އަންހެނަކަށް އަންހެނެއްގެ ފަރާތުންވެސް ހިތްވަރުދެވިދާނެ!

އަންހެނަކަށް އަންހެނެއްގެ ފަރާތުންވެސް ހިތްވަރުދެވިދާނެ!

Author
ފާތިމަތު ނާވީ
16 މެއި 2022 06:14
0

ކޮންމެ ފިރިހެނެއްގެ ކާމިޔާބީގެ ފަހަތުގައި އަންހެނެއްގެ ބޮޑު ރޯލެއް އޮންނަކަމީ ގިނަ ބަޔަކު ބުނެއުޅޭ އަދި ޤަބޫލުވެސް ކުރާކަމެކެވެ. ހަމަ އެގޮތަށް އަންހެނުންގެ ކުރިއެރުމާއި ކާމިޔާބީއަށް ފިރިހެނުންގެ އެހީތެރިކަންވެސް ބޭނުންވާފަދައިން އަންހެނުންގެ އޯގާތެރިކަމާއި އަޅާލުން ބޭނުންވެއެވެ.

މަންމަ، ދައްތަ، ކޮއްކޮ ނޫނީ ރަހުމަތްތެރިއެއްގެ ގޮތުގައި ނަމަވެސް އަންހެނަކަށް އަންހެނެއްގެ ފަރާތުން ލިބޭ ހިއްވަރާއި އަޅާލުމަކީ ދިރިއުޅުމުގައި ކުރިއަށް ދިއުމަށްލިބޭ ބޮޑު ބާރެކެވެ.

އަންހެނުންނަކީ ޖަޒުބާތީގޮތުން ބަލިކަށި، ގިނަ ފަހަރަށް އެހެން މީހުންގެ އެހީތެރިކަމާ އަޅާލުން ވަރަށް ބެނުންވާ ބައެކެވެ. އަދި މިއަޅާލުން ދިނުމަށް އަންހެނަކަށް ވަރަށް ފަސޭހަވެއެވެ. އެއީ އަންހެނުންގެ ހާލަތު ރަނގަޅަށް ދެނެގަނެވޭނެ މީހަކަށްވާނީ އަންހެނަކުކަން އަނެކާވެސް ޤަބޫލުކުރާނެތީއެވެ.

ވާހަކަތައް އަޑުއެހުމާއި ތިމާގެ ތަޖުރިބާގެ އަލީގައި ވާހަކަތަށް ހިއްސާ ކުރުން، ނޫނީ އެނގޭ މިންވަރެއް ބުނެދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ވާހަކަ ދަންކަން ފުރުސަތު ދިނުމަކީ އެހެން މީހުންގެ މަސްކައި، އެހެން މީހުންގެ އުނިކަންކަމުގެ ވާހަކަ ދެއްކުމުގައި ބައިވެރިވެ ފުރުސަތު ދިނުމެއް ނޫނެވެ. އަމިއްލަ ދިރިއުޅުން، ނޫނީ އެވަގުތަކު އުނދަގޫ ވެގެން އުޅޭ ކަމެއް ނޫނީ ހިތްހަމަ ޖެހޭ ކަމެއްގެ ވާހަކަ ދެއްކި ނަމަވެސް އެވާހަކަތަކުން ރެކި އެހެން ކަންކަމަށް ސަމާލުކަން ނުދީ އަޑުއެހުމަކީ އަންހެނުންނަށް އެންމެ ބޭނުންވާ އެއް ސަޕޯޓެވެ.

މިސާލަކަށް އަލަށް އޮފީހަށް އަންނަ ކުއްޖަކު ކޮފީއެއް ބޭނުންވެގެން އެވާހަކަ ބުނުމުން އެކަމާ މޫނު އަނބުރާލުމުގެ ބަދަލުގައި ކޮފީ ބުއިމަށް ތިމާމެން ކަންކުރާގޮތް ބުނެދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އޭރުން އެ ކުއްޖާގެ ވާހަކަ އަޑުވެސް އެހުނީއެވެ. އަދި އަމިއްލަ ތަޖުރިބާ ހިއްސާވެސް ކުރެވުނީއެވެ. މިއީ ވަރަށް ކުދިކުދި ކަންތައްތަކުގައި އަޑުއެހުމާއި ތަޖުރިބާ ހިއްސާކުރުމުގެ އުކުޅު ބޭނުންކުރެވޭނެ ގޮތެކެވެ.

ތަޖުރިބާ ހިއްސާކުރުމުގެ ތެރެއަށް ވަދެގެންދާ މުހިއްމު އަނެއް ކަމަކީ ތިމާއަށްވުރެ ހަގު މީހުންނަށް ދިރިއުޅުމުގެ އެކި މަރުހަލާ ތަކުގައި ކުރިމަތިވާ ހާލަތްތަކުގެ ވާހަކަ އަޑުއިވުމުން އެފަދަ ހާލަތަކާ ތިމާ އެ އުމުރުގައި ކުރިމަތިލާން ޖެހުނުނަމަ އެ ތަޖުރިބާ ހިއްސާކުރުމެވެ. އަދި ތަޖުރިބާގެ ތެރެއިން ހެދުނު ގޯސްތަކާއި ދެން އެފުރުސަތު ލިބިއްޖެ ނަމަ ކަންކުރާނެ ގޮތާއި ސަބަބު އޮޅުން ފިލުވައިދިނުމެވެ. އެހިސާބުން އަނެކާ އެމީހެއްގެ މައްސަލައާއި މައްސަލަ ގުޅުވާލާ އެކަމާ ކުރިމަތިލާނެ ގޮތުގެ ހިތްވަރު ހޯދާނެއެވެ.

އަންހެނުންނަކީ އަބަދުވެސް އެމީހަކަށް ލިބޭ ތައުރީފަށް ވަރަށްބޮޑަށް އުފާކުރާ ބައެކެވެ. އަބަދުވެސް އެމީހުންގެ ފަރާތުން ފެންނަ ރީތި އަދި ރަނގަޅު ކަންތައްތަކަށް ތައުރީފުކުރާނަމަ އެމީހަކާ ގާތް ގުޅުމެއް ބާއްވާ އެމީހަކާއެކު ވަގުތު ހޭދަކުރުމަށް އަންހެނުން ޝައުޤުވެރިވެއެވެ. އެހެން ނަމަވެސް ރަހުމަތްތެރިކަން ގާއިމް ކުރުމަށް، ނޫނީ ސަމާލުކަން ހޯދުމަށްވެސް ދޮގު ހަދައިގެން ތައުރީފު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.

ތެދުވެރި ކަމާއެކު މި ބުނެވިދިޔަ ކަންކަމަށް ވިސްނައިގެން މަސައްކަތް ކޮށްފިނަމަ ތިމާއަކީ އަންހެނަކަށް އިތުބާރުހިފޭ ވަރުގަދަ ހިއްވަރަކަށް ވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.