ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުންދިޔަ ނޯވޭގެ ތަރި އާލިން ހާލަންޑް، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ރަސްމީކޮށް ސޮއިކޮށްފިއެވެ.
ކުރިންވެސް ހާމަވެގެން ގޮސްފައިވާގޮތުގައި ހާލަންޑް ސިޓީއަށް ސޮއިކޮށްފައިވަނީ 51.2 މިލިއަން ޕައުންޑްގެ ޓްރާންސްފަރ ފީ އަކަށެވެ. ސިޓީ އަށް ސޮއިކުރުމަށް ފަހު ހާލަންޑް ބުނީ ސިޓީގެ ކޯޗު ގާޑިއޯލާ އަކީ ފުޓްބޯޅަ ތާރީހުގައި ފެނުނު އެންމެ މޮޅު އެއް ކޯޗު ކަމަށެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން މޮޅު ކުޅުންތެރިއަކަށް ވާން ކުރާ މަސައްކަތުގައި ގިނަ ތަށިތަކެއް ހޯދަން ބޭނުންވާ ކަމަށް ހާލަންޑް ވަނީ ބުނެފައެވެ.
މިއީ އަހަރެންގެ އާއިލާ އާއި އަހަންނަށް ވަރަށް ފަހުރުވެރި ވަގުތުކޮޅެއް. އަހަރެން ގިނަ ގޯލުތަކެއް ޖަހައި ގިނަ ތަށިތަކެއް ހޯދައި މޮޅު ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ކުރިއަށްދާން ބޭނުން. އެކަން މި ޓީމުގައި (ސިޓީގައި) ހުރެ ކުރެވޭނެ. ސިޓީގައި މުޅިން މި ތިބީ ދުނިޔޭގެ ފެންވަރު މޮޅެތި ކުޅުންތެރިން. މިއީ އަހަރެން ފުޓްބޯޅައިގައި ހާސިލްކުރަން ބޭނުންވާ ކަންކަން ކުރަން އެންމެ ރަނގަޅު ކްލަބް.
– ހާލަންޑް ބުންޏެވެ.
ސިޓީއިން ހާލަންޑް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެދަށުންނެވެ. ސިޓީއިން ހާލަންޑްގެ ކަންތަކުގައި ޑޯޓްމުންޑާއެކު މިދިޔަ މަހުވަނީ އެއްބަސްވުމަކަށް އައިސްފައެވެ. ހާލަންޑް ހާމަކުރިގޮތުގައި މިއީ އޭނާ އަށާއި އޭނާގެ އާއިލާއަށް ވަރަށް ފަހުރުވެރި ދުވަހެއް ކަމަށެވެ. ހާލަންޑް ހާމަކުރިގޮތުގައި އޭނާ އަބަދުވެސް ސިޓީ ކުޅޭ ތަން ބަލާކަމަށާއި އަދި އެޓީމްގެ ކުޅުން ބަލާ ކޮންމެ މީހަކުވެސް އެކުޅުމަށް ތައުރީފް ކުރާނެކަމަށެވެ. ސިޓީއަކީ ދުނިޔޭގެ ފެންވަރުގެ ގިނަ ކުޅުންތެރިންނާއި އެހާމެ ރަނގަޅު ކޯޗެއް ހުރި ޓީމެއް ކަމުން މިއީ އޭނާގެ މުރިމަގަށް ބަލާއިރު މިއީ އެންމެ ރަނގަޅު ނިންމުން ކަމަށެވެ. އޭނާ ބޭނުންވަނީ ލަނޑު ޖަހާ ގިނަ ކާމިޔާބީ ހާސިލް ކޮށް އޭނާގެ ކުޅުން އެއް ދުވަހަށް ވުރެ އަނެއްދުވަހު ކުރިއަރުވަން ކަމަށެވެ.
ސިޓީއިން ހާމަކުރިގޮތުގައި ހާލަންޑަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި އަދި މިވަގުތު މިޅު ޔޫރަޕަށް ބެލިކަމުގައިވީ ނަމަވެސް އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިޔާ ކަމަށެވެ. އޭނާއަކީ ސިޓީއިން ބޭނުންވާ ހުރިޙާ ސިފަތަކެއް ހުރި ކުޅުންތެރިއެއް ކަމަށާއި އޭނާ ހިމެނުމާއެކު ޓީމަށް އިތުރު ކުރިއެރުން އަންނާނެކަމާމެދު ސުވާލެއް ނެތްކަމަށްވެސް ކްލަބުން ހާމަކުރެއެވެ.