ކަދުރަކީ އިސްލާމް ދީނުގައި މާތް ކުރައްވާފައިވާ މޭވާ އެކެވެ. ކަދުރު މާތްވަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެއީ ހަށިގަނޑަށް އެތައް ފައިދާއެއް ކުރާ އެއްޗަކަށް ވާތީއެވެ. ކޮންމެ ވައްތަރެއްގެ ކަދުރަކުން ވެސް ހަށިގަނޑަށް ގިނަ ފައިދާތައް ލިއްބައިދެއެވެ.
ކަދުރުން ލިބޭ ބައެއް ފައިދާތައް
- ބަނޑުހިކުމުން ސަލާމަތް ކޮށްދިނުން:
ކަދުރަކީ އޭގައި ގިނަ އަދަދަކަށް ފައިބަރު ހުރުމުގެ ސަބަބުން "ބަނޑު ސާފުކޮށްދޭ" (Laxative) ކަމަށް ބުނާ މޭވާއެކެވެ. ކަދުރުގައި ފެނަށް ގިރޭ ވައްތަރުގެ ފައިބަރާއި، ފެނަށް ނުގިރޭ ވައްތަރުގެ ފައިބަރު ވެސް ހިމެނެއެވެ. މިސަބަބާހުރެ ކަދުރަކީ ބަނޑުހިކުން ކުރިމަތިވެފައިވާ މީހުން ބޭނުންކުރަން ރަގަޅު އެއްޗެކެވެ.
- ކެންސަރުން ދުރު ކޮށްދޭ:
ކަދުރުގައި ހިމެނޭ އެޕިޖެނިން ކިޔާ މާއްދާ އަކީ ކެންސަރ ސެލް ތަކާއި ދެކޮޅަށް މަސައްކަތް ކުރާ މާއްދާއަކަށް ވުމުން ކެންސަރު ޖެހުމުގެ ނުރައްކަލުން ރައްކާތެރި ކޮށްދެއެވެ. އަދި ހަމަ އެހެންމެ ކަދުރުގައި ހިމެނޭ އެންޓިއޮކްސިޑެންޓް މާއްދާ ތަކާއި އެންޓި އިންފްލެމެންޓްރީ މާއްދާތައް އަދި އެންޓި ކަރސިނޯޖެން މާއްދާތަކަކީ ވެސް ކެންސަރުގެ ނުރައްކަލުން ހަށިގަނޑު ދިފާއު ކޮށްދިނުމުގައި މުހިންމު ރޯލެއް އަދާ ކޮށްދޭ މާއްދާތަކެކެވެ. ފުރަގަސްފަރާތަށް ކެންސަރު ޖެހުމަށް މަގުފަހިވާ ކަންކަމުން ދުރުވެ ހުރުމަށް ކޮންމެ ދުވަހަކު ތިން ކަދުރު ކާށެވެ.

- ލޭ ސާފުކޮށްދޭ:
ކަދުރުގައި ހިމެނޭ މާއްދާތައް ކަމަށްވާ އަޔަން، މެގްނީޒިއަމް، މެންގަނީޒް، ޒިންކް، ކޮޕާ، ފޮލިކް އެސިޑް، ޕެންޓޮތެނިކް އެސިޑް އަދި ނިއަސިން އިން ލެޔަށް ގިނަ ފައިދާތަކެއް ވެއެވެ. ލޭގެ ދައުރުވުމާ، ލޭ ސެލްތަކުން އޮކްސިޖަން ނަގައިގަންނަ ވަރު އިތުރުކޮށްދެއެވެ.
- އެލާޖީތަކުންނާއި ބަލިބަލިން ދުރު ކޮށްދޭ:
ކަދުރުގައި ހިމެނޭ މެގްނީޒިއަމަކީ އެންޓި އިންފްލެމެންޓްރީ މާއްދާ އެކެވެ. އެންޓި އިންފްލެމެންޓްރީ މާއްދާތަކަކީ ހަށިގަނޑުގައި ހުންނަ ދުޅައިގެ ސަބަބުން ޖެހޭ ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރާ މާއްދާތަކެކެވެ. ނަތީޖާ އަކަށްވަނީ އަލްޒެއިމަރސް ބަލި (ހަނދާން ނެތޭ ބަލި)، ހިތުގެ ބަލި އަދި އަރތުރައިޓިސް ފަދަ ބަލިބަލިން ހަށިގަނޑު ދިފާއު ކޮށްދިނުމެވެ.
- މާބަނޑު މީހުންނަށް އަދި ގާތުންދޭ މައިންނަށް:
ދިރާސާތަކުން ދައްކާ ގޮތުގައި މާބަނޑު މީހުން ކަދުރު ބޭނުންކުރުމަކީ ރަހިމުގެ މަސްތަކުގެ ބާރުގަދަކޮށްދޭ ކަމެކެވެ. ހަމަ އެހެންމެ ގާތުންދޭ ދުވަސްވަރު ކަދުރު ބޭނުންކުރުމަކީ އެކަމުގެ ސަބަބުން މައިމީހާގެ ގާތުން ދަރިފުޅަށް ފޯރުކޮށްދެވޭ ކިރުގައި ހަށިގަނޑަށް ފައިދާހުރި މާއްދާތައް އެކުލެވޭނެ ކަމެއް ކަމުގައި ބުނެވެއެވެ.
ކަދުރަކީ އެ މެވާއިން އެތައް ފައިދާއެއް ލިއްބައިދޭ މޭވާ އަކަށް ވާއިރު، ކޮންމެ ދުވަހަކުވެސް އާދަވެގެން ކަދުރު ކެއުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިންމު ކަމެކެވެ.
ކޮމެންޓު ފޮނުވާ