ސްރީލަންކާގައި އެޤައުމުގެ ސަރުކާރުކަރާއި ދެކޮޅަށް މުޒާހަރާކުރާ ސަރަހައްދުތަކުގައި ދިރިއުޅޭ ދިވެހިން އެކަމަށް ސަމާލުވުމަށް ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
ދިވެހި ހައިކޮމިޝަނުން ޢާންމުކުރި ބަޔާނެއްގައި ވަނީ ލަންކާގެ އިޤްތިޞާދީ ހާލަތު ދަށަށްގޮސް، ތަކެތީގެ އަގު އުފުލި ތަކެތި ލިބުމުގައި ހުރި ދަތިތަކާއިގުޅިގެން، ސްރީލަންކާ ރައްޔިތުން ކުރަމުންދާ މުޒާހަރާއީ އެއްވުންތައް ބާއްވާ ސަރަހައްދުތަކަށް ދިވެހި ރައްޔިތުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރާކަމަށެވެ.
އެފަދަ އެއްވުންތަކުގައި ބައެއް ފަހަރު ހަމަނުޖެހުން ހިންގަން މެދުވެރިވެ މީހުންނަށްވެސް އަނިޔާވަމުން އަންނަކަމށާއި، އެހެންކަމުން މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި، ބޭރަށް ނިކުމެ އުޅޭއިރު ޕާސްޕޯޓް ހިފައިގެން ނިކުމެ އުޅުމަށް ހައިކޮމިޝަނުން ވަނީ ހަނދަންކޮށްދީފައެވެ. މީގެ އިތުރުން އެމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ ހައިކޮމިޝަންގެ ހޮޓްލައިން 0768816666އަށް ގުޅުމަށްވެސް ހައިކޮމިޝަނުން އެދިފައިވެއެވެ.
ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތުގެ ސަބަބުން ރުޅިގަދަވެފައިވާ ޢާއްމުން ކުރަމުންދާ މުޒަހަރާތައް ހުއްޓުވުމަށް ފުލުހުން ވަނީ ބަޑިޖަހައިފައެވެ. އެއީ ސުރީ ލަންކާގައި ދިގުލައިގެން ގޮސްފައިވާ މުޒާހަރާތައް ހުއްޓުވުމަށް އެ ޤައުމުގެ ފުލުހުން ޢާއްމުންނާ ދެކޮޅަށް ބަޑިޖެހި ފުރަތަމަ ފަހަރެވެ. ފުލުހުންގެ ޙަމަލާތަކުގައި ޢާއްމުންގެ މީހަކު މަރުވެ ގިނަ ބަޔަކު ޒަޚަމުވިއެވެ.
ސުރީ ލަންކާގެ އިޤްތިޞާދީ ޙާލަތު ގޯސްވެފައިވަނީ ސަރުކާރުގެ ދޯދިޔާ ސިޔާސަތުތަކުންކަމަށް ބުނެ އެ ޤައުމުގައި ހުއްޓާނުލައި މުޒާހަރާކުރަމުންދާތާވަނީ ހަފުތާއެއްވެފައެވެ. މުޒާހަރާކުރަން ފެށުމުން އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ 26 ވަޒީރުންވަނީ އެއްފަހަރާ އިސްތިޢުފާދީފައެވެ.
ކޮމެންޓު ފޮނުވާ