ފިންލޭންޑާއި ސުވިޑްން ނޭޓޯއާއި ގުޅުމާއި ދެކޮޅަށް، ބައިލެޓްރަލް ޑިޕްލޮމެޓި ޗެނަލްތައް ބޭނުންކޮށް، ރަޝިއާއިން މި ދެގައުމަށް އިންޒާރު ދީފައި ވާކަމަށް، ރަޝިއާގެ ފޮރިންގ މިނިސްޓްރީގެ ތަރުޖަމާން، މާރިއާ ޒަޙަރޯވާ ވިދާޅުވެއްޖެއެވެ.
"އަހަރެމެން ވާނީ، އާންމުކޮށްނާއި، އަދި ބައިލެޓަރަލް ޗެނަލްތައް މެދުވެރި ކޮށްގެންވެސް އިންޒާރު ދީފަ،" ރަޝިއާގެ ބްރޯޑްކާސްޓަރ، ރަޝިއާ24ގައި ވާހަކަ ދައްކަވަމުން ޒަޙަރޯވާ ވިދާޅުވެފައި ވެއެވެ.
"އެމީހުންނަށް އެކަން އެގެންވާނެ، އެމީހުންނަށް ހައިރާންކަން ލިބިނެވި އެއްވެސް ކަމެއް ނެތް، އެމީހުންނަށް އޭގެއިން ނިކުމެދާނެ ހުރިހާ ނުރައްކަލެއްގެ ވާހަކަ އޮންނާނީ ކިޔާ ދީފަ."
ރަޝިއާއިން ޔޫކުރެއިންއަށް ހަމަލާ ދޭންފެށުމާއި ގުޅިގެން، ސިޔާސީ އަދި އާންމުންގެ ތެރޭގައިވެސް ފިންލޭޑް ނޭޓޯއާއި ގުޅުމަށް އެގައުމުގައި އޮތް ތާއީދުވަނީ ވަރަށް ބޮޑުތަނުން އިތުރުވެގެން ގޮސްފައެވެ. އަދި މިމައްސަލައާއި ގުޅިގެން، ފިންލޭންޑްގެ ގާނޫނުހަދާ މަޖިލިހުގައި މިއަދުވަނީ ބަހުސްތައް ފެށިފައެވެ.
ފިންލޭންޑާއި އެގައުމުގެ އަވައްޓެރި ސުވިޑްންއިން އިން ނޭޓޯއާއި ގުޅުމުގެ ޝައުގުވެރިކަން ފާޅުކުރުމާއެކު، ބޯލްޓިކްގައި ނިއުކުލިއަރ ހަތިޔާރުގެ ގާބިލްކަން ވަރުގަދަ ކުރާނެކަމަށް ރަޝިއާއިން ބުނެފައިވި ނަމަވެސް، ފިންލޭންޑުގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ، އެގައުމުން ނޭޓޯއާއި ގުޅުމާއި ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމުގައެވެ.
ސުވިޑްންއާއި ފިންލޭންޑުން ނޭޓޯއާއި ގުޅުމުގެ މަސައްކަތް ބާރަށް ކުރިޔަށް ދާން ފަށާފައި މިވަނީ، ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭން ފެށުމަކީ، ނޭޓޯ އިތުރަށް ފުޅާކުރުމަށް މަގުފަހު ކޮށްދިން، ރަޝިއާއިން އެޅި ވަރަށް ބޮޑު "ޅަ އެއްޗެއް" ކަމަށް އެމެރިކާގެ ޑިފެންސް އޮފިޝަލުން ވިދާޅުވެފައި ވަނިކޮށެވެ.
ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާދޭން ފެށުމުގެ ކުރިން އެގައުމުންވަނީ ނޭޓޯ އިތުރަށް ފުޅާ ނުކުރާނެކަމުގެ ޔަގީންކަން ހޯދުމަށް ޑިމާންޑް ކޮށްފައެވެ. އެހެންނަމަވެސް، ރަޝިއާއިން ޔޫކުރެއިންއަށް ހަމަލާދޭން ފެށުމުގެ ނަތީޖާއެއްގެ ގޮތުން، ނޭޓޯގެ އަސްކަރީ ސިފައިން ޔޫރަޕްގެ ގައުމުތަކަށް ޖަމާވެފައިވާ މިންވަރުވަނީ އަތައް ގުނައެއް އިތުރުވެގެން ގޮސްފައެވެ. އަދި ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން، ސުވިޑްންގައާއި ފިންލޭންޑުގައިވެސް މި ދެގައުމު ނޭޓޯއާއި ގުޅުމަށް އާންމުންގެ ތެރޭގައި އޮތް ތާއީދުވަނީ އެތައް ގުނައަކަށް އިތުރުވެގެން ގޮސްފައެވެ.
ފިންލޭންޑަކީ، އެގައުމުގެ 1.340 ކިލޯމީޓަރުގެ ބޯޑަރު ރަޝިއާއާއި ހިއްސާކުރަމުންދާ ގައުމެކެވެ. އަދި ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅިގެން ފިންލޭންޑުގައިވަނީ ހާސްކަން އިތުރު ވެފައެވެ.
ސުވިޑްންގައި ވެރިކަން ކުރަމުންދާ ސޯޝަލް ޑިމޮކްރަޓިކް ޕާޓީއަކީ މީގެކުރިން ނޭޓޯއާއި އެގައުމު ގުޅުމަށް ދެކޮޅުހަދަމުން ދިޔަ ޕާޓީއެކެވެ. އެހެންނަމަވެސް، އެޕާޓީން ބުނެފައިވަނީ، ރަޝިއާއިން ޔޫކުރެއިން ދޭންފެށި ހަމަލާތަކާއި ގުޅިގެން، ނޭޓޯއާއި ގުޅުމާމެދު އެގައުމަށްވަނީ ސީރިއަސްކޮށް ވިސްނަން ޖެހިފައި ކަމުގައެވެ.
ނޭޓޯޢަކީ އެޓްލާންޓިކް ސަރަހައްދު ހުރަސްކޮށް ފުޅާވަމުންދާ، ސަލާމަތާއި ގުޅުންހުރި އިއްތިހާދެކެވެ. މި ޖަމާއަތަކީ 1949ވަނަ އަހަރު، އެންމެ 12 މެމްބަރުންގެ މައްޗަށް އެކުލަވާލެވިގެން، މި ގައުމުތަކަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަށް އުފެއްދި ޖަމާއަތެކެވެ.
ނޭޓޯ އުފެދުނުތާ 73 އަހަރު ފާއިތިވެގެން ގޮސްފައިވި ނަމަވެސް، ފާއިތުވެދިޔަ 30 ވަަރަކަށް އަހަރު ފާހަގަވެގެން ގޮސްފައިވަނީ، އެންމެ ފުރަތަމަ މި ޖަމާއަތް އުފެދިގެން ދިޔައިރު މެމްބަރު ގައުމުތަކުގައި އޮތް ގައުމުތައް ފަހަނައަޅާ، އެޓްލާންޓިކް ސަރަހައްދު ހުރަސްކޮށް މިޖަމާއަތް ފުޅާވަމުން ދިޔަ 30 އަހަރުގެ ގޮތުގައެވެ. މިގޮތުން 2004ވަނަ އަހަރު އިރުމަތީ ޔޫރަޕްގެ 7 ގައުމަކުންވަނީ މި ޖަމާއަތާއި ގުޅިފައެވެ. އެންމެ ފަހުން ނޭޓޯގެ މެމްބަރު ގައުމެއްގެ ގޮތުގައި ހަމަޖެހިގެން ގޮސްފައިވަނީ 2020 ވަނަ އަހަރު މި ޖަމާއަތުގެ މެމްބަރުކަން ލިބިގެން ދިޔަ ނޯތު މެސެޑޯނިއާއެވެ.
މީގެ އިތުރުން ފާއިތުވެދިޔަ މުއްދަތުގައި ބޮސްނިއާ އެންޑް ހާރޒަގޮވީނާ އާއި ޖޯޖިޔާގެ އިތުރުން ޔޫކުރެއިންވަނީ ނޭޓޯގެ މެންބަރުކަން ބޭނުންވާކަމުގެ ޝައުގުވެރިކަން ފާޅު ކޮށްފައެވެ.
މިއަދު ދުނިޔޭގެ 30 ގައުމަކުންވަނީ ނޭޓޯގައި ބައިވެރި އެ ޖަމާއަތުގެ މެމްބަރޝިޕް ހޯދާފައެވެ.
ނޭޓޯ ޓްރީޓީގެ (ޖަމާއަތް އުފެއްދުމަށް ވެވުނު އެއްބަސްވުގެ) 5 ވަނަ މާއްދާ އިން ކަޑައަޅާދީފައިވާ ގޮތުގައި މި ޖަމާއާތުން، ޖަމާއަތުގެ މެމްބަރު ގައުމުތަކަށް ފޯރުކޮށްދޭ ހިމާޔަތާއި ރައްކާތެރިކަމަކީ ޖަމާއަތުގެ އެންމެ މައިގަޑު އެއް އަސާސް އެވެ.