ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި، ނޫނީ ބަރުދަން ލުއިކުރުމަށްޓަކައި އެތަށް ޤުރުބާނީއެއްވާ މީހުން ފެނެއެވެ. ކަސްރަތުކުރުމާއި ތައްޔާރީ ކާނާ މުޅިން ހުއްޓާލައިގެން އެތަށް ދުވަސްތަކެއް ހޭދަކުރާ މީހުންވެސް މަދެއްނޫނެވެ. އެހެން ނަމަވެސް އަބަދުވެސް އިވޭ ޝަކުވާ އަކީ މަސައްކަތްކުރާ މިންވަރަށްބަލާފައި އެކަށީގެންވާ ބަދަލެއް ބަރުދަނަށް ނާންނަކަމުގެ ޝަކުވާއެވެ.
ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރާ މީހަކު ކޮންމެހެން ކުރަންޖެހޭނެ 5 ކަމެއް ބްރައިޓް ސައިޑުގެ ޓީމުން މިވަނީ ހޯދާފައެވެ. ބްރައިޓް ސައިޑުން ބުނާގޮތުގައި މި 5 ކަންތަކާ ނުލައި ކުރާ ކަސްރަތާއި ޑައިޓުން އެންމެ އެކަށީގެންވާ ނަތީޖާއަށް ވާސިލުވާން ވަރަށް އުނދަގޫވާނެއެވެ.
ނިދުމަށް ވަކި ވަގުތެއް ކަނޑައަޅައި ފަތިހަށް ހޭލުމަކީ ވަރަށް މުހިންމު ކަމެކެވެ. ނިދާ ވަގުތަކީ ރޭގަނޑުގެ ވަގުތުކަމުގައި ހެދުމާއި އެންމެ ގިނަ ވެގެން 9 ގަނޑިއިރަށް ވުރެ އިތުރަށް ނުނިދާށެވެ. ނިދާ ވަގުތު މާބޮޑަށް މަދުވެއްޖެ ނަމަ ހަށިގަނޑަށް ނޭދެވޭ އަސަރު ކުރާ ފަދައިން ނިދާ ވަގުތު މާގިނަވެއްޖެ ނަމަވެސް ހަށިގަނޑު ފަލަވުމަށް ބާރުލިބެއެވެ.
ހެނދުނު ހޭލައިގެން ހޭދަވާ 20 މިނިޓަކީ އަލީގައި ހޭދަކުރާ ވަގުތަށް ހަދަންޖެހެއެވެ. އެންމެ ރަނގަޅީ އިރުގެ އަލިކަމުގައި ހޭދަކުރުމެވެ. އެފުރުސަތު ލިބުން ދަތިނަމަ ގޭތެރެ އަނދިރިކޮށް ނުބާއްވާ އަލިކުރާށެވެ. ދުވަހުގެ މަސައްކަތް ފެށުމުގެ ކުރިން ހަށިގަނޑުގެ ޓިޝޫތަށް ހޭލައްވާލާ މަސައްކަތް ފަށައިގަތުމަށް ހަށިގަނޑު ތައްޔާރުކުރުމަށް މިއއީ ވަރަށް މުހިއްމު ކަމެކެވެ.
ހެނދުނު ހޭލުމަށްފަހު ނިދާ އެނދުގެ ތަންމަތި އެޅުމަށް އާދަކުރާށެވެ. އެހެނީ ދިރާސާ ތަކުން ދައްކާ ގޮތުގައި ރޭގަނޑުގެ ނިދި ފުރިހަމަ ވީކަން އެނގޭ އެއް ނިޝާނަކީ މިއީއެވެ. ނިންޖަކީ ބަރުދަން ލުއި ކުރުމުގައި ބޮޑުބައެއް ކުޅޭ ކަމަކަށްވާއިރު މިކަން ޔަޤީންކުރުން މުހިއްމެވެ.
ކޮންމެ ދުވަހަކުވެސް ބަރުދަން ބެލުމަށް އާދަކުރާށެވެ. ލުއިވުމަށް މަސައްކަތްކުރާ މީހަކަށް މިއީ ވަރަށް މުހިންމުކަމެކެވެ. އަދި މިކަން ކުރަން އެންމެ ރަނގަޅު ގަޑިއަކީ ކޮންމެ ދުވަހަކުވެސް ހެނދުނުގެ ނާސްތާގެ ކުރިންނެވެ.
ހެނދުނުގެ ނާސްތާ އަކީ ވަރަށް މުހިއްމު ކެއުމެކެވެ. ހަށިގަނޑު ލުއި ކުރުމަށްޓަކައި ހެނދުނުގެ ކެއުމުން އެއްވެސް އެއްޗެއް މަދުނުކުރާށެވެ. ރަނގަޅު ފައިދާ ހުރި ނާސްތާއަކުން ދުވަސް ފެށުމަށްޓަކައި ޕްރޮޓީން އަދި ކަރބޯހައިޑްރޭޓޮސް ހިމެނޭ ގޮތަށް 600 ކެލޮރީސްގެ ނާސްތާއެއް ކެއުން ވަރަށް މުހިންމެވެ.