސް، މި އަހަރުގެ އެކްސަސައިޒް ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފްގެ މެރީންސް، ލޮޖިސްޓިކް ކޮމްޕޯނަންޓްސް، އީއޯޑީ ޓީމްސް، އަދި އިންޓެލިޖަންސް އެލެމަންޓްތަކަށް އަމާޒުކުރެވިގެނެވެ. ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވި ގޮތުގައި މި ފަދަ ކާމިޔާބު އެކްސަސައިޒްތަކުގެ ސަބަބުން ޔޫއެސް އަދި ދިވެހިރާއްޖެއާ ދެމެދު، އަދި މި ދެ ޤައުމުގެ އަސްކަރިއްޔާގެ މެދުގައިވާ ގުޅުން އިތުރަށް ވަރުގަދަވެ މިފަދަ އިތުރު އެންގޭޖްމަންޓްތަކަށް މަގުފަހިވެގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ޔޫއެސް އާމީ ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިންގ ޖެނެރަލް، މޭޖަރ ޖެނެރަލް ކްރިސްޓޮފަރ ސްމިތު ވިދާޅުވީ ވޭތުވެދިޔަ ހަފުތާތަކުގެ ތެރޭގައި ދެ ޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައި ޤާއިމްވެފައިވާ ގުޅުމުގެ މުހިއްމުކަން ފާހަގަކުރައްވާ، ގުޅިގެން މަސައްކަތްކުރުމުން ކަންކަން ހައްލު ކުރުމަށް ފަސޭހަވެގެން ދާކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، މިކަން މިގޮތުގައި ދެމި އޮންނާނީ ދެ ޤައުމުގެ ދެމެދުގައި މި އޮތް ގުޅުން ބަދަހިކުރުމަށް ކެނޑިނޭޅި މަސައްކަތްކުރުމުން ކަމުގައި މޭޖަރ ޖެނެރަލް ކްރިސްޓޮފަރ ސްމިތު ފާހަގަކުރެއްވިއެވެ.
މި އަހަރުގެ މި ޓްރެއިނިންގ އެކްސަސައިޒް ފޯކަސްކުރި ދާއިރާތަކަކީ އިންފެންޓްރީއާއި، މެޑިކަލް ކޮމްބެޓާއި، ލޮޖިސްޓިކްސް އަދި އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ދާއިރާއިންނެވެ. މިގޮތުން މި ތަމްރީނުތައް ކުރިއަށްދިޔައިރު، ސިމިޔުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރިއެވެ. މިޓްރެއިނިންގ އެކްސަސައިޒްގައި އެމެރިކާ އަސްކަރިއްޔާގެ ފަރާތުން 25 މުދައްރިބުން ބައިވެރިވިއެވެ. އަދި މި ތަމްރީނުތަކުގައި މިފަހަރު އެމްއެންޑީއެފްގެ 70 ސިފައިން ބައިވެރިވިއެވެ.
އެމެރިކާ އަސްކަރިއްޔާގެ އެސްއެފްއޭބީ އަދި އެމްއެންޑީއެފް ގުޅިގެން ރާއްޖޭގައި މި ތަމްރީނު ހިންގާފައިވަނީ 2022 މެއި 15 އިން 2022 ޖޫން 10 ވަނަ ދުވަހުގެ ނިޔަލަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް، ޅ.މާފިލާފުށީގައެވެ. މިއީ، އެމެރިކާ އަސްކަރިއްޔާއާ ގުޅިގެން އެމްއެންޑީއެފުން ބޭއްވި "އެކްސަސައިޒް ބްލެކް މަރލިން" ގެ ދެވަނަ ތަމްރީނު އެކްސަސައިޒެވެ.
ކޮމެންޓު ފޮނުވާ