ޕެރިސިޗް ޓޮޓެންހަމަށް ސޮއިކޮށްފި

ޕެރިސިޗް ޓޮޓެންހަމަށް ސޮއިކޮށްފި

Author
މުޙައްމަދު ޝަޒައިމް
01 ޖޫން 2022 07:54
0

އިންޓަ މިލާނަށް ކުޅެމުން އައި ކްރޮއޭޝިއާގެ ވިންގާ އިވާން ޕެރިސިޗް ޓޮޓެންހަމް ހޮޓްސްޕާއަށް ބަދަލުވިކަން އެ ކްލަބުން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

އުމުރުން 33 އަހަރުގެ ޕެރިސިޗް ޓޮޓެންހަމަށް ސޮއިކުރީ ފްރީ ޓްރާންސްފާއެއްގައެވެ. އޭނާ ޓޮޓެންހަމަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ޓޮޓެންހަމަށް ބަދަލުވިއިރު، އޭނާ އަކީ އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބޭނުންވި ކުޅުންތެރިއެކެވެ.

ޕެރިސިޗްއަކީ ކުރިޔަށް އޮތް ސީޒަނަށް ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ގެނައި ފުރަތަމަ ކުޅުންތެރިޔާއަށްވާއިރު، އޭނާ އެ ކްލަބާ ގުޅޭނެ ކަމަށް ރިޕޯޓްތައް ބުނަމުން އަންނަތާ ހަފްތާއެއްހާ ދުވަސް ވެއްޖެއެވެ. މިދިޔަ ސީޒަނުގައި އިންޓައިގައި ރަނގަޅު ކުޅުމެއް ދައްކާފައިވާ ޕެރިސިޗް ވަނީ ކޮންޓޭގެ އިރުޝާދުގެ ދަށުން 21-2020 ވަނަ ސީޒަނުގައި އެ ކްލަބާއެކު އިޓާލިއަން ލީގު ކާމިޔާބުކޮށްފައެވެ. އަދި އޭނާއަކީ ކޮންޓޭ ގަޔާވާ ކުޅުންތެރިޔެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

2021-22 ވަނަ ސީޒަނުގައި އިޓާލިއަން ލީގުގެ ދެވަނަ ހޯދާފައިވާއިރު، ޕެރިސިޗް ވަނީ އެ ކްލަބަށް ކުޅުނު 49 މެޗުގައި 10 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެކުރިން ކްލަބް ބްރޫޖް، ބްރޫޝިއާ ޑޯޓްމަންޑް އަދި ވޮލްފްސްބާގްއަށް ކުޅެފައިވާ ޕެރިސިޗް އިންޓަ މިލާނަށް ބަދަލުވީ 16-2015 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ އިންޓައިގައި ހޭދަކުރި މުއްދަތުގެ ތެރެއިން އެއް ސީޒަނުގައި ބަޔާން މިއުނިކަށް ލޯން އުސޫލުންވެސް ކުޅެފައެވެ.

ޕެރިސިޗް އަކީ ކްރޮއޭޝިއާގެ ގައުމީ ޓީމުގެ ވެސް ކުޅުންތެރިއެކެވެ. 2011 ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ ކްރޮއޭޝިއާގެ ގައުމީ ޓީމަށް ކުޅެމުންނެވެ. އަދި މިހާތަނަށް އޭނާ ވަނީ ގައުމީ ޓީމަށް 113 މެޗު ކުޅެދީ 32 ލަނޑު ޖަހާފައެވެ. އޭނާ ވަނީ ގައުމީ ޓީމާއެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލް ވެސް ކުޅެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.