ސްކައުޓްގެ ހަރަކާތްތައް މިހާރަށްވުރެ ބޮޑަށް ރާއްޖޭގައި ހިންގެއްޖިނަމަ އިޖްތިމާޢީ ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 66 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ސްކައުޓުން ކުރައްވަމުން ގެންދަވަނީ ވަރަށް މުހިއްމު މަސައްކަތްތަކެއްކަން ފާހަގަކުރައްވާފައެވެ.
ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 66 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާޢްޖޭގެ އިޖްތިމާޢީ ޙާލަތަށް ބަލާ މިހާރަށް ވުރެ ބޮޑަށް ސްކައުޓްގެ ހަރަކާތްތައް މުޅި މުޖުތަމަޢުއަށް ހިންގަންޖެހޭ ހާލަތަކަށް އައިސްފައިވާކަމަށެވެ. އަދި މުޖުތަމަޢުއަށް ސްކައުޓްގެ ހަރަކާތްތައް ފުޅާ ކުރުމަށްޓަކައި ސަރުކާރާއި އެކި ވުޒާރާތަކުގެ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
މިހާރު ސްކައުޓްގެ ހަރަކާތްތައް ހަމައެކަނި ސްކޫލްތަކަށް ހިންގިނަމަވެސް މި ހަރަކާތް މުޅި މުޖުތަމަޢުއަށް ފުޅާކުރުމުގެ ސަބަބުން މަސްތުވާތަކެތީގެ ވަބާގައި ޖެހޭ ޒުވާނުންނާއި ގޭންގު ކުށްތަކަށް އަރައިގަންނަ ޒުވާނުންގެ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޒުވާނުން މަގު ގެއްލިގެން ދަނީ ހަޔާތުގެ އެންމެ މުހިއްމު ދުވަސްވަރުގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެފަދަ ކުށްތަކަށް ޒުވާނުން އަރައިގަންނަ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހުސްވަގުތު ގިނަވެ ކުރާނެ މަސައްކަތެއް ނެތުން ހިމެނޭކަމަށެވެ. އަދި މިގޮތަށް ދިރިއުޅެމުން އަންނަ ޒުވާނުން ސްކައުޓް ހަރަކާތްތަކުގައި ބައިވެރި ކުރުވެއްޖެނަމަ އަމާން މަންޒިލަކަށް އެކުދިން ދިއުމުގެ ފުރުޞަތު އޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
މާދަމާ ޤައުމުގެ އެކި މަޤާމުތަކަށް އަންނަން ތިބީ ޒުވާނުންނާއި އަދުގެ ކުޑަކުދިން. ގޯޅި އެޅުމުގެ ކަންކަން މި ފެށީނީ ހަޔާތުގެ އެންމެ މުހިއްމު ދުވަސްވަރު އެޅޭ ހުސްކަމުގެ ތެރެއިން. ސްކައުޓްގެ ހަރަކާތްތައް ފުޅާ ކުރެވިއްޖެނަމަ ކުށައް އަރައިގަންނަ ކުދިންގެ މިންވަރު މަދުކުރެވޭނެ. އިޖްތިމައީ ކަންކަމަށް ހައްލެއް ލިބޭނެ. އިޖްތިމާއީ މައްސަލަތަކަށް ހައްލު ހޯދައިދެވޭނެ.
– ރައީސް ވިދާޅުވިއެވެ.
ސްކައުޓުންގެ ހުރިކަންބޮޑުވުންތަކަށް އަލި އަޅުއްވާލައްވަމުން ރައީސް ވަނީ ދާއިމީ ގޮތެއްގައި ސްކައުޓްގެ އޮފީސް ހިންގުމަށް އިމާރާތެއް ހަމަޖައްސަވާދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ސްކައުޓް ކުދިން ކޭމްޕް ގޮސް ތިބުމަށް މާލެ ސަރަޙައްދުން ރަށެއް ހަމަޖައްސަވައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސްކައުޓް ހަރަކާތް ބިނާވެފައި އޮންނަނީ މުޅި މުޖުތަމައުގެ ހެވާ ލާބައަށް މަސައްކަތް ކުރުމަށާއި އިންސާނިއްޔަތުގެ މައްޗަށް މަސައްކަތް ކުުރުމަށްކަން ފާހަގަކުރައްވާ ރައީސް ވަނީ ކޮންމެ ސްކައުޓެއްވެސް އިސްލާމް ދީނުގެ އަޤީދާގައި ހިފެހެއްޓުމަށާއި ޤައުމު ދެކެ ލޯބިވާ ދަރަޖައަކަށްވެސް މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ. ރައީސްގެ އިލްތިމާސްއާ ގުޅިގެން ސްކައުޓް އެސޯސިއޭޝަނުން ވަނީ އަންނަ އަހަރު ރާއްޖޭގެ 4 ސަރަޙައްދެއްގައި ކޮމިއުނިޓީ ސްކައުޓުން ތަޢާރަފް ކުރުމަށް ނިންމަވާފައެވެ.
ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 66 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ސްކައުޓް ހަރަކާތްތަކުގައި ބައިވެރިވި ސްކައުޓުންނަށް ހަނދާނީ ފިލާ ދީފައެވެ. އަދި ޕްރެޒިޑެންޓް ސްކައުޓް ލިބުނު ދެ ސްކައުޓުންނަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ އެވޯޑް ހަވާލުކޮށްދެއްވާފައެވެ.