އިނގިރޭސިވިލާތުގައި މިހާރު އެންމެ ވާދަވެރިކަން ބޮޑު ދެ ޓީމު ކަމަށްވާ ލިވަޕޫލާއި މެންޗެސްޓާ ސިޓީ، ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލަށް މިރޭ ނުކުންނާނެ އެވެ.
ލިވަޕޫލާ ދެކޮޅަށް މިދިޔަ ހަފްތާގައި އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީން އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ހަފްތާއެއްހާ ދުވަސް ފަހުން އަނެއްކާ ވެސް ލިވަޕޫލާ ދެކޮޅަށް ސިޓީން ނުކުންނައިރު، މިއީ މި ދެ ޓީމު ވެސް މިދިޔަ 12 ވަރަކަށް ދުވަހުގެ ތެރޭގައި ކުޅޭނެ ހަތަރު ވަނަ މެޗެވެ.
ލިވަޕޫލަށް ވެސް ވަނީ އަނިޔާގެ މައްސަލަ ކޮންމެ ވެސް ވަރަކަށް ދިމާވެފައެވެ. ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ބެންފީކާއާ 3-3 އިން އެއްވަރުވި މެޗުގައި ލިވަޕޫލްގެ ފޯވާޑް ޑިއޯގޯ ޖޮޓާ އަށް ކޮންމެ ވެސް ވަރެއްގެ އަނިޔާގެ މައްސަލައެއް ދިމާވިއެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މެޑިކަލް ޓީމުން ހުށަހަޅާފައިވާ ރިޕޯޓަށް ބަލާއިރު، އެންމެ ފަހުން މެޗުގައި ބޭނުންކުރި ހުރިހާ ކުޅުންތެރިން ވެސް މި މެޗަށް ފިޓެވެ. ކްލޮޕް ބުނީ މިއީ ސެމީ ފައިނަލެއް ނަމަވެސް ލިވަޕޫލުން މި މެޗަށް ތައްޔާރުވާނީ ފައިނަލެއްގެ ވިސްނުމުގައި ކަމަށެވެ.
ސެމީ ފައިނަލަށް ނުކުންނައިރު މެންޗެސްޓާ ސިޓީ އަށް ވަނީ އަނިޔާގެ މައްސަލަތައް ވެސް ކުރިމަތިވެފައެވެ. އެޓީމުގެ ޑިފެންޑަރު ކައިލް ވޯކާ އާއި އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކެވިން ޑިބްރޭނާ ވެސް ވަނީ އަނިޔާ ވެގެން އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ މެޑްރިޑާ އެއްވަރުވި މެޗު ތެރެއިން ބަދަލުކޮށްފައެވެ. އިއްޔެގެ ފަރިތަކުރުންތަކުގައި މި ދެ ކުޅުންތެރިން ވެސް ބައިވެރިވެފައެއް ނުވެއެވެ.
ކޯޗު ޕެޕް ގާޑިއޯލާ ވަނީ ސިޓީއާ އެކު 2019 ވަނަ އަހަރު އެފްއޭ ކަޕް ކާމިޔާބު ކޮށްފައެވެ. ނަމަވެސް ކޯޗު ޖާގަން ކްލޮޕް އަށް ލިވަޕޫލާ އެކު އިނގިރޭސި އެންމެ ދުވަސްވީ މުބާރާތުގެ ތަށި އުފުލާލެވިފައެއް ނުވެއެވެ. އެންމެ ދުރަށް ވެސް މީގެ ކުރިން ދެވުނީ ފަސްވަނަ ބުރަށެވެ. ހަތަރު ސީޒަނެއްގައި ހަތަރު ވަނަ ބުރުން ކެޓިއިރު އެއް ސީޒަނުގައި ކެޓީ ތިންވަނަ ބުރުންނެވެ.
ލިވަޕޫލް އާއި މެންޗެސްޓާ ސިޓީ ކުޅޭ އެފްއޭ ކަޕް ސެމީ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 7:30 ގައެވެ.