ރޮނާލްޑޯގެ ދެގޯލާއިއެކު ޕޯޗުގަލްއަށް ފަސޭހަ މޮޅެއް

ރޮނާލްޑޯގެ ދެގޯލާއިއެކު ޕޯޗުގަލްއަށް ފަސޭހަ މޮޅެއް

ގުޅުންހުރި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޕޯޗުގަލް އިން 4-0 އިން ސްވިޓްޒަލެންޑު ބަލި ކުރި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ދެ ގޯލު ޖަހައިފިއެވެ.

ޕޯޗުގަލް ދަނޑުގައި ރޭ ހަ ވަނަ މިނިޓްގައި ސްވިޒަލެންޑްގެ ހަރިސް ސެފެރޯވިޗް ގޯލެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެ ގޯލު ބަލައިނުގަންނަން ނިންމިއެވެ. ޕޯޗުގަލް އިން ލީޑުނެގީ މެޗުގެ 15 ވަނަ މިނިޓްގައި ވިލިއަމް ކަވާލިއޯ ޖެހި ގޯލުންނެވެ. މިއީ ރޮނާލްޑޯ ދިން ބޯޅައަކުން ޖެހި ގޯލެކެވެ.

އޭގެ ފަސް މިނެޓު ފަހުން ރޮނާލްޑޯ ދެވަނަ ގޯލް ޖެހީ ޖޮޓާ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ ކީޕަރުގެ އަތުގައި ޖެހިފައި ނުކުތް ވަގުތު ގޯލަށް ވައްދާލައިގެންނެވެ. މި ދެ ގޯލާ އެކު ރޮނާލްޑޯ ގައުމީ ޓީމަށް ޖަހައިދިން ގޯލުގެ ޖުމްލަ އަދަދު ވަނީ 117 އަށް އަރައިފަ އެވެ. ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ރޮނާލްޑޯ އަތުގައެވެ.

މެޗުގެ 68 ވަނަ މިނެޓުގައި ޕޯޗުގަލްގެ ހަތަރު ވަނަ ގޯލް ޖެހީ ފުލްބެކް ޔާއޯ ކަންސެލޯއެވެ. ކަންސެލޯ ގޯލް ޖެހީ ބާނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

ނޭޝަންސް ލީގުގައި ސްޕެއިން ކުޅުނު ފަހު މެޗުން ވަނީ މިދިޔަ ހަފްތާގައި ޕޯޗުގަލްއާ އެއްވަރުވެފައެވެ. ޗެކް ރިޕަބްލިކް އިން ވަނީ ފުރަތަމަ މެޗުގައި ސްވިޒަލެންޑް ބަލިކޮށްފައެވެ. ރޭ، ސްޕެއިން ބަލިކުރުމާ ގާތަށް ޗެކް ރިޕަބްލިކުން ޖެހިލި ނަމަވެސް ސްޕެއިން ފަހު ވަގުތު ގޯލު ޖެހީއެވެ. ނޭޝަންސް ލީގުގެ އެއް ވަނަ ޑިވިޝަނުގެ ގްރޫޕް ބީގެ އެއް ވަނައިގައި އޮތް ޕޯޗުގަލް އާއި ދެ ވަނައިގައި އޮތް ޗެކް ރިޕަބްލިކަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ސްޕެއިން ތިން ވަނައިގައި އޮތީ ދެ ޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި އޮތް ސްވިޒަލެންޑަށް ދެ މެޗު ކުޅުނުއިރު، ޕޮއިންޓެއް ނުލިބެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ