ބަޔާނުން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ޖަރުމަނު ލީގު ކާމިޔާބުކޮށް

ބަޔާނުން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ޖަރުމަނު ލީގު ކާމިޔާބުކޮށް

ޖަރުމަނު ލީގުގެ ދެ ވަަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑް އަތުން 3-1 އިން މޮޅުވެ، ބަޔާން މިއުނިކުން ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ހޯދައިފިއެވެ.

ލީގު ކާމިޔާބު ކުރުމާ އެކު ބެޔާން މިއުނިކް ވެފައި ވަނީ ޔޫރަޕުގެ އެންމެ މަތީ ފަސް ލީގުގެ ތެރެއިން ޖެހިޖެހިގެން 10 ފަހަރަށް ލީގު ކާމިޔާބުކުރި ފުރަތަމަ ކުލަބަށެވެ. މި ރެކޯޑާ އެންމެ ގާތަށް ދިޔައީ ޖެހިޖެހިގެން ނުވަ ފަހަރު އިޓާލިއަން ސެރީ އޭ ކާމިޔާބުކުރި ޔުވެންޓަސް އެވެ. ނަމަވެސް މިދިޔަ ސީޒަނުގައި ޔުވެންޓަސް އިން 10 ވަނަ ފަހަރަށް ލީގު ކާމިޔާބުކުރަން ހުރަހަކަށް ވީ އިންޓަ މިލާނެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗުގައި ބޯޅަ ކޮންޓްރޯލްކޮށް، ރަނގަޅަށް ކުޅެމުން ދިޔައީ ވެސް އެ ޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ 15 ވަނަ މިނެޓުގައި ގްނެބްރީގެ ލަނޑުން މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުންދިޔައީ ބަޔާނުންނެވެ. އެގޮތުން އެޓީމުން ދިޔައީ ޑޯޓްމަންޑްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތައް އުފައްދަމުންނެވެ.

ބަޔާނުން މެޗުގެ ލީޑު ފުޅާކުރީ 34 ވަނަ މިނެޓުގައެވެ. މި ލަނޑު ތޯމަސް މުލާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ރޮބަޓް ލެވަންޑޯސްކީއެވެ. ދެވަނަ ހާފް ފެށިގެން ޑޯޓްމަންޑުން ކުޅުން ރަނގަޅުކޮށް ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ކޭންއެވެ.

ނަމަވެސް، ބަޔާނުން ޑޯޓްމަންޑަށް މެޗުގެ ކޮންޓްރޯލް ހޯދަން ފުރުސަތު ނުދީ އެޓޭކްތައް ވަރުގަދަކުރިއެވެ. އެގޮތުން ލީޑު އިތުރަށް ފުޅާކުރަން ފުރުސަތުތައްވެސް އެޓީމުން ވަނީ ހޯދައިފައެވެ. ބަޔާންގެ ތިންވަނަ ލަނޑު 83 ވަނަ މިނެޓުގައި ކާމިޔާބުކުރީ މުސިއާލާއެވެ. މިއާއެކު، ޑޯޓްމަންޑްގެ ހިތްވަރު ވަރަށް ބޮޑަށް އެލުނުއިރު، އޭގެ ފައިދާ ބަޔާނުން ވަނީ ނަގާފައެވެ.

މިއީ މި ސީޒަނުގައި ބަޔާންގެ ކޯޗުކަމާ ހަވާލުވި 34 އަހަރުގެ ހޫލިއަން ނާގަލްސްމަންގެ ކޯޗިން ކެރިއަރުގައި ލިބުނު ފުރަތަމަ ލީގު ތަށްޓެވެ. އޭނާ އަކީ ޖަރުމަނު ފުޓްބޯޅައިގެ ތާރީހުގައި ލީގު ޗެމްޕިއަންކަން ހޯދި ދެ ވަނަ އަށް އެންމެ ޒުވާން ކޯޗެވެ. މިއީ ބަޔާނުން ޖަރުމަނު ލީގު ހޯދި 31 ވަނަ ފަަހަރެވެ. ބާކީ ތިން މެޗު އޮއްވައި، ބަޔާނުން މި ފަހަރުގެ ލީގު ކަށަވަރުކުރިއިރު، 31 މެޗު ކުޅެގެން އެ ޓީމަށް ވަނީ 75 ޕޮއިންޓް ލިބިފައެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ވަނީ 31 މެޗުން 63 ޕޮއިންޓް ލިބިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *