ޔުނައިޑެޓް ފަހަތަށް ޖައްސާލައި އާސެނަލް ހަރަތު ވަނައަށް

ޔުނައިޑެޓް ފަހަތަށް ޖައްސާލައި އާސެނަލް ހަރަތު ވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ވާދަކޮށް 3-1 އިން މެޗު ކާމިޔާބު ކޮށްގެން އާސެނަލް ލީގުގެ ގަދަ ހަތަރެއްގެ އުންމީދު ދެމެހެއްޓިއިރު ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ އުއްމީދު ފަނޑުވެއްޖެއެވެ. މިނަތީޖާއާއިއެކު އާސެނަލް ވަނީ މެންޗެސްޓަރ ފަހަތަށް ޖައްސަލައި ލީގުގެ 4 ވަނަ އަށް ޖެހިލާފައެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ދެ މިނިޓް 40 ސިކުންތު ތެރޭ އާސެނަލުން ލީޑުނެގީ ފަބިއޯ ޓަވަރޭސް ޖެހި ގޯލުންނެވެ. މިއީ ބުކާޔޯ ސަކާ އޭރިއާތެރެއިން ފޮނުވާލި ބޯޅައެއްގައި ޔުނައިޓެޑް ކީޕަރު ޑޭވިޑް ޑެހެއާ އަތުގައި ޖެހިފައި އައި ރީބައުންސް ބޯޅައަކުން ޓަވަރޭސް ޖެހި ގޯލެކެވެ. މިއީ އާސެނަލަށް ޓަވަރޭސް ޖަހައިދިން ފުރަތަމަ ގޯލެވެ.

އާސެނަލުން ލީޑުފުޅާކުރީ މެޗުގެ 32 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ބުކާޔޯ ސަކާ ޖެހި ގޯލުންނެވެ. މި ޕެނަލްޓީ އަކީ ސަކާ އަށް ޔުނައިޓެޑްގެ އަލެކްސް ޓެލޭސް ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ. ސަކާގެ ޕެނަލްޓީން އާސެނަލް ލީޑު ފުޅާކުރިތާ ދެ މިނިޓު ފަހުން ނިމަންޔާ މަޓިޗް ނަގައިދިން ހުރަހެއް ގޯލަށް ފޮނުވާލައިގެން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ފަރަގު ކުޑަ ކޮށްދީފަ އެވެ. މިއީ އޭނާ އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހި 100 ވަނަ ލަނޑެވެ.

ޔުނައިޓެޑަށް ނަތީޖާ އެއްވަރު ކުރަން އެންމެ ރަނގަޅު ފުރުސަތު ލިބުނީ ދެވަނަ ހާފުގައި ބްރޫނޯ ފެނާންޑޭޒް އަށެވެ. މަޓިޗް އަށް ފައުލް ކޮށްގެން ދެވަނަ ހާފު ފެށިގެން 10 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ ފެނާންޑޭޒް ތިރިތިރިން ރަނގަޅު ބާރުމިނެއްގައި ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލު ދަނޑީގައި ޖެހިފައި ބޭރަށެވެ.

ދެ ވަނަ ހާފް ދަށްކޮށް ފެށި އާސެނަލަށް ހިތްދެމިލެވުނީ 71 ވަނަ މިނިޓްގަ އެވެ. އޭރިއާބޭރުން ގްރޭނިޓް ޝަކާ ޖެހި ބޯޅަ ގޯލަށް ވަދެ، އާސެނަލުން ދެ ގޯލުގެ ލީޑެއް އަލުން ނެގިއިރު، އޭގެ ފަހުން އެ ޓީމުގެ ކޮންފިޑެންސް ފެނުނީ ރަނގަޅަށެވެ.

މިމޮޅާ އެކު އާސެނަލް ހަތަރެއްގައި އޮތީ 33 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް 32 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި ޔުނައިޓެޑް އޮތީ 34 މެޗުން 54 ޕޮއިންޓާ އެކުއެވެ. ހަތް ވަަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް ވަނީ 33 މެޗުން 52 ޕޮއިންޓް ލިބިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *