ދިރިއުޅުމުގައި އަންނަ ހާލަތުގެ ސަބަބުން ގޮތް ނިންމަން ނޭނގި ހުންނަންޖެހޭ އެތައް ހާލަތެއް ކުރިމަތިވެއެވެ.
މިއީ ގުޅުން ކަނޑާލަންވީ ވަގުތުކަމެއް ނޫނީ އަލުން އައު ފެށުމަކުން ފަށައި، ކުރިއަށް ދާންވީ ވަގުތުކަމެއް ނޭނގި ހަދާނެ ގޮތް ހުސްވެއެވެ.
އެހެން ނަމަވެސް ދިރިއުޅުމައިގެން އިތުރަށް ކުރިއަށް ނުދެވޭނެ ހާލަތްތައް އަންނާނެކަން އަބަދުވެސް ޤަބޫލުކުރަންވާނެއެވެ. އަދި ހަމަ އެފަދައިން އެކުގައި ކުރިއަށް ދިއުމަށް އިތުރު ފުރުސަތެއް ލިބެންޖެހޭނެ ހާލަތްވެސް އަންނާނެއެވެ.
ސިނގިރޭޓު ބުއިން ހުއްޓާލާނަމޭ ބުނެ ދޮގު ހެދުން
ދޮގަކީ ދިރިއުޅުން ބިނާވެފައި އޮންނަ އިތުބާރު ގެއްލުވާލާ އެއްޗެކެވެ. އެހެން ނަމަވެސް ސިނގިރޭޓް ނޫނީ ދުންފަތުގެ އިސްތިއުމާލުކުރުމަށް ބެނުންކުރެވޭ ތަކެއްޗަކީ ވަރަށް ފަސޭހައިން އެޑިކްޓްވެ އެއާ ދުރަށް ދިއުމަށް މަސަކަތް ކުރިޔަސް ދުރުވާން އުނދަގޫ އެއްޗެކެވެ.
މިހާލަތުގައި ބަލަންވާނީ އެމީހަކާ ގުޅުން ކަނޑާލުމަށްވުރެ ބޮޑަށް އެހީވެވޭތޯއެވެ. އެހެން ނަމަވެސް އެއީ އެހެން ކަންކަމުގައި ތެދުވެރިވެ އެކަމުން ސަލާމަތްވުމަށް އެކިގޮތްގޮތުން މަސައްކަތްކުރާކަން ތިމާއަށް ޔަޤީންވާނަމައެވެ.
ބޮޑެތި ކަންކަމުގައި ދޮގުހެދުން
ގުޅުމަށް އެތައް ދުވަހެއް ވާހިސާބުން ދިރިއުޅުމާއި ގުޅިފައިވާ ކަމެއްގައި ބައިވެރިޔާ ދޮގުހަދާކަން ނޫނީ އޮޅުވާލާ ސިއްރުކުރާކަން އެގުމުން އަވަހަށް ވާހަކަ ދައްކާ އެވަރު ކަމެއް ކުރި ބޭނުން އޮޅުން ފިލުވަންވާނެއެވެ.
އަދި އެކަމުން ތިމާއަށް އަސަރު ކުރި ގޮތާއި އެހެންމީހުންގެ ކުރިމަތީގައި ތިމާގެ އަގުވެއްޓުނުވަރު ހާމަކޮށްދީ އެކަން އެހެން ތަކުރާރު ނުކުރަން ބުނަންވާނެއެވެ.
އަދި ގެއްލުނު އިތުބާރު އަލުން ހޯދުމަށް މަސައްކަތްކުރުމަށްވެސް ބުނަންވާނެއެވެ. އެހެން ނަމަވެސް ގިނަ ކަންކަމުގައި ތިމާ ސުވާލުކުރުމުން ހަދަނީ ދޮގުކަން އިހުސާސްވެ ނޫނީ ސާބިތުވާނަމަ އެއީ ދިރިއުޅުން ކުރިއަށް ނުގެންދެވޭނެ ކަމުގެ އަލާމާތެކެވެ.
ބޭވަފާތެރިވުން
މިއީ ގިނަފަހަރަށް ގުޅުމުގައި ސިއްކަ އެންމެ ގިނައިން ޖަހާ އެއް މައްސަލައެވެ. އަސްލު މިހެން ދިމާވަނީ ބައިވެރިޔާ އެހެން މީހަކާ ގުޅުން ބާއްވާކަން ފަޅާއަރާވަގުތު ގޮތް ނިންމާތީއެވެ.
ފަހަރުގައި އެކަން ހިނގާފާނެ އެހެން ސަބަބެއްވެސް އޮވެދާނެއެވެ. މިހާލަތުގައިވެސް އެކިއެކި ގޮތްގޮތުން ވިސްނާ ހަމަޖެހިގެން ގޮތް ނިންމުން ރަނގަޅެވެ.
އަދި ބައިވެރިޔާ އާއި ވާހަކަ ދައްކާ އެހެން ހެދީ ކީއްވެތޯ ސުވާލުކޮށް އެކަމާ ބައިވެރިޔާ ދެރަވާ ވަރާއި ލަދުގަންނަ ވަރު ދެނެގަތުމަށްފަހު ނޫނީ ކައިވެނި ރޫޅާ ނުލާށެވެ. ކޮންމެ ސަބަބަކާހެދި ނަމަވެސް ތަކުރާރު ވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ދިރިއުޅުމުގެ ބޮޑެތި ނިންމުންތައް ބައިވެރިޔާގެ މަޝްވަރާއެއްނެތި ނިންމުން
މިސާލަކަށް އެހެން ޤައުމަކަށް ނޫނީ އެހެން ގެއަކަށް ބަދަލުވުން، އަގުބޮޑެތި މުދާ ގަތުން، ވަޒީފާއިން ވަކިވުން ފަދަ ކަންކަމުގައި ބައިވެރިޔާގެ މަޝްވަރާ ނުހޯދުމަކީ މަދުން ނަމަވެސް ވާކަމެކެވެ.
އެހެން ނަމަވެސް ދިރިއުޅުމުގެ މިފަދަ ބޮޑެތި ނިންމުންތައް ނިންމަން ވާނި ދެމަފިރިންގެ ފުރިހަމަ އެއްބާރުލުން ލިބިގެނެވެ. މިފަދަ ކަންކަން ދިމާވާނަމަ ބައިވެރިޔާއަށް އިހުސާސްކުރެވޭނީ ދިރިއުޅުމުގައި ބާކީވެ ބޭކާރު މީހެއް ފަދައިންނެވެ.
ވާހަކަ ދެއްކުމުންވެސް މިފަދަ ކަންތަކުގެ ސަބަބުން ތިމާއަށް އަސަރުކުރާކަން އަދި ހިއްސާކުރުމުގެ ބޭނުމެއް ނެތްކަމަށް ފިރިމީހާއަށް ހީވާނަމަ އެބައިވެރިޔާ އަކީ ތިމާއާއި އެކު ދިރިއުޅުމަށް އެންމެ އެކަށީގެންވާ މީހާއެއް ނޫނެވެ.
އަމިއްލަ އެދުން އިސްވުން
ކޮންމެ ކަމެއްގައިވެސް ކޮންމެ ހާލަތެއްގައިވެސް ތިމާއާއި ތިމާގެ ކަންކަން އިސްކުރާނަމަ އަނެކާގެ އަގެއް ދިރިއުޅުމުގައި ނެތްފަދަ އިޙުސާސެއް ކުރެވޭނެއެވެ.
އެއް ފަރާތުން ލިބޭ ހުރިހާ ވަގުތަކާއި އެއްޗަކާއި ފައިސާއެއްވެސް އަނެކާ އާއި އޭނާގެ ދިރިއުޅުމުގެ އުފާތަކާއި ގުޅިފައި ހުރި ކަންކަމަށް ހޭދަކުރަމުން ދާއިރު އަނެކާއަށް ލިބޭ ވަގުތުތައްވެސް އަމިއްލަ ހިތްހަމަޖެހުމާއި ތިމާގެ ރަޙުމަތްތެރިންނާއެކު ހޭދަކުރުމާއި ފައިސާއިން ބޮޑުބައެއްވެސް އާއިލާ އާއި ބައިވެރިޔާގެ އުފާތަކަށްވުރެ ތިމާގެ ހިތްހަމަޖެހުމަށް ހޭދަކުރާނަމަ މިއީ ހައްލުކުރަންޖެހޭ މައްސަލައެކެވެ.
އަދި އެއީ ގޯހެއްކަމަށް ބައިވެރިޔާއަށް ޤަބޫލުނުކުރެވޭނަމަ ނޫނީ ނުވިސްނޭނަމަ އެފަދަ ދިރިއުޅުމެއް އުޅުމަކީ އަޑު ގޮވާނެކަމަށް އެއް އަތް ތެޅުމެވެ.
އެހެން ކަމުން މިފަދަ ކަންކަން ތަކުރާރުވާނަމަ އެކުގައި އުޅުމުގެ ބަދަލުގައި އެގުޅުމަކަށް އަތުން ފައިން ޓާޓާ ކިޔައި ދިއުމަކީ އެންމެ ބުއްދިވެރި އެއްގޮތެވެ.