މި އަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން މުމްބާއިީ އިންޑިއަންސްއިން ހޯދައިފިއެވެ.
އައިޕީއެލްގެ ޗެމްޕިއަންކަން މުމްބާއީ އިންޑިއަންސްއިން ހޯދީ އަންގާރަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ދިއްލީ ކެޕިޓަލްސް އަތުން ފަސް ވިކެޓުން މޮޅުވެގެންނެވެ. ކޯވިޑް-19 އާ ގުޅިގެން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި މިއަހަރުގެ މުބާރާތް ކުރިއަށްދިޔައިރު، މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ސަޕޯޓަރުން ދަނޑަށް ނުވައްދައެވެ.
ދުބާއީ އިންޓަނޭޝަނަލް ސްޓޭޑިއަމުގައި ކުޅުނު ފައިނަލް މެޗުގައި ޓޮސް ދިމާވުމުން ދިއްލީ ކެޕިޓަލްސްއިން ގަސްތުކުރީ ކުޅުމަށެވެ. އެ ޓީމު ކުޅެން އަރާ 20 އޯވަރު ހަމަވިއިރު، ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 156 ލަނޑެވެ. ދިއްލީ ކެޕިޓަލްސްއިން އެންމެ ރަނގަޅަށް ކުޅުނީ 50 ބޯޅައިން 65 ލަނޑު ހެދި ޝްރެޔާސް އިޔާއެވެ. ޖަވާބުގައި މުމްބާއީ އިންޑިއަންސް ކުޅެން އަރާ 18.4 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 157 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 51 ބޯޅައިން 68 ލަނޑު ހެދި ރޯހިތު ޝަރްމާއެވެ.
މިއީ މި މުބާރާތުގެ ޗެމްޕިއަންކަން މުމްބާއީ އިންޑިއަންސްއިން ހޯދި ފަސްވަނަ ފަހަރެވެ.