ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލާގައި މިހާރު ޝަރީއަތް ހިނގަމުންދާ މީހުންނާ ދެކޮޅަށް، ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ބަލައިގަނެ ދައުލަތުން އެދުނު ވަރަށް ސިއްރުކޮށްދޭން ޝަރީއަތުން ނިންމަވައިފިއެވެ.
ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގޭ މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާ ކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ، ކުދެހިގޭ އިސްހާގާއި އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ. ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި އަހުމަދު އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ކުރިން އޮތީ އިއްވައިފައެވެ.
މި މައްސަލާގައި މިއަދު އޮތީ ދެ ފަރާތުން ހުށައެޅި ހެކިތަކާއި މެދު ކޯޓުން ގޮތެއް ނިންމުމެވެ. މި މައްސަލާގައި ދައުލަތުންނާއި ދިފާއުން ވަނީ ގިނަ ހެކިތަކެއް ހުށައަޅާފައެވެ. ދައުލަތުން ހުށައެޅި ހެކިތަކުގެ ތެރޭހައި ބޮން ގޮއްވާލި ސަރަހައްދު އޮތް ގޮތް ސާބިތުކޮށްދިނުމަށާއި ދައުވާކުރާ މީހުން އެކަކު އަނެކަކު ދަނެ ބައްދަލުވެ އުޅޭކަން ސާބިތުކޮށް އެކަމުގައި ބައިވެރިވިކަން ސާބިތުކޮށްދިނުމަށްވެސް ދައުލަތުން ވަނީ ހެކި ހުށައަޅާފައެވެ.
ހެކިންގެ ފުރާނައަށް ނުރައްކާވެދާނެކަމަށް ބުނެ ދައުލަތުން ވަނީ ސިއްރުން ހެކިބަސް ނަގާދިނުމަށް އެދިފައެވެ. އަޑު ބަދަލުކޮށް ސިއްރުން ހެކިބަސް ނެގޭނެ ޤާނުނީ ހަމައެއް ނެތްކަމަށް ބުނެ ދައުވާ ލިބޭ ފަރާތްތަކުން ވަނީ ދައުލަތުގެ އެދުމަށް އިންކާރުކޮށްފައެވެ. އެހެންނަމަވެސް ކޯޓުން ނިންމެވީ ދައުލަތުން އެދުނު ހެކިތައް ސިއްރުކޮށް، އަޑު ބަދަލުކޮށްގެން ހެކިބަސް ނެގުމަށެވެ.
ދައުވާ ލިބޭ ބައެއް މީހުންވަނީ އެމީހުން ކުށުގެ ވެށީގައި ނެތްކަމުގެ ދިފާއު ސާބިތުކުރަން ބައެއް ހެކި ހުށައަޅާފައެވެ. މީގެތެރެއިން ފަހުމީއާއި ނާޒިމާއި އިޝްހާގާއި ހައިޝަމްގެ ފަރާތުން ހުށައެޅި ބަލައިނުގަތުމަށް ދައުލަތުން ވާނީ އެދިފައެވެ. ސަބަބެއްކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވީ ތަހުގީގުގެ މަރުހަލާގައި އެ ހެކިންގެ ވާހަކަތައް ފާހަގަކޮށްފައި ނުވާތީކަމަށެވެ.
މި ހުށައެޅުމާއި ގުޅިގެން ކޯޓުން ނިންމެވީ ހައިޝަމް ފިޔަވާ ދެން ތިބި މީހުން ހުށައެޅި ދިފާއީ ހެކިތައް ބަލައިނުގަތުމަށެވެ. އެހެންނަމަވެސް ނާޒިމްގެ ފަރާތުން ހުށައެޅި އެއް ހެއްކެއްގެ ވާހަކަ ތަހިގީގުގެ މަރުހަލާގައި ފާހަގަކޮށްފައިވާތީ އެ ހެކި ބަލައިގަތުމަށް ކޯޓުން ވަނީ ނިންމާފައެވެ. މި މައްސަލާއިގެ އަޑުއެހުންތައް އަންނަ ހަފްތާގައި ފަށާނެއެވެ.
ރައީސް ނަޝީދަށް ހަމަލާދިނުމުގައި އިސްކޮށް އުޅުނު މުހައްމަދު ތަސްލީމާއި، އަލި މަނިކުގެ ޝަރީއަތް އަންނަ ސެޕްޓެމްބަރަށް ނިންމާލުމަށް އެމައްސަލަ ބައްލަވާ ގާޒީ ވަނީ ތާވަލުކޮށްފައެވެ. އެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި ތަހުމީން އަހުމަދާއި މުޖާޒް އަހުމަދާއި އަލީ ހައިޝަމް އާއި މުހައްމަދު ނާޒިމް އާއި އިސްހާގާއި ފަހުމީ އަލީގެ މައްސަލަތައް އުޅެނީ ކޯޓު މަރުހަލާގެ ކުރީކޮޅުގައެވެ.
One Response
ކޮންމެމީހެއްގެ މައްޗައް ކުރެވުނު ކޮންމެފަދަ ތުހުމަތެއްކަމުގައިވިޔަސް ވަކިފަރާތަކަށް ބުރަނުވެ ޒާތީ ތަޢައްސުބުން އެއްކިބާވެ އިންޞާފުވެރި ޝަރީޢަތެއް ކުރެވުމުގެ ޙައްޤަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއް، ކޯޓުތަކުގެ ފަނޑިޔާރުން އެޙައްގު ކަށަވަރޮށްދޭންޖެހޭއިރު މިފެންނަނީ ދިފާޢުވުމަށް އޮތް ދޮރު ބަންދުކޮށްފަ ކުށްވެރިވާން އޮތް މަގު ތަނަވަސްކޮށް، އެމީހެއްގެ މައްޗަށް ކުށެއް ސާބިތުނުވާހާ ހިނދަކު ކުށްވެރިއެއް ނޫންކަމަށް ބެލުމަށް އޮންނަ ޙައްޤު ކަށަވަރުނުވެ، ކުށްވެރިއަކު ކަމަށް ކަނޑައަޅަން އޮންނަ މިންގަނޑުން ކުށް ކުރިކަން ސާބިތުނުވަނީސް ކުށްވެރިއަކު ކަމުގައި ބަލައިގެން އެމީހަކާމެދު ޢަމަލުކުރެވޭތަން، އިސްލާމްދީނުގައި ނަފްސުގެ ރައްކާތެރިކަމަށްޓަކައި މަރަށްމަރުހިފުން ލައްވައި އެކަން ސާބިތުކުރުމުގެ މިންގަނޑު ލައްވާފައިވާއިރު އެއަށްވުރެ މަތީދަރަޖައެއް ދީގެން ސާބިތުކުރަންޖެހޭ ކުށެއް އޮންނާނެކަމުގައި ޤަބޫލުކުރުމީ އިލާހީ ޤާނޫނާ ތަޢާރުޟުވާކަމެއް.