ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން ވަރަށް ބޮޑަށް އިޙްމާލުވެފައިވާކަމަށާއި، އެމަނިކުފާނުގެ ސެކިއުރިޓީއަށް އިސްކަން ނުދޭކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
ރައީސް ޔާމިންގެ ގެކޮޅަށް ސްޕްރޭ ޖެހި މައްސަލާގައި ޕީޕީއެމް އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވީ، މިމަހުގެ ފުރަތަމަ ދުވަހުގެ ރޭ ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސް ޔާމީނަށް ބަޔަކު އިންޒާރުދީފައިވާކަމަށެވެ. އެމަނިކުފާނަކީ ކުރައްވާފައި ހުންނެވި ބޭފުޅަކަށްވާތީ އެ މަނިކުފާނަށް ރައްކާތެރިކަމާއި ހިމާޔަތް ދިނުމަކީ ދައުލަތު ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ލާޒިމުކަމެއްކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީނަށް އިންޒާރުދިން މައްސަލަ ފުލުހުންނާއި މަޖިލީހުގެ 241 ކޮމިޓީއާއި އެމްއެންޑީއެފްއާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށައަޅާފައިވާކަން އަދުރޭ ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާތަނަށްވެސް އެކަމަށް ތަހުގީގެއް ހިންގާ އެއްވެސް ކަމެއް ކުރިކަން އެނގެން ނެތްކަމަށާއި، އެކަން އެހެން އޮއްވައި ރައީސް ޔާމީންގެ ގެކޮޅަށް ގެއްލުން ދީފައިވާކަމަށް އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ގެކޮޅަށް ހަމަލާދިން މައްސަލަ ކުރެއްވި ކުރައްވާ އަދުރޭ ވަނީ ގާނޫނުން ލާޒިމްކޮށްފައި ހުރި ކަންތައްތައް ގާނޫނުގައި ހުރި ގޮތަށް ތަންފީޒްކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
ރައީސް ޔާމީންގެ ސެކިއުރިޓީއަށް ސަރުކާރުން އިހުމާލުވަމުން އަންނަަކަމށް އިދިކޮޅުން ބުނެފައިވާއިރު، ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ސެކިއުރިޓީ ސަރުކާރުން ވަނީ ވަރަށް ވަރުގަދަކޮށްފައެވެ.
ކޮމެންޓު ފޮނުވާ