ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި އދ. މާމިގިއްޔަށް ވަޑައިގެން، ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ ބައެއް އިސްވެރިންނާއެކު ޤާސިމް އިބްރާހިމްއާއި ބައްދަލު ކުރެއްވި ބައްދަލުވުންތަކުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެ ވަޑައިގަތުމުން ގިނަބައެއްގެ ފާޑު ކިއުން އަމާޒު ވެއްޖެއެވެ.
ރައީސް ޞާލިހު އިއްޔެގެ ހެނދުނުގެ ވަގުތެއްގައި މާމިގިއްޔަށް ވަޑައިގެންފައިވަނީ ނުރައްމީ ދަރުތުރުފުޅެއްގައެވެ. އެމަނިކުފާނުގެ މިދަތުރުފުޅާއި ގުޅޭގޮތުން ރައީސް އޮފީހުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ހާމަ ކޮށްފައި ނުވާއިރު، ރައީސް ސާލިހުގެ މި ދަތުރުފުޅުގައި ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އާންމުކޮށް ރައީސުލްޖުމްހޫރިއްޔާ ކޮންމެ ރަށަކަށް ވަޑައިގެންނެވި ނަމަވެސް އެކަން ރައީސް އޮފީހުން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު ޓުވީޓު ކުރައްވައި އެދަތުރުގެ މައުލޫމާތު ކޮންމެވެސް މިންވަރަކަށް ހިއްސާ ކުރައްވައެވެ.
ރައީސް މާމިގިއްޔަށް ވަޑައިގަތުމަށްފަހު، ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމު ރައީސް ސާލިހަށް މަރުހަބާ ވިދާޅުވުމަށް ވީއައިޕީ ލައުންޖުގައި ދެޕާޓީގެ އިސް ބައެއް ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެ ވަޑައިގަންނަވާ މަންޒަރުގެ ފޮޓޯވަނީ މީސް މީޑިއާގައި ދައުރުވެފައެވެ.
އެހެންނަމަވެސް ސިޔާސީ އިސްބޭފުޅުންގެ ބައްދަލުވުމުގައި ޝާމާލް ބައިވެރިވެ ވަޑައިގެންނެވި ސަބަބެއް އެމްއެންޑީއެފްއިން ހާމަ ކޮށްފައެއް ނުވެއެވެ.
ރައީސްގެ ދަތުރުފުޅާއި ގުޅޭގޮތުން، ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވެފައިވަނީ ރައީސް ޞާލިހު، ގާސިމްއާ އެކު ނުރަސްމީ މަޝްވަރާތަކެއް ޝެޑިއުލްކޮށްފައި އޮތްކަމަށެވެ. އޭގެ އިތުރުން ކައުންސިލަރުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި ރައީސް ސާލިހުވަނީ ގާސިމް އިބްރާހިމްގެ ސަން އައިލޭންޑް ރިސޯޓުގައި ނުރަސްމީ މަޝްވަރާތައް ކުރިޔަށް ގެންދަވާފައެވެ.
ސިފައިންގެ ގާނޫނާއި ސިފައިންގެ ކޯޑް އޮފް އެތިކްސް އާއި ސިފައިންގެ ކޯޑް އޮފް ކޮންޑަކްޓް ބުނާ ގޮތުން ސިފައިން ސިޔާސީ ކަންކަމުގައި ބައިވެރިވުމަކީ މަނާ ކަމެކެވެ. ޝަމާލް ބައިވެރިވެ ބައިވެރިވެ ވަޑައިގެންނެވީ ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ ބައްދަލުވުމެއަގައި ކަމަށްވިޔަސް މި ބައްދަލުވުމަކީ ސީދާ ކޮން މަގްސަދެއްގައި ބޭއްވުނު ބައްދަލުވުމެއްކަން އަދި ސާފުވެފައެއް ނުވެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، ރާއްޖެއިން އިންޑިއާއާއެކީ ކޮށްފައިވާ ބައެއް އެއްބަސްވުންތަކާއި ގުޅޭގޮތުން އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ފާޑކިއުން ވަރަށްބޮޑަށް އަމާޒުވެފައިވާ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.