ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރައްވި ސުވާލުތަކަށް ދެއްވި ޖަވާބުތަކުގައި ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް ސުވާލާއި ނުގުޅޭ ޖަވާބު ދެއްވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނުރުހުން އަސްލަމަށް އަމާޒު ވެއްޖެއެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި މިނިސްޓަރ އަސްލަމާއި ކުރައްވި ގިނަ ސުވާލުތަކުގައި ޖަވާބުތައް މާދިގުކޮށް އަދި ސުވާލާއި ނުގުޅޭ އިތުރު ވާހަކަ ދައްކަވާތީ މަޖިލިސް ރައީސް ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި ސީދާ ސުވާލަށް ޖަވާބު ދެއްވުމަށް ވަޒީރަށް ދަންނަވާފައެވެ. ދެފަހަރެއްގެ މަތީން ނަޝީދު ވަނީ އަސްލަމަށް ސީދާ ސުވަލަށް ޖަވާބު ދެއްވުމަށް ދަންނަވާފައެވެ.
މިއަދުގެ ޖަލްސާގައި ކާށީދޫ ދާއިރާގެ މެމްބަރު ޖާބިރު ވަނީ ސަރުކާރުގެ މަސައްކަތް ކުރިއަށްދާ ގޮތާއި، ހާސިލް ކުރެވިފައިވާ މިންވަރާއި ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. ޖާބިރު ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތި ލައްވާއިރު، ވައުދު ފުއްދުނު މިންވަރާއި ގުޅޭގޮތުން ކަންކަން ސާފުވާން ޖެހޭކަމަށެވެ. މިސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ނުގުޅޭ ވާހަކަ ދައްކަވަން ފެށުމުން މަޖިލިސް ރައީސް ވަނީ އަސްލަމް ހުއްޓުވައި ސީދާ ސުވާލަށް ޖަވާބު ދެއްވުމަށް ދަންނަވާފައެވެ.
އިއްޒަތްތެރި ވަޒީރު. އިއްޒަތްތެރި މެމްބަރުންގެ ސުވާލަށް ޖަވާބެއް ދެއްވުން ބޭނުންތެރި. ކޮންމެ ސުވާލެއްގެ ވަށައިގެން ވަރަށް ދިގު އެހެން ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި ސާފު ސާދާކޮށް ސުވާލަށް ޖަވާބު ދެއްވުން އެދެން.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ސަރުކާރުގެ ވައުދުތައް ފުއްދުމުގައި މަސައްކަތް ކުރަމުން ގެންދަނީ ބަރަށް އެކަންތައް ކުރިއަށް ގެންދިއުމަށެވެ. ޕަސެންޓޭޖުން ކިތައް ޕަސެންޓު ފުދިއްޖެތޯ އެޔެއް ދަންނަވަން ދަތިކަމަށް އަސްލަމް ވިދާޅުވިއެވެ.
އެހެން ނަމަވެސް ވައުދުވި ގިނަ ކަންކަން ހުރީ ފުރިހަމަވެފަ. އަދި ދައުރު ނިމެންވާއިރަށް ގިނަ ވައުދުތައް ހުންނާނީ ފުދިފަ.
– މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
ނަޝީދުގެ ނުރުހުން އަސްލަމަށް އަމާޒުވިއިރު، އަސްލަމް ވަނީ ދެވަނަ ދައުރަކަށް ރައީސް ޞާލިހަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާފައެވެ. މިއަދު އަސްލަމްގެ ގިނަ ވާހަކަތަކަށް ނަޝީދު ވަނީ ވަރަށް ރުންކުރުކޮށް ވާހަކަ ދައްކަވައި ހައްދަވާފައެވެ.
ކޮމެންޓު ފޮނުވާ