ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް އިބްރާހީމް މުޙައްމަދު ޞާލިޙް، ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންނާއި ބައްދަލުކުރައްވާ، ޤައުމީ ސްކައުޓް ކައުންސިލަށް އަލަށް ޢައްޔަނު ކުރެއްވި މެންބަރުންނަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވައިފިއެވެ.
ޤައުމީ ސްކައުޓް ކައުންސިލަށް އަލަށް އައްޔަން ކުރެއްވި މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ސްކައުޓް ކައުންސިލަށް އަލަށް އައްޔަން ކުރެއްވި މެންބަރުންނަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކައުޓް އެސޯސިއޭޝަންގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސްކައުޓް އެސޯސިއޭޝަންގެ ފަރާތުން ވަނީ ސްކައުޓް ހަރަކާތްތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ. އަދި ސްކައުޓްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުރި ހުރަސްތަކާއި ދަތިތަކުގެ މަޢުލޫމާތު މި ބައްދަލުކުރެއްވުމުގައި އެ އެސޯސިއޭޝަންގެ ފަރާތުން ތަފްޞީލުކޮށްދެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކައުޓް ޖަމްބަރީގެ ތައްޔާރީތަކާއި ތަމްރީން ޕްރޮގްރާމްތަކާއި ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރައްވާފައެވެ. އަދި ސްކައުޓްގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށާއި ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.