ވާދަވެރި ކެމްޕޭނަކަށްފަހު މިއަދު ބޭއްވިގެންދިޔަ އެމްޑީޕީގެ ޗެއަރޕާރސަން އިންތިޚާބު ފައްޔާޒު އިސްމާއިލް ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފިއެވެ.
މިއަދު 6:00 ގައި މި އިންތިޚާބުގެ ވޯޓު ލުން ބަންދު ކުރުމަށްފަހު ވޯޓު ފޮށިތައް ގުނަ ފަށާފައިވާއިރު، ވޯޓު ލާފައިވާ 200 އަށްވުރެ ގިނަ ވޯޓު ފޮށީގެ ތެރެއިން މިހާރު ނުގުނި ވަނީ ހަމައެކަނި އެންމެ 50 ވަރަަކަށް ވޯޓު ފޮއްތެވެ.
މިގޮތުން މެޖޯރިޓީ ވޯޓުތައް މިހާރު ގުނާ ނިމިފައިވާއިރު، ފައްޔާޒަށް އިންތިޚާބުގެ %60އަށްވުރެ މަތިން ވޯޓު ލިބޭނެ ކަމަށް މިހާރުވަނީ ޔަގީން ކުރެވިފައެވެ. އަދި ފައްޔާޒުގެ ކެމްޕޭން ޓީމުންވެސް ވަނީ، އިންތިޚާބު ކާމިޔާބު ވެއްޖެކަން އިއުލާން ކޮށްފައެވެ.
މިގޮތުން، ފައްޔާޒްގެ ކެމްޕޭން މެނޭޖަރު އިބްރާހިމް ވަހީދު (އިބުރޭ) ވަނީ މި އިންތިހާބު 60 ޕަސަންޓަށް ވުރެ މަތިން ވޯޓު ލިބޭނެ ކަމަށް މިހާރު ޔަގީންވެފައިވާ ކަމަށް ވިދާޅުވެފައެވެ.
މުޅި އިންތިޚާބުގެ މިހާތަނަށް 190އަށް ވުރެ ގިނަ ވޯޓު ފޮށި ގުނާފައިވާއިރު، ބޮޑު އަގުލަބިއްޔަތަކުން ފައްޔާޒުވަނީ މި ފޮށިތަކުން ކުރި ހޯއްދަވާފައެވެ. މިހާތަނަށް އާންމު ކުރެވުނު ހިސާބުތަކުން ދައްކާ ގޮތުގައި އޭނާއަށް 59 ޕަސަންޓު ލިބިފައި ވެއެވެ. މިހާތަނަށް ވިހި ހާހަށް ވުރެ ގިނަ ވޯޓު ލިބިފައިވާއިރު، އޭނާއާ ވާދަކުރައްވާ އިމްތިޔާޒް ފަހުމީއަށް ލިބިވަޑައިގެންފައިވަނީ ސާދަ ހާހެއްހާ ވޯޓެވެ.
އަދި މީގެއިތުރުން، އިންތިޚާބުގެ ކުރިން، މާލޭ ސިޓީން އިމްތިޔާޒު ފަހުމީ ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރާނެކަމަށް ކުރިން ބެލެވިފައި ވިނަމަވެސް، ވޯޓު ފޮށިތައް ގިނާ ނިމިގެން ދިޔައިރު، ކުރިން ހީކުރެވުނު ވަރުގެ ކާމިޔާބީއެއް މާލެއިންވެސް އިންތިއަށް ހޯދިފައެއް ނުވެއެވެ. މިގޮތުން މާލޭގެ ބައެއް ފޮށިތަކުންވެސް ފައްޔާޒު އިސްމާއިލްވަނީ ވަރަށްބޮޑު ކުރިއެރުމެއް ހޯއްދަވާފައެވެ.
އެމްޑީޕީގެ ޗެއަރޕާރސަންކަމަށް ފައްޔާޒު އިސްމާއިލް ވާދަ ކޮށްފައިވަނީ ރައީސް ސާލިހުގެ ތާއީދާއެކީއެވެ. މިގޮތުން ފާޅުގައި ކެމްޕޭނަށް ނުނިކުންނެވި ނަމަވެސް، ފައްޔާޒަށް ތާއީދު ހޯއްދެވުމަށް ރައީސް ސާލިހުވަނީ އަމިއްލަފުޅަށް މަސައްކަތް ކުރައްވާފައެވެ. އަދި ކެބިނެޓްގެ ވަޒީރުންނާއި، ކުންފުނިތަކާއި، އަދި ސަރުކާރުގެ ވަޒީފާތަކުގަ ތިބި ގިނަ މުވައްޒިފުންވެސް ވަނީ ފައްޔާޒުގެ ކެމްޕޭނުގައި އަމަލީގޮތުން މަސައްކަތް ކޮށްފައެވެ.
އިންތިޚާބުގައި ނާކާމިޔާބީއާއި ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވި އިމްތިޔާޒު ފަހުމީ ކެމްޕޭން ކުރައްވާފައިވަނީ ރައީސް ނަޝީދުގެ ތާއީދާ އެކީއެވެ. އަދި ނަޝީދުގެ އެންމެ އަރިސް ފަރާތްތަކުންވެސް ވަނީ އިމްތިޔާޒު ފަހުމީއަށް ތާއީދު ހޯއްދެވުމަށް އަމަލީގޮތުން މަސައްކަތް ކުރައްވާފައެވެ.
އެހެންކަމުން މިއިންތިޚާބު ބެލެވިގެން ދިޔައީ، ހަގީގަތުގައި ރައީސް ނަޝީދާއި ރައީސް ސާލިހާ ދެބޭފުޅުންގެ މެދުގައި ބޭއްވިގެންދިޔަ އިންތިޚާބަކަށެވެ. އަދި އިންތިޚާބިގައި ރައީސް ސާލިހަށް ކާމިޔާބު ލިބުގެން ދިއުމުން، އެމްޑީޕގެ ރިޔާސީ ޓިކެޓް ހޯއްދެވުމުގައި ރައީސް ސާލިހަށް ވަރަށް ބޮޑަށް މަގުފަހުވެގެން ދާނެ ކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.