ޔުއެފާ ނޭޝަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި ގިނަ ތަރިންތަކެއްގެ މައްޗަށް އެކުލެވޭ ފްރާންސް، ޑެންމާކު އަތުން ބަލިވެއްޖެއެވެ.
އަމިއްލަ ޤައުމުގައި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗުން ޑެންމާކު ކާމިޔާބު ކުރީ ފަހަތުން އަރައި 2-1 އިން ފްރާސް ބަލިކޮށްގެންނެވެ.
ރޭގެ މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑު ނެގީ ފްރާސެވެ. މެޗުގެ 51 ވަނަ މިނިޓްގައި ކްރިސްޓޮފާ އެންކުންކޫ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ޑެންމާކްގެ ތިން ޑިފެންޑަރުން ކައިރިން ދެމިގަތުމަށް ފަހު ބެންޒެމާ ވަނީ ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފައެވެ. މިއީ މި ސީޒަނުގައި ބެންޒެމާގެ 50 ވަނަ ގޯލެވެ.
ޑެންމާކަށް އެއްވަރުކޮށްދިނީ މެޗުގެ ފަހު 30 މިނިޓްގައި ކުޅެން ނުކުމެ، އެ ޓީމު މޮޅުކޮށްދިނުމުގެ ބޮޑު ކްރެޑިޓެއް ހައްގުވާ ފޯވާޑް، އަންދްރެއަސް ކޮނޭލިއަސް އެވެ. މެޗުގެ 68 ވަނަ މިނިޓްގައި ކޯނޭލިއަސް ޑެންމާކަށް އެއްވަރުކޮށްދިން ގޯލު ޖެހީ ޕިއޭ އެމީލް ހޮއިބިއާ ހުސްކޮށްލާފައި އޭރިއާތެރެއަށް ނަގައިިދިން ބޯޅައަކުން ހަމަޖެހިލާފައި ގޯލަށް ބޯޅަ ވައްދާލައިގެންނެވެ.
މެޗުން މޮޅުވި ގޯލު މެޗުގެ 88 ވަނަ މިނިޓްގައި ޖެހީވެސް ކޯނޭލިއަސްއެވެ. ފްރާންސް ޑިފެންޑަރުން ކޮނޭލިއަސްގެ ގޯލު އޮފްސައިޑް ކަމަށް އެޕީލްކުރި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ ގޯލެއް ކަމަށެވެ.
މިއީ، ރަސްމީ ވާދަވެރި މެޗެއްގައި 2016 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލަށް ފަހު ފްރާންސް އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ.