އެތުލެޓިކޯ މެޑްރިޑު ކަޓުވާލައި، ސިޓީ ސެމީއަށް

އެތުލެޓިކޯ މެޑްރިޑު ކަޓުވާލައި، ސިޓީ ސެމީއަށް

Author
މުޙައްމަދު ޝަޒައިމް
14 އޭޕްރިލް 2022 09:31
0

ޗެމްޕިއަންސް ލީގު ޗުއާޓާ ފައިނަލް ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑު މެންޗެސްޓާ ސިޓީއާއި ބައްދަލު ކުރި މެޗުގައި ލަނޑެ ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

މިމެޗު އެއްވަރު ވުމުން ސިޓީ ސެމީ ފައިނަލަށް ދަތުރުކުރީ 1-0 އިން ކާމިޔާބުކުރި ފުރަތަމަ ލެގުގެ ނަތީޖާއާ އެކުއެވެ. އެތުލެޓިކޯގެ ދަނޑު ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުގެ ފަރާތުން ފެނުނީ ވަރަށް ބޮޑަށް ފިޒިކަލް ކުޅުމެކެވެ. ފުރަތަމަ ހާފުގައި ސިޓީން ވަނީ ގޯލެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. އެ ގޮތުން 30 ވަނަ މިނިޓްގައި އޭރިއާތެެރެއިން ސިޓީގެ ފިލް ފޯޑެން ދިން ބޯޅަ އެ ޓީމުގެ އިލްކާއި ގުންޑޮގާން ފޮނުވާލި ނަމަވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

އެތުލެޓިކޯ މެޑްރިޑުން ވަނީ ފުރަތަަ ލެގާ ހިލާފަށް އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ރޭގެ މެޗުގެ ފަހު ހާފުގައި ވަރަށް ބޮޑަށް މެންޗެސްޓާ ސިޓީގެ މައްޗަށް ޑޮމިނޭޓް ކޮށްގެން ކުޅެ ފުރުސަތު ވެސް ހޯދައިފައެވެ. ނަމަވެސް ޔާއޯ ފީލިކްސް އާއި ރޮޑްރިގޯ ޑި ޕައުލް އަދި މެތިއަސް ކުންޔާ އަށް ލިބުނު ފުރުސަތުތަކުގައި ސިޓީގެ ޑިފެންސުން ތިބީ ހުށިޔާރު ވެގެންނެވެ.

މެޗުގެ 90 ވަނަ މިނިޓުގައި ސިޓީގެ ފިލް ފޮޑެން އަށް ކުރި ފައުލަކާ ގުޅިގެން އެތުލެޓިކޯގެ ޑިފެންޑަރު ފިލިޕޭ އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ. މިއާ އެކު ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ވެސް ވަނީ ހިނގައިފައެވެ.

ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީ ކުޅެން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ކަޓުވާލި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑާއެވެ. މިމެޗު މެޗުތައް އޮންނާނީ މި މަހު 26/27 އާއި އަންނަ މަހު 3/4 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.